ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލާއި މޯލްޑިވިއަން ޔޫތު ކްލައިމެޓް ނެޓްވޯކާ ގުޅިގެން ކުރިއަށް ގެންދިޔަ ޖަލާލުއްދީން ސްކޫލުގެ އިކޯ ކްލަބްގެ ހަރަކާތްތައް މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ނިންމާލާފައެވެ. ދެ މަސްދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެންވަޔަރުމެންޓަލް ސްޓިވާޑްޝިޕް ޕްރޮގްރާމް ނިންމާލިއިރު، ކްލަބްގެ ކުދިންނަށް ވަނީ އުފާވެރި ހަބަރުތަކެއް ލިބިފައެވެ. އެއީ އަންނަ އަހަރު ފެށުމާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ޕްރޮޖެކްޓް ކައްތިރި” އެކްލަބަށް ލިބިފައި ވުމެވެ.
ޕްރޮޖެކްޓް ކައްތިރި އަކީ ބްރިޓިޝް ކައުންސިލް، ގްލޯބަލް ޗޭންޖް މާރކާސް، އައިލް ފްރެޝް އަދި މޯލްޑިވިއަން ޔޫތު ކްލައިމެޓް ނެޓްވޯރކްގެ ފަންޑުގެ ދަށުން ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ މައިގަނޑު މަޤްޞަދަކީ މުޖްތަމައާއި ގުޅިގެން ތިމާވެށި ދަމަހައްޓައިދިނުމެވެ. މި ޕްރޮޖެކްޓްގައި ދަރިވަރުންނަށް ފެނުގައި ގަސްއިންދޭނެ ހައިޑްރޯޕޮނިކްސް ސިސްޓަމެއް ލިބި މޭވާއާއި ތަރުކާރީ ހައްދާ އެތަކެތި އައިލް ފްރެޝްގެ ފިހާރައަށް ވިއްކާނެއެވެ. އަދި ލިބޭ ފައިސާ ކްލަބުގެ ކަންކަމަށް ހަރަދުކޮށް އޯގަނިކް ފާރމް އެއް ތައްޔާރުކުރުމަށް ހޭދަކުރެވޭނެކަމަށް ކްލަބުން މައުލޫމާތު ދެއްވައެވެ.
އިކޯ ކްލަބުން ވޭތުވެދިޔަ 2 މަސް ދުވަހުގެ ތެރޭގައި ކުރިއަށް ގެންދިޔަ އެންވަޔަރުމެންޓަލް ސްޓިވާޑްޝިޕް ޕްރޮގްރާމްގައި ވަނީ ފާހަގަ ކޮށްލެވޭފަދަ ހަރަކާތްތަކެއް ހިންގާފައެވެ. ކްލަބުގެ ހަރަކާތްތަކުގެ މެދުތެރެއިން ނެގި ވޮލަންޓިއަރ 50 ދަރިވަރުންނާއެކު ހިންގަމުން ދިޔަ ކްލަބްގެ މައިގަނޑު މަޤްޞަދަކީ ތިމާވެއްޓާމެދު ދަރިވަރުންނާއި ރަށުގެ ރައްޔިތުން ހޭލުންތެރިކުރުވުމާއި ތިމާވެއްޓަށް ދިމާވެފައިވާ ކަންކަން ސަމާލުކަމަށް ގެނައުމެވެ.
އެޑްމިން ޓީމަކާއި، ރިސާރޗް ޓީމަކާއި، ކްރިއޭޓިވް ޓީމަކާއި، މީޑިޔާ ޓީމެއް ނަގައިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި ކަންކުރާނެ ގޮތުގެ އެކްޝަން ޕްލޭނެއް ވަނީ ތައްޔާރުކޮށް އެއަށް އަމަލު ކޮށްފައެވެ. މި ޕްލޭންއާއި އެއްގޮތަށް 75 އިންސައްތަ ނިންމާލެވިފައިވާ ކަމަށް އިކޯ ކްލަބުން މައުލޫމާތު ދެއްވައެވެ.
އެންވަޔަރުމެންޓަލް ސްޓިވާޑްޝިޕް ޕްރޮގްރާމްގައި ހިމެނުނު ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންވަނީ ސްޓަޑީ ޓުއަރ އެއް ބާއްވާފައެވެ. މި ޓުއަރގައި ބަނދަރަށާއި، އިންޖީނުގެ، ހޮސްޕިޓަލް، މޯލްޑިވްސް ވޯޓަރ އެންޑް ސީވޭޖް ކޮމްޕެނީ ފަދަ މުހިއްމު ތަންތަނަށް ވަނީ ޒިޔާރަތްކޮށްފައެވެ. މިތަންތަނަށް ޒިޔާރަތްކޮށް ދަރިވަރުންނަށް ފާހަގަ ކުރެވުނު މައްސަލަތައް ވަނީ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށްގެނެސްފައެވެ. މިގޮތުން ކުނިނައްތާލުމުގައި ދިމާވާ މައްސަލަތަކާއި ނޭޓިވް ސްޕީސީސް ތަކާއި، ފެން ރައްކާތެރިކުރުމުގައި ދިމާވާ މައްސަލަތައް ފާހަގަ ކޮށް ޕޯސްޓަރާއި ޗާޓް ފަދަ ތަކެތި ތައްޔާރުކޮށްފައިވެއެެވެ.
މީގެ އިތުރުން ކުޅުދުއްފުށީގެ ޖަމްއިއްޔާއެއް ކަމަށްވާ ޒިގެޒެގް ފޯރ ޔޫތު ލިންކޭޖާއި ގުޅިގެން ބަނދަރުމައްޗާއި ފަޅުތެރެ ސާފުކުރުމުގެ ހަރަކާތެއްވެސް ދަރިވަރުން ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ހަމަމިއާއެކު އޮކްޓޯބަރ 11 ވަނަ ދުވަހު ސްކޫލްގެ ގްރީންޑޭ ފާހަގަކޮށް ފިނިފެންމާ ޕާރކްގައި މާގަސް އިންދުމުގެ ޕްރޮގެރާމެއްވެސްވަނީ ބާއްވާފައެވެ.
ކްލަބްގެ ހަރަކާތްތައް ނިންމުމަށް ހުކުރުދުވަހުގެ ރޭ ބޭއްވި ކުޑަ ރަސްމިއްޔާތުގައި ޖަލާލުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ވިދާޅުވީ، ދަރިވަރުން ރަށު ލެވެލްގައާއި އެހެނިހެން ލެވެލްތަކުގައި ތިމާވެއްޓާމެދު ވިސްނާވިސްނުން ހަރުދަނާކުރަން ޖެހޭ ކަމަށެވެ.
“ތިމާވެށި ހިމާޔަތްކުރުމަކީ އެއްދުވަހު ނުކުމެ ރަށުތެރެ ސާފުކުރުން ފަދަ ކަމަކަށް ނުހަދާ އެއީ ދިރިއުޅުމަށް ގެންނަ ބަދަލަކަށް ހަދަންޖެހޭ. މިގޮތުން ހަކަތަ ބޭނުންކުރާލެއް މަދުކުރަން ޖެހޭ. އަދި ބޭކާރު ޚަރަދުތައް ނުކޮށް ވަސީލަތްތައް އިސްރާފު ނުކުރުމަށް އިސްކަންދޭންޖެހޭ.” ޑެޕިއުޓީ ޕްރިންސިޕަލް ވިދާޅުވި އެވެ. “ވެށީގައި ހިމެނޭ ތަންތަނަކީ އަހަރެމެން ދިރިއުޅުމާއި އާދަކާދައާވެސް ގުޅިފައި ހުންނަ ތަންތަން.”
ކްލަބުގެ ކަންކަން ހިންގާނެ ދާއިމީ ރޫމެއް ސްކޫލުގައި ޤާއިމްވެފައި ނެތުމާއި ބޭނުންވާ ކަރަންޓާއި އެހެނިހެން ބިލުތައް ލިބުމުގައި ދަތިތަކެއް ހުރިކަން ދަރިވަރުން ފާހަގަ ކުރެއެވެ. އެހެން ނަމަވެސް ވަގުތީ ގޮތުން ކްލަބުގެ ހަރަކާތްތައް ހިންގުމަށް ސްކޫލްގެ ފިޒިކްސް ލެބް ބޭނުންކުރަމުންދާއިރު ކުޅުދުއްފުށީގެ ސްކައި ޖަމްއިއްޔާ، ޒިގްޒެގް، އެސްޓީއޯ އަދި ރަށު ކައުންސިލްގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުން ދާކަން ޖަލާލުއްދީން ސްކޫލުން ފާހަގަކުރެއެވެ.
ކްލަބުގެ ހަރަކާތްތައް މިއަހަރަށް ނިމުނު އިރު ދަރިވަރުންތިބީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްގައެވެ. ކަނޑައެޅި ޕްލޭންއެއްކޮށް ފުރިހަމަނުވިނަމަވެސް ކްލަބުގެ ހުރިހާ މެމްބަރުންގެ އެއްބާރުލުމާއެކު ބޮޑުބައި ނިންމާލެވިފާވާކަން ދަރިވަރުން އުފަލާއެކު ފާހަގަކުރެއެވެ. އެހެންނަމަވެސް ހޮވާފައިވާ ވޮލަންޓިއަރުން ނެގުނުލެއް ލަސް ކަމަށާއި އެ ވޮލަންޓިއަރުންގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފޭކަމަށާއި ސްކޫލުގެ އިތުރު ހަރަކާތް ތަކުގެ ގަޑިތައް ހުންނަގޮތުން ކްލަބަށް ވަގުތު ދިނުމުގައި ދަތިތަކެއް ކުރިމަތިވާކަމަށް ބައެއް މެމްބަރުން ފާހަގަކުރެއެވެ.