ކުޅުދުއްފުށީގެ ލޯކަލް ބަނދަރު ނުވަތަ އުތުރު ކޮޅުގައި ހަދާ، މިހާރު ބޭނުން ކުރަން ފަށާފައިވާ ބަނދަރު، ބޭނުން ކުރަން ފެށިފަހުން އެންމެ ގިނަ ބަޔަކު ދައްކަމުން ދިޔައީ ބަނދަރު ބޭނުން ކުރާ ފަރާތްތަކަށް ބޯހިޔާކޮށްލާނެ ތަނެއް އެތަނުގައި ނެތް ވާހަކަ އެވެ. ކުރީ ސަރުކާރުގެ ބާޒާރު ބަނދަރު ޕްރޮޖެކްޓްގައި ރަށަށް އަންނަ ފެރީތަކާއި ބޯޓުތައް ކައިރިކުރުމަށް ފެރީ ޓާމިނަލްއެއް ހިމެނިފައި އޮތް ކަމުގައި ވިޔަސް، އެތަނެއް ވުޖޫދަށް އަންނަންދެން ވެސް، “ވަގުތީ ހިޔަލެއް” ދަތުރުވެރިންނަށް ބޭނުންވާ ވާހަކަ އަބަދުވެސް އައީ ދެކެވެމުންނެވެ. ޚާއްސަކޮށް އެއީ ކުޅުދުއްފުއްޓަށް ޒިޔާރަތްކުރާ ދަތުރުވެރިންގެ އެދުމެއް ވެސް މެއެވެ.
މިޝަކުވާތައް އަޑުއަހައި، ވަރަށް ރަނގަޅު ނިންމުމެއް ހދ. އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ. އެއީ އެސަރަޙައްދުގައި ވަގުތީ ދަތުރު ހިޔަލެއް އެޅުމެވެ. އަދި އެޕްރޮޖެކްޓް ބަޔަކާ ހަވާލުކޮށް މާގިނަ ދުވަސްތަކެއް ނުވެ މިހާރު ވަނީ ނިމުމަކާއި ހަމައަށް ގެންގޮސްފަ އެވެ. ދަތުރު ހިޔަލުގެ ބޭނުން ވަރަށް އަވަހަށް ހިފަން ފެށޭނެކަމަށް އަތޮޅު ކައުންސިލުން ވަނީ ބުނެފައެވެ.
“ދަތުރު ހިޔަލުގެ މަސައްކަތް ވަރަށް ބޮޑުބައި އެވަނީ ނިމިފައި. ކަރަންޓް ވައިރު ކުރެވިފައި ވަނީ. ފާހާނާވެސް އެބަހުރި. އެހެން ނަމަވެސް އަދި ނަރުދަމާ ޤާއިމް ނުކުރެވޭ.” އަތޮޅު ކައުންސިލްގެ ނައިބު ރައީސް ޒަކަރިއްޔާ ޙަސަން ކުޅުދުއްފުށީ އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވި އެވެ.
ކުޅުދުއްފުއްޓަށް ކޮންމެ ދުވަހަކުވެސް އެކިރަށްރަށުން އެކި ބޭނުންތަކުގައި މީހުން އާދެއެވެ. ބައެއް ދުވަސްތަކަކީ ހާހުން ގުނާލެވޭވަރަށް ކުޅުދުއްފުއްޓަށް މީހުން ޒިޔާރަތްކުރާ ދުވަސް ދުވަހެވެ. އެހެންކަމުން ދަތުރު ހިޔަލެއްގެ ފަސޭހަ ލިބެން ފެށުމަކީ ކުޅުދުއްފުށީ ރައްޔިތުންނަށާއި ކުޅުދުއްފުއްޓަށް ޒިޔާރަތްކުރާ މީހުންނަށް ލިބުނު ވަރަށް ބޮޑު ލުއި ފަސޭއެއްކަމުގައި ގިނަ ބަޔަކު ދެކެއެވެ.
“މިކަމުގެ ސަބަބުން ކުޅުދުއްފުށީގެ ރައްޔިތުންގެ އިތުރުން ކުޅުދުއްފުއްޓަށް އަންނަ ދަތުރު ވެރިންނަށް ވަރަށް ފަސޭހަ ވާނެ. މިހާރު ޖެހެނީ ދޭހާ އަތްވެއްގައި ވެހޭހާ ވާރޭގައި ބަނދަރު މަތީގައި ތިބެން.” ކުޅުދުއްފުށީ އޮންލައިންގައި ޖަހާފައި އޮތް ހަބަރަށް ކިޔުންތެރިއެއް ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައި ވެއެވެ.
ހދ. އަތޮޅު ކައުންސިލްގެ މެމްބަރެއް ކަމުގައިވާ ޢަލީ މުޙައްމަދު ކުޅުދުއްފުށީ އޮންލައިން އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ދަތުރު ހިޔަލެއް ނެތުމުން ދަތުރުވެރިންނަށް ވަރަށް ބޮޑެތި އުނދަގުލާ ކުރިމަތި ލާންޖެހިފައި ވާކަމަށެވެ.
“ހިޔާވާނެ ތަނެއް ނެތުމުން ދަތުރުވެރިން ގެންގުޅޭ ކަރުދާހު ފޮށިގަނޑު ގަނޑާއި ގަނެގެން ގެންދާ އަންނައުނު ފަދަ ތަކެތި ތެމި ފޯވެ އެތައް ގެއްލުމެއް އެބަވޭ. އަދި ކުޑަކުދިން ގޮވައިގެން ފުރަން ގޮސް ތިބޭއިރު ވިއްސާރައިން ހިޔާވާނެ ތަނެއް ނެތުންވެސް އެއީ ވަރަށް ދެރަކަމެއް.” ޢަލީ މުޙައްމަދު ވިދާޅުވި އެވެ.
ދަތުރު ހިޔާ މިއީ ދަތުރުވެރިންނަށް ދެވުނު މެހެމާންދާރީގެ ހަދިޔާއެކެވެ. ނަމަވެސް މެހެމާންދާރީ އަޅާ އިމާރާތަކާއި ހިސާބުން ނިންމާލައިގެން ނުވާނެއެވެ. މެހެމާންދާރީ އަދާކުރުމުގައި ކުޅުދުއްފުށީ ރައްޔިތުން ކުރިއެކޭ އެއްގޮތަށް މިހާރު ވެސް މިސާލު ދައްކައިދޭން ޖެހެއެވެ.
“މިރަށަށް ޒިޔާރަތްކުރާ މީހުންނަށް މެހެމާންދާރީ އަދާކުރުމުގައި މިރަށުގެ ރައްޔިތުންނަކީ ލާމަސީލު ބައެއް. ތާރީޚް ހެކިދޭނެ މިރަށު މީހުންގެ މެހެމާންދާރީގެ ފުރިހަމަ ކަމަށް. އެހެންކަމުން އެކަން ދިރުވާ އާލާކުރަން އެބަޖެހޭ. ކޮންމެ ރައްޔިތެއްވެސް ހިތްހެޔޮކަމާއެކު ދަތުރުވެރިންނަށް ޚިދުމަތް ދޭންޖެހޭނެ.” ޢަލީ ވިދާޅުވި އެވެ.
މާޒީގައި ކުޅުދުއްފުށީގެ ރައްޔިތުންނަކީ ރަށަށް ޒިޔާރަތްކުރާ މީހުންނަށް ކިތަންމެ ހިތްހެޔޮކޮށް ކަމޭހިތާ މެހެމާންދާރީ އަދާކުރި ބަޔެއް ކަމުގައި ވިޔަސް، މިހާރު އެ ސަގާފަތް އުވެމުން ދާކަމީ ގަބޫލު ކުރަން ބޭނުން ނުވިޔަސް، މިހާރުގެ ހަގީގަތެވެ. ނަމަވެސް އަދިވެސް އެމާޒީ އިއާދަ ކުރެވިދާނެ އެވެ. ދޯނި ކައިރިކޮށްލުމުން މޫޓުގައި ދޯނީގެ ވާއައްސާލާ މީހާ އިން ފެށިގެން، ޓެކްސީ ޑްރައިވަރުންނާއި، ފިހާރަތަކުގައި ތިބޭ ކުދިންނާއި، ހޮސްޕިޓަލުގައި ތިބޭ ނަރުހުންނާއި ސައިހޮޓާތަކާއި ކެފޭތަކުގައި ތިބޭ ވޭޓަރުންނަށް ދާންދެން މިކަން މިއީ މުހިއްމު ކަމެއް ކަމުގައި ދެކިއްޖެނަމަ، ކުޅުދުއްފުށީ ގެ މީހުންނަކީ ބީރައްޓެހިން، ރައްޓެހިންނަށް ހަދާބަޔަކަށް ވެވޭނެއެވެ.