މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ޖާރނީގެ ފަރާތުން ކުޅުދުއްފުށީގައި ބޭއްވި ކެޕޭސިޓީ ބިލްޑިންގ ވޯކްޝޮޕް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.
މިމަހުގެ 25 އިން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ މި ވޯކްޝޮޕަކީ މަސްތުވާ ތަކެއްޗާއި އެޗްއައިވީ އަދި ޖިންސީ ގުޅުމުން އަރާބަލިތަކާއިމެދު ޒުވާނުން ހޭލުންތެރިކޮށް ޕިއަރ އެޑިއުކޭޓަރސް އުފައްދާ ތަމްރީން ކުރުމަށް ބޭއްވި ވޯކްޝޮޕެކެވެ.
ވޯކްޝޮޕް ނިންމުމުގެ ގޮތުން ރޭ ގައުމީ އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރީ، ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު އެވެ. އެ ރަސްމިއްޔާތުގައި ޒިޔާދު ރަޝާދު ދެއްކެވި ވާހަކައިގައި އެހެން ބައެއް ރަށްރަށުގައި މަސްތުވާތަކެތީގެ ވަބާ ފެތުރިފައިވާ ވަރަށް ކުޅުދުއްފުށީގައި އެ ވަބާ ފެތުރިފައި ނުވިނަމަވެސް، ޒުވާނުން ހޭލާ ތިބުމަށް ގޮވާލެއްވިއެވެ. އަދި ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ބޭނުންކުރުމަށް ނަސޭހަތްތެރިވެލެއްވި އެވެ.
މިރަސްމިއްޔާތުގައި ޖާރނީގެ ސީއީއޯ މުހައްމަދު ޝުއައިބް ވިދާޅުވީ ވޯރކްޝޮޕް ނިމުނު ނަމަވެސް ދަސްވި އެއްޗެއްގެ އަލީގައި މަސައްކަތް ކުރުމަށެވެ.
ޖުމްލަ 30 ބައިވެރިން ބައިވެރިވި މި ވޯރކްޝޮޕްގެ ބައިވެރިއެއްގެ ހައިސިއްޔަތުން މިރަސްމިއްޔާތުގައި ވާހަކަދެއްކި އިނާޔަތު އަލީ އެވެ.
މި ވޯކްޝޮޕްގައި ކިޔަވައިދެއްވީ ޖާރނީގެ އަލީ އަދީބާއި މުހައްމަދު ރާޝިދެވެ. ތިޔަރީ ޝެޝަންތައް ޤައުމީ އިދާރައިގައި ކުރިއަށްދިޔަ ނަމަވެސް ބައިވެރިން އިއްޔެ ވަނީ އައުޓް ރީޗަށް ނުކުމެ އާއްމުންނާއި މައުލޫމާތު ހިއްސާ ކޮށްފައެވެ. އަދި އެއިޑްސް ދުވަސް ފާހަގަ ކުރުމަށް ހިނގާލުމެއް ބޭއްވުމަށްވެސް ބައިވެރިން އަންނަނީ ތައްޔާރުވަމުންނެވެ.
މިއަދު 7 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުންދާ ޖާރނީ އަކީ މަސްތުވާ ތަކެއްޗާއި، އެއިޑްސް އަދި ޖިންސީ ގުޅުމުން އަރާބަލިތަކާއިމެދު މުޖްތަމައު ހޭލުންތެރި ކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެކެވެ. ޖާރނީން ވަނީ މިއަހަރުގެ ތެރޭގައި މިކަހަލަ 5 ވޯކްޝޮޕް ބާއްވާފައެވެ. އަދި އަހަރު ނިމުމުގެ ކުރިން އިތުރު 5 ވޯކްޝޮޕް ބޭއްވޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއްވައެވެ.