ކުޅުދުއްފުށީ ރައްޔިތުންގެ އެއްބާރުލުން ލިބިއްޖެނަމަ އަންހެނުންގެ ކޮމިޓީގެ މަސައްކަތްތައް ވަރަށް ކާމިޔާބު ވާނެކަމަށް ކުޅުދުއްފުށީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސަކަށް އިންތިޚާބްވެފައިވާ އުއްމުކުލްސޫމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އުއްމުކުލްސޫމް މިހެން ވިދާޅުވީ ކޮމެޓީގެ ރައީސާއަކަށް އިންތިހާބުވުމަށްފަހު މީޑިޔާއަކަށް ދެއްވި ފުރަތަމަ އިންޓަވިޔު، ކުޅުދުއްފުށީ އޮންލައިން އަށް ދެއްވަމުންނެވެ. އުއްމު ވިދާޅުވި ގޮތުގައި އަންހެނުންގެ ކޮމިޓީން މިހާރު ގެންދަނީ ރަށުގެ ތަރައްޤީ އާއި ގުޅޭ ކަންކަމާއި މެދު އެކި ފަރާތް ތަކާއިއެކު ބައްދަލުވުންތައް ބާއްވާ ޚިޔާލް ހޯދަމުންނެވެ.
އަލަށް އިންތިހާބުކުރި ކުޅުދުއްފުށީގެ އަންހެނުންގެ ކޮމެޓީ އިން ވަނީ، ހުކުރު ދުވަހުގެ ރޭ، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ޖާރނީ އާއި އެކު ބައްދަލުވުމެއް ބާއްވާފައެވެ. އަދި ލާމަރުކަޒީ ގާނޫނު އައުމުގެ ކުރިން ކުޅުދުއްފުށީގައި އޮތް އަންހެނުންގެ ކޮމިޓީއާއި އެކުވެސް މަޝްވަރާ ކުރަމުންދާ ކަމަށް އުއްމުކުލްސޫމް ވިދާޅުވި އެވެ.
އުއްމު ވިދާޅުވީ ކޮމެޓީގެ މަސައްކަތްތަކަށް އޮތް އެންމެ ބޮޑު އެއް ދައްޗަކީ ފައިސާގެ ދަތިކަން ކަމަށެވެ. އެހެންނަމަވެސް އެކަމުގައި ވެސް މަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ.
“ކޮމިޓީގެ އިންތިޚާބާއި ކުރިމަތިލީ ގޮންޖެހުންތަކެއް ހުރިކަން ދަނެގެން. ބޭނުމަކީ ރަށަށް ޚިދުމަތް ކޮށްދިނުން. މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ފައިސާގެ ދަތިކަން. ލާމަރުކަޒީ ޤާނޫނުން ލާޒިމްކުރާ ކުރީގެ ކޮމިޓީގެ މިލްކިއްޔާތުގައި ހުރި ފައިސާ ހޯދުމުގެ މަސައްކަތްވެސް އެބަކުރަން” އުއްމު ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ ތަރައްޤީއަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ “ކޮންމެ ކަމެއްގައިވެސް މީހުން ދެކޭ ގޮތް ކަމުނުދިއުން” ކަމަށް އުއްމު ކުލްސޫމް ވިދާޅުވި އެވެ. އެހެންކަމުން ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރި ކުރަން ޖެހިފައިވާ ކަން އުއްމު ފާހަގަ ކުރެއްވިއެވެ.
އަދި އަންހެނުންގެ ކޮމިޓީއަށް ރައްޔިތުންނާއި ރަށުގެ ކްލަބް ތަކާއި އެހެނިހެން މުއައްސަސާ ތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
* ހަބަރު ޝާއިއުކުރިފަހުން ވަނީ އިސްލާހުކުރެވިފައި