ރާއްޖޭގެ ސިޔާސީ ދާއިރާގެ އެކިފަރާތްތަކުން ކެމްޕެއިން ދަތުރުތަކުގައާއި އެހެނިހެން ކަންކަމުގައި ރަށްރަށަށް ދިއުމުން ސަޕޯޓް ކުރާ މީހުންގެ މަރުހަބާ އާއި އެއްވަރަށް ސަޕޯޓް ނުކުރާ މީހުންގެ ނުރުހުން ފާޅުކުރުމުގެ ތަފާތު އުކުޅުތައް ފެނެއެވެ. މިގޮތުން މިއަދު ވަނީ އާދަޔާ ޚިލާފު ކަމެއް ފެނިފައެވެ. އެއީ ރަށެއްގެ ފިހާރަތައް ބަންދު ކުރުމެވެ.
ތިލަދުންމަތީ ވައުދުގެ ދަތުރުގެ ނަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިހާރު ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހދ. ކުމުންދޫ އަށް ވަޑައިގަތުމުން އެރަށުގެ ފިހާރަތައް ވަނީ ބަންދުކޮށްފަ އެވެ.
ރައީސް ނަޝީދު މިއަދު ހަވީރު ފަހެއް ޖަހާކަންހާއިރު ކުމުންދުއަށް ވަޑައިގަތުމުން އެމަނިކުފާނަށް ސަޕޯޓްކުރާ ފަރާތްތަކުން ވަނީ އެރަށުގެ ބަނދަރުމަތިން މަރުހަބާ ކިޔާފައެވެ. ނަމަވެސް އެމަނިކުފާނު ހިންގަވާފައި ރަށުތެރެއަށް ވަޑައިގެންނެވިއިރު ބައެއް މީހުން ވަނީ ނުރުހުމުގެ ބަސްތަކުން އެމަނިކުފާނަށް އެއްޗެހި ގޮވާފައެވެ. އަދި ބައެއް ގޭގޭގައި އަޑުގަދަކޮށް ލަވަޖަހާފައި ހުއްޓެވެ.
އެމަނިކުފާނު ހިންގަވާފައި ވަޑައިގަންނަވަނިކޮށް ފިހާރަތައް ބަންދު ކުރީ ކީއްވެތޯ އަހާލުމުން ބައެއް މީހުން ސަމާސާގެ ރާގަކަށް ބުނެފައިވަނީ “ވަގުން އަރަންޏާ ބަންދު ކުރަން ޖެހޭ” ކަމަށެވެ. ނަޝީދު ކުމުންދޫ އަށް ވަޑައިގަތުމުން އެރަށުގައި ހުންނަ 6 ފިހާރަ ވެސް ވަނީ ބަންދުކޮށްފައެވެ. އަދި މިރޭ އެއްވެސް ފިހާރައެއް ހުޅުވާފައެއް ނުވެއެވެ.
ކުމުންދުއަށް މިއަދު ހަވީރު ވަޑައިގެން ނަޝީދު ވަނީ އެރަށު ކައުންސިލްގެ ބައެއް މެމްބަރުންނާއެކު އެމްޑީޕީއަށް ތާއީދު ކުރާ ފަރާތްތަކާ ބައްދަލު ކުރައްވާފައެވެ. އަދި މިރޭ ވެސް ވަނީ ދެ ބައްދަލުވުމެއް ބާއްވާ އެކިފަރާތްތަކާ ބައްދަލު ކުރައްވާފައެވެ.
މިބައްދަލު ކުރެއްވުންތަކުގައި ރަށުގެ ތަރައްގީގެ ކަންތައްތައް ކުރިއަށް ދާގޮތާމެދު ސުވާލު ކުރައްވާ މަޢުލޫމާތު އޮޅުންފިލުއްވިއެވެ. އަދި ރަށުގެ ތަރައްގީއަށް ކައުންސިލުން ކުރަމުންދާ މަސައްކަތާއި ރާވާފައިވާ ކަންތައްތައް އައްސަވާ ޚިޔާލު ބަދަލު ކުރެއްވި އެވެ. މީގެ އިތުރުން ކުމުންދޫގައި އެޅުމަށް ކުރިން ނިންމާފައި އޮތް ގެސްޓްހައުސް އެއްގެ މަސައްކަތުގެ ވާހަކަ ވެސް އޮޅުންފިލުއްވިއެވެ. އަދި ކުމުންދޫގައި އެމްޑީޕީގެ ޖަގަހައެއް އެޅުމުގެ މުހިއްމުކަން ފާހަގަ ކުރެއްވި އެވެ.
ރައީސް ނަޝީދުގެ އަރިހުގައި ކުރީގެ ފޮރިން މިނިސްޓަރ ކެރަފާ ނަސީމް އާއި ހޯމް މިނިސްޓަރ އަފީފާއި ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް ވަހީދު (އެންސްޕާ ވަހީދު) ކުމުންދުއަށް ވަޑައިގަތެވެ. މީގެ އިތުރުން ހދ. އަތޮޅު ކައުންސިލްގެ ރައީސާއި ކުޅުދުއްފުށީ ކައުންސިލްގެ ބައެއް މެމްބަރުން ވެސް މިދަތުރުގައި ބައިވެރިވިއެވެ.
ރައީސް ނަޝީދު މީގެ ކުރިން ކުމުންދުއަށް ވަޑައިގެންނެވި ދެފަހަރެއްގައި ވެސް އެރަށުގެ ފިހާރަތައް ވަނީ ބަންދުކޮށްފަ އެވެ.