ހދ ހަނިމާދޫ ތަރައްޤީ ނުކޮށް އުތުރެއް އަދި ހދ އަތޮޅެއްވެސް ތަރައްޤީއެއް ނުކުރެވޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ބޮޑު ތިލަދުންމަތީ ވައުދުގެ ދަތުރުގައި ރޭ ހަނިމާދޫ ބަނދަރުމަތީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
“މިރަށް (ހަނިމާދޫ) ތަރައްޤީ ނުކޮށް މިއަތޮޅެއް އަދި އުތުރުގެ އެއްވެސް ރަށެއް ތަރައްޤީ އެއް ނުކުރެވޭނެ. ފުރަތަމަ ތަރައްޤީ ކުރަންވާނީ ހަނިމާދޫ. ހަނިމާދޫ ތަރައްޤީ ވެގެން އުތުރު ތަރައްޤީ ވާނީ” ބޮޑު ތިލަދުންމަތީގައި އޮތް ހަމައެކަނި އެއަރޕޯޓް އޮތީ ހަނިމާދޫގައި ކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.
ހަނިމާދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ހދ އަތޮޅުގެ ކައުންސިލް ގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންނާއި ކުރީގެ ބައެއް ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުން ބައިވެރިވެފައިވެ އެވެ.
އިއްޔެ ހަނިމާދޫއަށް ވަޑައިގަތުމުގެ ކުރިން ނަޝީދު ވަނީ ހދ ނޮޅިވަރަމަށާއި ނޮޅިވަރަންފަރަށް ވަޑައިގެންފައެވެ.
ނޮޅިވަރަންފަރަށް ނަޝީދު ވަޑައިގަތުމުން އެމަނިކުފާނާއި ދެކޮޅަށް އެރަށުގެ ބަނދަރު މަތީގައި ވަނީ މުޒާހަރާ ކޮށްފައެވެ. އަދި އެމްޑީޕީގެ މެމްބަރުންނާއި ނަޝީދާއި ދެކޮޅު ފަރާތްތަކާއި ދެމެދު ބަހުގެ ހޫނު ހަމަލާތައް ވަނީ ބަދަލު ކުރެވިފައެވެ. އެހެންނަމަވެސް އިތުރު ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ.
މިއަދު ބޮޑު ތިލަދުން މަތީ ވައުދުގެ ދަތުރުގައި އެމްޑީޕީއިން ކުޅުދުއްފުއްޓަށް އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.