ކުޅުދުއްފުށީ ކައުންސިލާއި ޒޯން ސްޓޭޑިއަމް ހަވާލުކުރިފަހުން އަހަރެއް ވެފައިވާއިރު އަދިވެސް އެތަން ހިންގާނެ ފަރާތެއް ހޯދަން އިއުލާން ކޮށްފައެއް ނުވެއެވެ.
ކުޅުދުއްފުށީ އޮންލައިނުން ކުރި ސުވާލަކަށް ޖަވާބްދެއްވަމުން ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒް ވިދާޅުވީ ޒޯން ސްޓޭޑިއަމް ހިންގާނެ ފަރާތެއް ހޯދަން އަދި އެއްވެސް ގޮތަކަށް އިއުލާންކޮށްފައި ނުވާ ކަމަށާއި ސްޓޭޑިއަމް އަމިއްލަ ބަޔަކަށް ދޫކުރުމާމެދު ކައުންސިލުން ޔޫތު މިނިސްޓްރީގެ މަޝްވަރާ ހޯދާފައިވާ ކަމަށެވެ.
އަދި ސްޓޭޑިއަމްގައި ބޮޑެތި މަރާމާތު ތަކެއް ކުރަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
” އަދި އިއުލާން ކޮށްފައެއްނުވާނެ. އަޅުގަނޑުމެން ވާނީ މިނިސްޓްރީއާއި ވާހަކަދައްކާފަ މިކަމާ ގުޅޭގޮތުން. މިހާރު ސްޓޭޑިއަމްގެ ސިޑިބަރިއާއި އެތަނުގެ ފުރާޅުވެސް ވަނީ ވަރަށް ބާވެފަ. އެތަން ވެސް އެބަޖެހޭ ރަނގަޅު ކުރަން” ރަމީޒް ވިދާޅުވި އެވެ.
ޒޯން ސްޓޭޑިއަމް ކައުންސިލާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު އެވެ. ޒޯން ސްޓޭޑިއަމް ކުޅުދުއްފުށީ ކައުންސިލާއި ހަވާލުކުރުމަށް ބޭއްވި ރަސްމިޔާތުގައި އޭރުގެ ޔޫތު މިނިސްޓަރ ހަސަން ލަތީފް ވިދާޅުވީ، މިސަރަހައްދުގެ ޒޯން ސްޓޭޑިއަމް ކުޅުދުއްފުށީ ކައުންސިލާއި ހަވާލުކުރެވުނީ ވަކި މުއްދަތެއްގެ ތެރޭގައި ސްޓޭޑިއަމް ހިންގުން އަމިއްލަ ފަރާތަކާއި ހަވާލުކުރުމުގެ ބޭނުމުގައި ކަމަށެވެ.
ސްޓޭޑިއަމް އަށް ކުޅެންދާ ބައެއް މީހުން ބުނިގޮތުގައި ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ސްޓޭޑިއަމް އޮތީ “ބަލާނެ މީހަކުނެތް” ތަނެއްގެ ގޮތުގައި އެވެ. ސްޓޭޑިއަމްގައި ހުންނަ ބާސްކެޓް ކޯޓްވެސް ވަރަށް ބޮޑަށް ވަނީ ހަލާކުވެފައި އެވެ.
ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ވިދާޅުވީ، ބާސްކެޓް ކޯޓުގެ މަރާމާތުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ. އެހެންނަމަވެސް ސްޓޭޑިއަމް ވަކި ބަޔަކާ ހަވާލުކުރާނެކަން އަދި ހަވާލުކުރެވޭނެ ތާރީހެއް ވެސް ދަންނަވަން ދަތިކަމަށް ރަމީޒް ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ކުޅުދުއްފުށީ ސްޓޭޑިއަމްގެ އެކި މަސައްކަތްތަކަށް ޖުމްލަ 1.3 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.