ހދ ހޮނޑައިދޫ ބެލެހެއްޓުން ވަގުތީ ގޮތުން ބެލެހެއްޓުން އަތޮޅު ކައުންސިލާ ހަވާލު ކޮށްފިއެވެ.
އަތޮޅު ކައުންސިލްގެ ނައިބު ރައީސް ޒަކަރިއްޔާ ހަސަން މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަތޮޅު ކައުންސިލާއި ހޮނޑައިދޫ ހަވާލު ކުރީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރި އިން އިއްޔެ ފޮނުވި ސިޓީ އަކުން ކަމަށެވެ. އެހެންކަމުން އަތޮޅު ކައުންސިލުގެ ފަރާތުން އެރަށުގެ ހާލަތު ބަލާލުމަށް އިއްޔެ ދަތުރެއް ކޮށްފައިވާ ކަމަށް ވެސް ޒަކަރިއްޔާ ވިދާޅުވިއެވެ.
ޒަކަރިއްޔާ ވިދާޅުވީ އެރަށުގައި ފާލަމެއް އަޅާފައިވާ ކަމަށާއި އެއީ ދަނޑުވެރިކަން ކުރަން ދޫކޮށްފައިވާ ރަށެއް ނަމަވެސް އެކަމުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.
އަދި ވަރަށްގިނަ މުދާ އެބަހުރި ކަމަށާއި 30 ދުވަހުގެ ތެރޭގައި އެތަކެތި ކައުންސިލްގެ ބެލުމުގެ ދަށުން ހުސްކުރުމަށް ކުރިން އެރަށާއި ހަވާލުވެފައިވާ ޔޮޓް ޓުއާސް މޯލްޑިވްސް އަށް މިހާރު އަންގާފައިވާ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. 30 ދުވަހުގެ މުހުލަތު މިމަހުގެ 25ހަށް ހަމަވާނެކަންވެސް ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ.
” ފާލަމެއް އަޅާފަ އޮތީ. ފައިބާ ހަދަން އުނދަގުލެއްނުވި. މަގެއްވެސް އޮތް ހަދާފަ އޮތް. ދަނޑުވެރި ކަމަށް ދޫކޮށްފައޮތް ރަށެއްއެއީ. އެކަމަކު އެއްވެސް އެކަހަލަ މަސައްކަތެއް ކޮށްފައެއް ނުވޭ.” ޒަކަރިއްޔާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހިއްސާވާ ޔޮޓް ޓުއާސް މޯލްޑިވްސް އަށް ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއީ މަސައްކަތްކުރަން ދިން މިރަށުގެ އެއްބަސްވުން އުވާލީ މިދިޔަ ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހުއެވެ.
ކުރީގެ ރައީސް ނަޝީދުގެ ހާއްސަ މުޝީރު އިބްރާހިމް ހުސެއިން ޒަކީ އާއި މަޖިލިސް މެމްބަރު އަބްދު ﷲ ޖާބިރާއި މެމްބަރު ހާމިދު އަބްދުލް ޤަފޫރު އަދި ސިޔާސީ ބަޔަކު އެރަށުގައި ބަނގުރާ ބުއިކަމުގެ ތުހުމަތުގައި ދާދި ފަހުން ވަނީ ހައްޔަރު ކޮށްފައެވެ.