އަންނަ އަހަރުގެ ޖެނުއަރީގައި، ހިއުމަން ރައިޓްސް އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތްތައް ފަށާނެކަމަށް ހިއުމަން ރައިޓްސް ޑިފެންޑަރސްގެ ގޮތުގައި އަލަށް އެކްރެޑިޓްވި ދެ ބައިވެރިން ބުނެފި އެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކާއި ޔޫއެންޑީޕީ ގުޅިގެން ހުސްވި ނޮވެމްބަރ މަހުގެ 26 އިން މިމަހުގެ 5 ގެ ނިޔަލަށް އައްޑޫ ސިޓީ ގަން އައިލެންޑް ރިޓްރީޓްގައި ކުރިއަށްދިޔަ ހިއުމަން ރައިޓްސް ޑިފެންޑަރސް ތަމްރީން ކުރުމުގެ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ފުރިހަމަ ކޮށްފައިވަނީ ކުޅުދުއްފުށި ރަސްފުށި އަބްދުﷲ އިބްރާހިމް އަދި ތުޅާގިރި، އަފީފާ އާދަމް އެވެ.
އެ ދެ ބައިވެރިން ކުޅުދުއްފުށި އޮންލައިން އަށް ދެއްވި ބަސްދީގަތުމެއްގައި ބުނިގޮތުގައި ހިއުމަން ރައިޓްސްއާ ގުޅޭ 6 މަސްދުވަހުގެ އެކްޝަން ޕްލޭނެއް ވަނީ ތައްޔާރުކޮށްފައި އެވެ. އަދި ޖެނުއަރީމަހުގެ ތެރޭގައި އެ އެކްޝަން ޕްލޭނާ އެއްގޮތަށް ކުޅުދުއްފުށީގައި މަސައްކަތް ފަށާނެ އެވެ.
މި ޕްރޮގަރާމްގެ މުހިއްމު އެއް ބައި ކަމަށްވާ އެކްޝަން ޕްލޭންގައި ކުޅުދުއްފުއްޓަށް އިސްކަންދީފައިވާ ކަންކަމުގެ ތެރޭގައި މިވަގުތަށް އެންމެ މުހިއްމު ކަންކަން ހިމަނާފައިވާނެ ކަމަށް ބައިވެރިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ޚާއްސަ އެހީ އަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނަށް އަމާޒުކޮށް ޕްރޮގްރާމްތައް ހިންގުމާއި، ބަދު އަޚްލާޤީ އަމަލްތައް ސަމާލުކަމަށް ގެނައުމާއި، ވައްކަމާއި، ނަރުދަމާގެ އަސާސީ ޚިދުމަތަށް އަގު ނަގާ ހަމައެކަނި ރަށެއްގެ ގޮތުގައި ކުޅުދުއްފުށި އޮތުމުން ގެއްލިގެންދާ ރައްޔިތުންގެ ހައްގުތައްވެސް ވަނީ ހިމަނާފައެވެ.
“އަޅުގަނޑުމެން ހިމަނާފަ މިވަނީ މިވަގުތަށް އެންމެ މުހިއްމު ކަމަށް ފެންނަ ކަންތައްތައް. ދެން މިކަންތައްތައް ކުރެވޭނީ ކައުންސިލް އިދާރާ އާއި، ޕޮލިސް ސާވިސްއާއި، އަންހެނުންގެ ކޮމިޓީއާއި އަދިވެސް އެހެނިހެން މުއައްސަސާ ތަކާއި ގުޅިގެން.” ބައިވެރިއަކު ބުންޏެވެ.
ހިއުމަން ރައިޓްސް ޑިފެންޑަރސްގެ ގޮތުގައި އަލަށް ހަރަކާތްތެރިވާ ދެ ބައިވެރިން ބުނީ މިހާރުވެސް ކުޅުދުއްފުށީގައި 4 ހިއުމަން ރައިޓްސް ޑިފެންޑަރުން އުޅޭ ކަމަށާއި އެއީ ކޮންބައެއް ކަން ހޯދުމަށްފަހު ގުޅިގެން މަސައްކަތްކުރަން ވިސްނަމުންދާ ކަމަށެވެ.
“މިހާރުވެސް ރަށުގަ 4 ހިއުމަން ރައިޓްސް ޑިފެންޑަރުން އެބައުޅޭ. އަޅުގަނޑުމެންގެ ގިނަ ބަޔަކަށް މިކަން ނުއެއް އެނގޭ. އެމީހުންނާއި ގުޅިގެން މަސައްކަތް ކުރަން އަޅުގަނޑުމެން ބޭނުންވަނީ.” 2 ބައިވެރިންގެ ތެރެއިން ބައިވެރިއަކު ބުންޏެވެ.
10 ދުވަހުގެ މި ތަމްރީން ޕްރޮގްރާމްގައި ހިއުމަން ރައިޓްސް ޑިފެންޑަރސްގެ މެނުއަލް ބައިވެރިން ވަނީ ދަސްކޮށްފައެވެ. އަދި ކޮންފްލިކްޓް ރިޒޮލިއުޝަނާއި އިންސާނީ ހައްގުތަކާއި، ދިމިގްރާތީ ނިޒާމާއި ބެހޭ މައުލޫމާތުވެސް ވަނީ ކިޔަވާފައެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކާއި ޔޫއެންޑީޕީ ގުޅިގެން ބޭއްވި މި ތަމްރީން ޕްރޮގްރާމްގައި ރާއްޖޭގެ އެކި ހިސާބްތަކުން 37 ކުއްޖަކު ބައިވެރިވެ، ދެވުނު ޓެސްޓުން ފާސްވެ 33 ކުއްޖަކު ވަނީ 2012 ވަނަ އަހަރު އަލަށް ހިއުމަން ރައިޓްސް ޑިފެންޑަރސްގެ ގޮތުގައި އެކްރެޑިޓް ވެފައެވެ.
މިއަދަކީ ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަ ކުރާ އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ ދުވަހެވެ.