މިއަހަރު ނިމުމުގެ ކުރިން ކުޅުދުއްފުށީ އަމީނީމަގުގައި ގައު އަތުރައިފިނަމަ އެމަގުގައި އެކޮޅުކޮޅުން ހިންގަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޤަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ޤަފޫރު މިހެން ވިދާޅުވީ އެމްޑީޕީން ބޮޑުތިލަދުންމައްޗަށް ކުރި ވައުދުގެ ދަތުރު ނިންމުމުގެ ގޮތުން ރޭ ކުޅުދުއްފުށި ބަންޑާރަ މައިދާނުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
“ލާހިކެއް ނޫން ބާޣީ ވަހީދަކަށް (ރައީސް ވަހީދު) 2012 ވަނަ އަހަރު ނިމުމުގެ ކުރިން އަމީނީ މަގުގަ ގައު އަތުރާކަށް. 2012 ވަނަ އަހަރުގެ ކުރިން އަމީނީ މަގުގައި ގައު އަތުރައިފިނަމަ އަޅުގަނޑު އެކޮޅުކޮޅުން އެމަގުގައި ހިނގާނަން” ގަފޫރު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ޤަފޫރު ވިދާޅުވީ އެމްޑީޕީ އަށް ވެރިކަން ލިބޭތާ ފުރަތަމަ އަހަރުގެ ތެރޭގައި މާލެއާއި އެއްފެންވަރުގެ ހޮސްޕިޓަލެއް ކުޅުދުއްފުށީގައި އަޅާނެ ކަމަށާއި، ހަނިމާދޫ އެއަރޕޯޓް އިންޓަރނޭޝަނަލް ކުރާނެ ކަމަށެވެ. އަދި މިހާރު މިއޮތް ސަރުކާރުން މިރަށުގެ ތަރައްޤީ އަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށް ވިދާޅުވެ މިހާރުގެ ސަރުކާރު ވައްޓާލަން ނުކުތުމަށް ގަފޫރު ގޮވާލެއްވި އެވެ.
7 ފެބްރުއަރީގެ ފަހުން 3 ފަހަރެއްގެ މަތިން އަމީނީމަގުގައި ގައު އެތުރުމުގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އަލުން ވަނީ އެމަސައްކަތް ފަށާފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މި މަސައްކަތް ނިންމާލެވެތޯ ބަލަމުންދާ ކަމަށް އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް ވަނީ ވިދާޅުވެފަ އެވެ.