މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ކުޅުދުއްފުށީ އަމީނީމަގުގެ މަސައްކަތް ނިންމުން ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ އޮންލައިނުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނަޒީމް ވިދާޅުވީ މިހާރު ކުރިއަށްދަނީ މަގުގެ މެދުގައި ޑިވައިޑަރ ޖެހުމުގެ މަސައްކަތް ކަމަށާއި މިއަހަރު ނިމުމުގެ ކުރިން މަސައްކަތް ނިންމާލެވޭތޯ ބަލަމުންދާ ކަަމަށެވެ.
މަސައްކަތް ލަސްވެގެން މިދިޔައީ ގައު ނުލިބިގެން ކަމަށާއި މަގަށް ބޭނުންވާ ގަލުގެ ފުރަތަމަ ސްޓޮކް އައިސްފައިވާ ކަމަށް ނަޒީމް ވިދާޅުވި އެވެ. އަދި ދެވަނަ ސްޓޮކް 10 ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށްވެސް ނަޒީމް ވިދާޅުވި އެވެ.
“މިހާރު ކުރިއަށް މިދަނީ މަގު މެދުގަ ޑިވައިޑަރުތައް ޖެހުން. ދެން ލަސްވެގެން މިދިޔައީ ގައު ނިލިބިގެން. ރާއްޖެއިން ބެރުން މި ގެންނަން ޖެހެނީ. ފުރަތަމަ ސްޓޮކް އަދި އެ އައީ. މިބައި ނިމޭއިރަށް 10 ވަރަކަށް ދުވަހުގެ ތެރޭގަ ދެވަނަ ސްޓޮކް އަންނާނެ. ” ނަޒީމް ވިދާޅުވި އެވެ.
މީގެ އިތުރުން ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން މަގުގެ ދެފަރާތުގައި ހަދާފައިވާ ކާނު ލައިނުގައި ތާށިވެފައިވާ ވެލީގެ ބޮޑު ބައެއް ސާފު ކުރެވިފައިވާ ކަަމަށާއި، އެ ލައިންތައް އެއްކޮށް ސާފުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށްވެސް ނަޒީމް ވިދާޅުވި އެވެ.
“ކާނުތައް ސާފު ކުރުން އެއީ މާ އުނދަގު ކަމެއް ނޫން. މިކަންވެސް ވަރަށް އަވަހަށް ނިމޭނެ. އަދި އިރާދަކުރެއްވިއްޔާ މަގުވެސް ވަރަށް އަވަހަށް ނިމެނެ.” ނަޒީމް ވިދާޅުވި އެވެ.
މަސައްކަތް ހުއްޓިފައިވާތާ އެތައް ދުވަހަކަށް ފަހު އަމީނީ މަގުގެ ގައު އެތުރުމުގެ މަސައްކަތް އަލުން ފަށާފައިވަނީ މިދިޔަ މަހުގެ 15 ހާތާ ކަަމަށް އެމްއާރުޑީސީ އިން މައުލޫމާތު ދެއްވައެވެ.
އެމްއާރުޑީސީން މިއަހަރު ނިމުމުގެ ކުރިން މަގު ހެދޭނެ ކަމަށް ބުނިނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވެފައިވަނީ މިއަހަރު ނިމުމުގެ ކުރިން އަމީނީމަގުގެ މަސައްކަތް ނިންމާނުލެވޭނެ ކަމަށެވެ.