އެމްޑީޕީ ކުޅުދުއްފުށީ ގޮފީގެ ފުރަތަމަ ރައީސް އާދަމް ވަހީދު އެމްޑީޕީން ވަކިވެއްޖެއެވެ.
އެމްޑީޕީ އުފެދުނީއްސުރެ ކުޅުދުއްފުށީ ގައި އެޕާޓީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރި އާދަމް ވަހީދު ޕާޓީން ވަކިވިކަން ކަށަވަރު ކޮށްދެއްވަމުން ވިދާޅުވީ ކޮންމެ ކަމެއްގައި ވެސް ސަބަބު ތަކެއް ހުންނާނެ ކަމަށާއި ޕާޓީ ސިސްޓަމް ރާއްޖެއަށް އައީ ރައްޔިތުންނަށް ފައިދާ ތަކެއް ހޯދައިދިނުމަށް ކަމުގައިވިޔަސް ރާއްޖޭގައި މިހާރު އޮތް ޕާޓީ ނިޒާމަކީ ފައިދާ ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ޕާޓީގެ މެމްބަރުންގެ ތެރޭގައި ޒާތީ ހަސަދަތައް ވަރަށް ބޮޑަށް އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ.
“ޕާޓީތަކަކީ ރައްޔިތުންގެ ފައިދާ އަށް އުފެދުން އެއްޗެއް. އަޅުގަނޑު ޤަބޫލެއް ނުކުރަން މިހާރު ރާއްޖޭގެ ޕާޓީ ނިޒާމު އޮތް ގޮތުން ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބެމުން ދާކަމަކަށް. ދެން ޒާތީ ހަސަދަ ވެސް ވަރަށް ބޮޑު ޕާޓީ ތެރޭގަ” އާދަމް ވަހީދު ވިދާޅުވި އެވެ.
އާދަމް ވަހީދު ވިދާޅުވީ، އެމްޑީޕީން ވަކިވިޔަސް އެހެން ޕާޓީ އަކާ ގުޅުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.
އާދަމް ވަހީދަކީ އަތޮޅު ކައުންސިލުގައި ކުޅުދުއްފުށީ ދެކުނު ދާއިރާ ތަމްސީލު ކުރައްވާ 2 މެމްބަރުގެ ތެރެއިން މެމްބަރެކެވެ. އަދި ކުޅުދުއްފުށީ އެމްޑީޕީ ދެކުނު ދާއިރާގެ ރައީސް ވެސް މެއެވެ.