ކުޅުދުއްފުށީ އިރުމަތި އަވަށު ޕްރީ ސްކޫލް ފަޅާލައި އެތަނުން ވަގަށް ނަގާފައިވާ ބައެއް ތަކެއްޗާއި ފައިސާތަކެއް ހޯދައި އެމައްސަލައިގައި 2 މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިޔާއިން ބުނެފައިވާ ގޮތުގައި އައިޕީއެސް އިން ވައްކަންކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ 2 މީހެކެވެ. ހައްޔަރުކުރި މީހުންގެ ވަނަވަރެއް ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ އެ ސްކޫލުން ގެއްލުނުތަކެތީގެ ތެރެއިން އެ ސްކޫލުން ވަގަށް ގެންގޮސްފައިވާ ކެމެރާއާއި ފައިސާތަކުން ގަނެފައިވާ ތަކެތި ފެނިފައިވަނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ ގޭގައި ފޮރުވާފައި ހުއްޓައެވެ.
އޭގެ އިތުރުން އެސްކޫލުން ވަގަށް ނަގާފައިވާ ޕެންޑްރައިވް އެއް ފުލުހުން ހޯދާފައިވަނީ އެޕެންޑްރައިވް ހަލާކުކޮށްލުމަށްފަހު ފަޅު ގޯއްޗެއްގެ ތެރެއަށް އެއްލާލާފައި ވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ވައްކަން ކުރުމަށްޓަކައި ބޭނުންކޮށްފައިހުރި ސާމާނުތަކެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހުންގެ ތެރެއިން އެކެއްގެ ގެއިން ފުލުހުން ހޯދާފައި ވެއެވެ.
މިމައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މިމަހުގެ 8 ވަނަ ދުވަހުގެ ރޭ އައިޕީއެސް ފަޅާލާ 8000 ރުފިޔާ އާއި އިލެކްޓްރޯނިކް ބައެއް ސާމާނުވަނީ ވަގަށް ގެންގޮސްފައި އެވެ. މިމައްސަލައިގައި ހައްޔަރުކުރި 2 މީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
އައިޕީއެސް ފަޅާލާފައި ވަނީ އެސްކޫލުގެ އޮފީހުގެ ކުޑަދޮރެއް ހަލާކު ކޮށްލައިގެންނެވެ. އެތަނުން ގެއްލިފައިވާ ފައިސާއަކީ އޮފީހުގެ ވަތްގަނޑެއްގައި ބަހައްޓާފައި ހުރި ފައިސާއެވެ.