ކުޅުދުއްފުށީގައި އެކި ފަހަރުމަތިން ވަގަށް ނަގާފައިވާ ބައެއް ތަކެތި ފުލުހުން ހޯދައި އެމައްސަލައިގެ ތުހުމަތުގައި 3 މީހަކު ހައްޔަރުކޮށްފި އެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅިފައިވާ ވައްކަމުގެ 2 މައްސަލައަކާ ގުޅިގެން ހިންގި ތަހުގީގުގައި ފުލުހުން ހޯދާފައިވާ ތަކެތީގެ ތެރޭގައި 2 ބުރުމާއަކާއި ގްރޭންޑަރެއްގެ އިތުރުން ދެ އޮކްސިޖަން ޕަންޕުގެ ހިމެނޭކަމަށް ފުލުހުންގެ މީޑިޔާއިން މައުލޫމާތު ދެއެވެ.
އެކި ދުވަސްމަތިން ފުލުހުން ހޯދާފައިވާ ތަކެތީގެ ތެރެއިން ދެ ބުރުމާއާއި ގްރޭންޑަރަކީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކުޅުދުއްފުށި އައިޑިއަލް ރޫފިން ޓިނު ފެކްޓަރީން ވަގަށް ނަގާފައިވާ ތަކެތި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މިތަކެތި ހޯދުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތުން މިތަކެތި ހޯދާފައިވަނީ ބަންގްލަދޭޝް މީހަކަށް ވިއްކާލާފައިވަނިކޮށް މި މަހުގެ 9 ވަނަ ދުވަހު ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ 3 މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 27 އަހަރުގެ މީހަކާއި 28 އަހަރުގެ 2 މީހެކެވެ. އެ ދެމީހުންގެ ތެރޭގައި އެއް ބިދޭސީއަކު ހިމެނޭކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނި ގޮތުގައި މި މަހުގެ 15 ވަނަ ދުވަހު ވަގަށް ނަގާފައިވާ ކުޅުދުއްފުށި ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުގެ ފެން ވަޅަކަށް ލާފައި އިން 2 އޮކްސިޖަން ޕަންޕު ފެނިފައިވަނީ މި މަހުގެ 09 ވަނަ ދުވަހުގެ ވަގުތެއްގައި ދެ ފަޅު ގެއަކަށް އެއްލާލާފައި އޮއްވައެވެ. މިމައްސަލައާއި ގުޅިގެން 3 ކުޑަ ކުއްޖަކު ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރިކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އޭގެތެރެއިން އެއްވެސް ކުއްޖަކު ހައްޔަރުކުރިކަމެއް ޔަގީނެއްނުވެއެވެ.
މި މައްސަލަތައް ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤް ކުރަމުންނެވެ.