ކުޅުދުއްފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމާފައިވީ ނަމަވެސް މިއަހަރު އެމުބާރާތް ނުބާއްވާނެކަން އެނގިއްޖެ އެވެ.
ކުޅުދުއްފުށީ އޮންލައިނުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒް ވިދާޅުވީ މިއަހަރު މުބާރާތް ނުބޭއްވުނު ނަމަވެސް ފުޓުބޯޅައާއި ގުޅުންހުރި ވަރަށް ގިނަ ޕްރޮގްރާމްތަކެއް މި އަހަރު ތެރޭގައި ހިންގިފައިވާ ކަމަށެވެ.
މިގޮތުން ރެފްރީން ތަމްރީން ކުރުމުގެ ޕްރޮގްރާމަކާއި ފުޓުބޯޅަ ކޯޗިން ކޭމްޕެއް ބާއްވާފައިވާނެ ކަމަށް ރަމީޒު ވިދާޅުވި އެވެ. އަދި މި ކަންކަމަކީ ފައިސާ ބޭނުންވާ ކަންކަން ކަމަށާއި، ކައުންސިލަށް ލިބިފައިވާ ބަޖެޓުގެ 15 އިންސައްތަ މި އަހަރުގެ އޮގަސްޓު މަހު ކަނޑާލާފައިވާ ކަމަށްވެސް ރަމީޒު ވިދާޅުވި އެވެ.
“މި އަހަރު ފުޓުބޯޅަ މުބާރާތް ނުބޭއްވުނަސް ކަމާ ގުޅުންހުރި ވަރަށް ގިނަ ކަންކަން ކައުންސިލުން މިވަނީ ކޮށްފަ. ކޯޗިން ކޭމްޕަކާއި ރެފްރީން ތަމްރީން ކުރުމުގެ ޕްރޮގްރާމެއްވެސް މިވަނީ ބޭއްވިފަ. މުބާރާތެއް ބޭއްވުމުގެ ކުރިން މިއީ ކޮންމެހެން ކުރަން ޖެހޭ ކަންކަން.” ރަމީޒް ވިދާޅުވި އެވެ.
ރަމީޒު އިތުރަށް ވިދާޅުވީ މުބާރާތެއް ބޭއްވުމުގައި އެންމެ ބޮޑަށް ދިމާވާ ދައްޗަކީ ރެފްރީން މަދު ވުމުގެ މައްސަލަ ކަމަށާއި އެކަމަށް ހައްލެއް ލިބިފައިވާ ކަމަށެވެ. އަދި އަންނަ އަހަރު މުބާރާތް ބޭއްވުމަށް ވިސްނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ކުޅުދުއްފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ކައުންސިލުން ނިންމާފައިވަނީ މިއަހަރުގެ އޭޕްރީލް މަހު ބޭއްވި އެކައުންސިލްގެ ބައްދަލުވުމެއްގައެވެ.