twitterviber whatsapp telegramfacebookyoutube instagram
13th May 2025

ކޮންޓްރޯލް ކޮށްގެން ވިއްކަމުން އައި ނަމަވެސް މިއަދުން ފެށިގެން ބޭނުން ވަރަކަށް ޕެޓްރޯލް ލިބެން ހުންނާނެ: އެތުމާ

Dec 26, 2012

އެތުމާ ކުންފުނިން ކުޅުދުއްފުށީގައި ވިއްކަމުން އަންނަ ޕެޓްރޯލް މިއަދު ހެނދުނު 10 ގެފަހުން ބޭނުންވާ އަދަދަކަށް ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެތުމާ ޕުރައިވެޓް ލިމިޓެޑުން މިހެން ބުނެފައިވަނީ ޕެޓްރޯލް ލިބުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ބައެއް ލޯންޗް ޑްރައިވަރުން ބުނަމުން ގެންދިއުމާ ގުޅިގެން ކުޅުދުއްފުށީ އޮންލައިނުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެތުމާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރ އަބްދުﷲ އާދަމް ވިދާޅުވީ ފާއިތުވި ދެތިން ދުވަހު ވަކި ރޭޓަކުން ޕެޓްރޯލް ވިއްކަމުން ދިޔަނަމަވެސް މިހާރު ބޭނުން ވަރަކަށް ޕެޓްރޯލް ލިބެން ހުންނާނެ ކަމަށެވެ. އަދި ޕެޓްރޯލް އުފުލަނީ ވަކި ކަހަލަ އުޅަނދެއްގައި ކަމަށާއި ޕެޓްރޯލް ލިބުމުގައި ލަސްވެގެން ދިޔައީ އުޅަނދަށް ދިމާވި މައްސަލައަކުން ކަމަށް ބެލެވޭ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.

“މި ދެތިން ދުވަހު 20 ލީޓަރާއި 50 ލީޓަރާ ދެމެދު ކުދި ލޯންޗް ތަކަށް ޕެޓްރޯލް ވިއްކަމުން މިގެންދިޔައީ.” އަބްދުއްﷲ ވިދާޅުވިއެވެ.

އޯޑަރު ދިނުމުގައި މައްސަލައެއް ނޫޅޭނެ ކަމަށާއި މިފަހަރު އޯޑަރު ދިން ފަހުން ގާތް ގަނޑަކަށް 20 ދުވަސް ވެފައިވާ ކަން އަބްދުﷲ ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން ކުޅުދުއްފުށީގައި ލޯންޗްގެ ޚިދުމަތްދޭ ފަރާތެއް ކަމަށްވާ “ސްޕީޑް ލޯންޗް” ގެ ވެރިފަރާތް އިބްރާހިމް ހަސަން (ދޮނޭ) ބުނީ މީހަކަށް 20 ލީޓަރުން ޕެޓްރޯލް ވިއްކަމުންދާތާ 2 ދުވަސް ވެފައިވާ ކަމަށާއި މިކަމުގެ ސަބަބުން ލިބުނު ގިނަ ދަތުރުތަކެއް ކެންސަލް ކޮށްލަން ޖެހިފައިވާ ކަމަށެވެ.

“މީހަކަށް 20 ލީޓަރު އެވިއްކަނީ. މީން ކިހިނެއް ދަތުރު ކުރާނީ. އަޅުގަނޑު އަތޮޅުން ބޭރަށް ވެސް އެބަ ދަތުރުތައް ކޮށްދެން.” ދޮނޭ ބުންޏެވެ.

ކުޅުދުއްފުށީގައި ޕިކަޕް އަދި ލޯންޗްގެ ޚިދުމަތްދޭ ފަރާތެއް ކަމަށްވާ ޖައުފަރު އަލީ (ކޮމަންޑޫ ޖައުފަރު) މިކަމާއި ގުޅިގެން ބުނެފައި ވަނީ މިއީ މިގޮތަށް ދިމާވި ފުރަތަމަ ފަހަރު ނޫން ކަމަށާއި މިކަމުގެ ސަބަބުން ގިނަ ދަތުރު ތަކެއް ކެންސަލް ކުރަންޖެހިފައިވާ ކަމަށެވެ. އަދި މިއީ ފައިސާގެ ގޮތުން ބަލާނަމަ 30 ހާސް ރުފިޔާގެ ގެއްލުން ކަަން ވެސް ޖައުފަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355