ކުޅުދުއްފުށީ ގައި މިހާރު ހުންނަ ޕެޓްރޯލް ޝެޑްގެ އިތުރުން، އެހެން ޝެޑްތަކެއް ހެދިފައި ނެތީ ހައުސިންގ މިނިސްޓްރީ އިން އެކަމަށް ހުއްދަ ނުލިބިގެން ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.
ކުޅުދުއްފުށީ ގައި ތެލުގެ ވިޔަފާރި ކުރުމަށް އެންމެ ޝެޑެއް ހުރުމުގެ ސަބަބުން ފަހަކަށް އައިސް، ޕެޓްރޯލާއި ޑީސަލް ލިބުމުގައި ދަތިތަކާއި ކުރިމަތިވަމުން ދާކަމަށް ރައްޔިތުންގެ ޝަކުވާ ގިނަވެފައި ވާތީ، މިނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒު ވިދާޅުވީ، ކުޅުދުއްފުށީ ގައި ތެޔޮ ވިއްކުމުގެ ހުއްދަ އިތުރު ފަރާތްތަކަށް ދިނުމަށް ކައުންސިލުން ބޭނުންވާ ކަމަށާއި ނަމަވެސް އެކަން އަދި ނުވެފައި ވަނީ ހައުސިންގ މިނިސްޓްރީ އިން އެކަމަށް ހުއްދަ ނުލިބިގެންނެވެ.
“ޕެޓްރޯލް ޝެޑް އެޅުމަށްޓަކައި ކުޅުދުއްފުށީގެ ސަރަހައްދުތައް ވެސް އަޅުގަނޑުމެން ވާނީ ކަނޑައަޅާފައި. އަދި އެކަން ކުރުމުގެ ހުއްދައަކަށް މިއަހަރު ކުރީކޮޅު ހައުސިންގ މިނިސްޓްރީގައި ވާނީ ދަންނަވާފައި. ނަމަވެސް އަދި ވެސް ހުއްދައެއް ނުލިބޭ.” ރަމީޒު ވިދާޅުވި އެވެ.
ރަމީޒު ވިދާޅުވި ގޮތުގައި، ޝެޑް ހަދައިގެން ޕެޓްރޯލް ވިއްކުމުގެ ހުއްދަ އެހެން ފަރާތްތަކަށް ދޭނީ އިއުލާން ކޮށް އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ދީގެންނެވެ.
“ތެޔޮ ވިއްކަން ޝަޢުގުވެރިވާ ފަރާތްތައް ވެސް އެބަތިބި. ނަމަވެސް އެކަން ކުރެވޭނީ ކޮމްޕެޓިޓިވް (ވާދަވެރި) ބިޑިން ޕްރޮސެސްއެއްގެ ތެރެއިން. އެންމެ ރަނގަޅު އަގެއް ހުށަހަޅާ އަދި ގާބިލު ފަރާތެއް ބެލުމަށްފަހު އެވޯޑް ކުރެވޭނީ. ނަމަވެސް އެ ގޮތަށް އިއުލާން ކުރުމުގެ ހުއްދަ އެއް ނުލިބޭ އަދި ވެސް.” ރަމީޒު ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި، ރަށު އޮފީސް އޮތް އިރު އެޚިދުމަތް ދިނުމަށް ރަށު އޮފީހުން ހުއްދަ ދީފައި ވަނީ އެސްޓީއޯ އަށެވެ. އެސްޓީއޯ އާގުޅިގެން ކުޅުދުއްފުށީ ގައި މިހާރު ތެޔޮ ވިއްކަނީ އެތުމާ ކުންފުނިންނެވެ. އަދި ތެޔޮ ވިއްކުމަށް ދީފައިވާ ބިމަކީ އެސްޓީއޯ އަށް ދީފައިވާ ބިމެއް ކަމަށާއި އެބިމުގެ ކުލި ކައުންސިލް އަށް ނުލިބޭކަމަށް ވެސް ރަމީޒު ވިދާޅުވި އެވެ.
“މިއަހަރުގެ ޖެނުއަރީ އިން ފެށިގެން އެބިމުގެ ކުލި ކައުންސިލަށް ލިބޭގޮތަށް ހެދުމަށް ސަރުކާރުގައި ދެންނެވިން. ނަމަވެސް މިހާތަނަށް އެއްވެސް ކުއްޔެއް އެތަނަކުން ކައުންސިލަކަށް ނުލިބޭ.”