ކުޅުދުއްފުށީ ގޮނޑުދޮށްތަކަށް ފިރުޢައުނުމުދާ ލައްގަމުން އެބަދެއެވެ.
މިގޮތުން ކުޅުދުއްފުށީ ހިއްކި ބިމާ ދިމާ މޫދުން މީހުން އާއްމުކޮށް މޫދަށް އެރޭ ސަރަހައްދު ތަކުން ގިނަ އަދަދަކަށް ފިރުއައުނުމުދަލުގެ ބާވަތް ތައް ކަމަށްވާ ކުދި ބާޑިއާއި، ގިންނޯށި ގިނަ އަދަދަކަށް ފެނިފައިވެ އެވެ. އަދި މިދުވަސްވަރު ރަށުގެ ފުއްޓަރު ފަރާތުން ނޫކުލައިގެ ބޮޑެތި ގިންނޯށި އުޅޭކަން ވަނީ ފާހަގަ ކުރެވިފައެވެ.
މިކަމާއި ގުޅިގެން މިނޫހަށް މައުލޫމާތު ދެއްވަމުން ސީނިއާ ކޮމިއުނިޓީ ހެލްތް ވޯކަރު އަބޫބަކުރު އަލީ ވިދާޅުވީ ގިންނޯށި ނުވަތަ ބާޑި ހަފައިފި ކަމަށް ޝައްކު ވެއްޖެ ނަމަ ފުރަތަމަ އެހީ ދިނުން އަވަސް ކުރަން ވާނެ ކަމަށެވެ.
މިގޮތުން ސާފު ވައި ލިބޭ ތަނެއްގައި ބޭއްވުމަށް ފަހު، އެއެއްޗެއް ހެފި ތަން މޫދު ފެނުން ދޮވެލުމަށް ފަހު ކޯލާވަޓަރު ފަދަ އެއްޗެއް ހޭކުމަށާއި ލަސްނުކޮށް ޑަކްޓަރެއް ނުވަތަ ސިއްހީ އެހީ ތެރިއެއްގެ ލަފާ ހޯދުމަށް އިލްތިމާސް ކުރެއްވިއެވެ.
މީގެ ސަބަބުން ބައެއް ހާލަތުގައި ނޭވާ ހޮޅިތައް ބެދި ފުއްޕާމެއަށް އޮކްސިޖަން ދައުރުވުމަށް ހުރަސްއެޅި ފުރާނައަށް ގެންލުންވުން ގާތްކަން ފާހަގަ ކުރައްވަމުން މިކަމަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް އަބޫބަކުރު ނަސޭހަތްތެރިވެލެއްވިއެވެ.
“މި އެއްޗެހި ހެފީމަ ގައި ކަހާ، ހިރުވާ ދިލަނަގާ، ފިއްގަނޑު ލައި އަދި ބައެއް ފަހަރު ފުރާނައަށް ގެއްލުންވެފަވެސް އެބަހުރި. އެހެންވީމަ މިކަންކަމަށް ސަމާލުކަން ދިނުން ވަރަށް މުހިއްމު މޫދަށް ގޮސް އުޅޭއިރު.” އަބޫބަކުރު ވިދާޅުވި އެވެ.
އެހެން ބައެއް ސިއްހީ އެހީތެރިން ލަފާ ދެއްވާ ގޮތުން ބާޑިފަދަ އެއްޗެއް ހަފައިފިނަމަ ވިނެގަރ ނުވަތަ ޝޭވިން ފޯމް ބޭނުން ކުރުމަކީވެސް އެންމެ ރަނގަޅު ކަމެކެވެ.
ކޮންމެ އަހަރަކުވެސް އިރުވާ މޫސުމުގައި ރާއްޖޭގެ އެކި ރަށް ތަކަށް ފިރުއައުނުމުދާ ލައްގަމުން ދެއެވެ. ދުނިޔޭގައި 200 ވައްތަރުގެ ފިރުއައުނުމުދާ އުޅޭކަން ވަނީ ފާހަގަކުރެވިފައެވެ.
އިރުވައި މޫސުމާ ދިމާކޮށް ގިންނޯށި ފަދަ ދިރޭ ތަކެތި ލައްގަމުންދާތީ އެކަމާ ގުޅޭގޮތުން މެރިން ރިސާޗް ސެންޓަރުގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތްވަނީ ކާމިޔާބުވާ ގޮތް ނުވެފައި އެވެ.