ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފާހާނާތަކުގެ ފެންވަރު ދައްވުމުގެ ސަބަބުން ބަލިމީހުން ޝަކުވާކޮށްފި އެވެ.
ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮތް ބަލިމީހެއް މިނޫހަށް މައުލޫމާތު ދެމުން ބުނީ ހޮސްޕިޓަލްގެ ފާހާނާތަކުގެ ފެންވަރު ވަރަށް ދަށް ކަމަށާއި އެ ފާހާނާތަކަކީ ސިއްހީ ގޮތުން އެހާ ރައްކާތެރި ފާހާނާތަކެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
“އެޑްމިޓް ވުމަށްފަހު ވޯޑްގައި އޮތުމަށްވުރެ ކޮޓަރި އެއް ފަސޭހަ ވާނެކަމަށްހީކޮށް ކޮޓަރިއެއް މިހޯދީ. ކޮޓަރިއަށް ބަދަލުވީ ވަރަށް ހިތްހަމަޖެހިގެން ބައްޔަށް ފަރުވާ ކުރުމަށާއި ފަސޭހަތަކެއް ލިބިގެންދާނެކަމުގެ އުއްމީދުގައި. އެހެން ނަމަވެސް ކަންދިމާވީ އެހެނެއް ނޫން. ކޮޓަރީގައި ހުރި ފާހާނާގެ އެތެރެ ފެނުމާއެކު މޫނު މައްޗަށް އަނދިރިވާގޮތްވެ މޭނުބައިކޮށް ބަލިއިތުރަށް ބޮޑުވެގެންދިޔައީ.” އެމީހާ ވަރަށް އަސަރާއެކު ކިޔައިދިނެވެ.
އެމީހާ ބުނީ ކޮޓަރި އަކީ ދުވަހު ކުއްޔަށް ދޭތަނަކަށް ވާއިރު އެކޮޓަރިތަކުގެ ފާހާނާތަކަކީ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަނެއްގައި ފާހާނަތައް ހުރެގެންވާނެ ގޮތެއް ނޫން ކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެކޮޓަރިތަކުގެ ކުއްޔަކީ ދުވާލަކަށް 150 ރުފިޔާ އާއި 200 ރުފިޔާ އެވެ. މިކަމާ ގުޅިގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ބަހެއްވަނީ އަދި ލިބޭގޮތްނުވެފައެވެ.
ރައީސް ޑރ މުހައްމަދު ވަހީދު ހަސަން ވެރިކަމާހަވާލުވެ ކުޅުދުއްފުއްޓަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ކުޅުދުއްފުށި ރައްޔިތުންނާއި ބައްދަލުކޮށް ހޮސްޕިޓަލްގެ ފެންވަރު އިތުރަށް ތަރައްގީ ކުރާނެކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެތަރައްގީ ފެނިގެން ނުދާކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުން 2011 ވަނަ އަހަރު ޖަރުމަނުގެ ޕްރޯމެޑިކުލިނިކާ ހަވާލުކޮށްފައެވެ. އެހެން ނަމަވެސް ވެރިކަން ނިމިގެން ދިޔައިރު ވެސް ހޮސްޕިޓަލުން ޖަރުމަނު މީހުން ފެނިގެންނުދާކަން ރައްޔިތުން ދަނީ މިއަދު ވެސް ފާހަގަ ކުރަމުންނެވެ.