ކުޅުދުއްފުށީގައި ހުންނަ މަތިއުތުރު ސަރަހައްދުގެ އެޑިޔުކޭޝަން ޔުނިޓުގެ އޮފީސް ބަންދުކޮށް އެޑިއުކޭޝަން ޔުނިޓްގެ މުވައްޒަފުން ޗުއްޓީއަށް ގޮސްފިއެވެ.
އިއްޔެ އެ ޔުނިޓުގެ ހިދުމަތް ހޯދަން ދިޔަ މީހަކު ބުނީ އިއްޔެ އެ ޔުނިޓުގެ އެއްވެސް މުވައްޒަފެއް އެތަނުގައި ނެތްކަމަށެވެ. އަދި މިއަދު އޮފީސް ހުޅުވާފަ ހުއްޓަސް އެ އޮފީހުން ހިދުމަތެއް ނުލިބޭ ކަމަށާއި އެޑިއުކޭޝަން މިނިސްޓްރީން ނިންމާފަ އޮތީ މިމަހުގެ ނިޔަލަށް އެތަނުން ހިދުމަތްދޭ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ސަރުކާރުގެ އޮފީހެއްގެ އެންމެން ޗުއްޓީއަށް ގޮސް ނުތިބެވޭނެ ކަމަށާއި ސްކޫލްތަކާއި އެޑިޔުކޭޝަން މިނިސްޓްރީއާމެދު ކުރަން ޖެހޭ މުއާމަލާތްތަކަށް އެކަމުގެ ސަބަބުން ހުރަސް އެޅިފައިވާ ކަމަށް އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން މިވަގުތު އެޑިޔުކޭޝަން ޔުނިޓު ހިންގުމާއި ހަވާލުވެ ހުންނެވި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް ހަފީޒާ އަބްދުއް ރަހްމާން ވިދާޅުވީ އޮފީސް ބަންދު ނުކުރާ ކަމަށާއި އެހެން ނަމަވެސް މިވަގުތު އެ ޔުނިޓުގައި މަސައްކަތް ކުރައްވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ބައެއް މުވައްޒަފުންނެވެ. އަދި ސްކޫލު ތަކަށް ޔުނިޓާއި ގުޅޭނެ ގޮތްތައް އެންގިފައިވާ ކަމަށާއި އެ ތަނަކީ ކުރިންވެސް ދާއިމީ މުވައްޒަފުން ތިބި ތަނެއް ނޫން ކަމަށެވެ.
“މަސައްކަތް ތައް ދަނީ ހަމަ ކުރިއަށް. މަސައްކަތްތަކަކަށް ހުއްޓިފައެއް ނުވޭ. ފޯނަށް ވެސް ޖަވާބު ދެމުން މިގެންދަނީ.” ހަފީޒާ ވިދާޅުވި އެވެ.
ހަފީޒާގެ ކުރިން އެ ޔުނިޓު ހިންގުމާއި ހަވާލުވެ ހުންނެވި އޭއީސީ ގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ވިދާޅުވީ މުވައްޒަފުން ޗުއްޓީ އަށް ދިޔައީ އެފަރާތުން ޗުއްޓީ ދިނުމުން ކަމަށާއި އެހެން ނަމަވެސް މިހާރު ޔުނިޓުގެ މަސައްކަތްތައް ކުރުމުގައި ދަތި ތަކެއް ކުރިމަތިވާކަމަށެވެ. މި މުވައްޒަފުން މިހާރު ތިބީ އަހަރީ ޗުއްޓީގައި ކަމަށްވެސް ޒިޔާދު ވިދާޅުވި އެވެ. އަދި އެޑިޔުކޭޝަން ޔުނިޓު މިއަހަރު އުވާލާނެކަން އެޑިއުކޭޝަން މިނިސްޓްރީ އިން އަންގާފައި ވީނަމަވެސް އެކަން ލިޔުމަކުން އަދި އެކަން އަންގާފައި ނުވާ ކަމަށެވެ.
މިކަމާއި ގުޅިގެން ޓީއާރްސީގެ ޓީޗަރ އެޑިޔުކޭޓަރ އަބްދުއްރަޝީދު ސައީދު ވިދާޅުވީ އޮފީސް ބަންދު ނުކުރާ ކަމަށާއި އެހެން ނަމަވެސް މިއަހަރުގެ ނިޔަލަށް މި ޔުނިޓްގެ މުއާމަލާތްތައް ނުހިނގާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
އެޑިޔުކޭޝަން ޔުނިޓް ކުރިން ހިންގަމުން ދިޔައީ ޤައުމީ އިދާރާގައެވެ. އެހެން ނަމަަވެސް ސަރުކާރު ބަދަލުވެ ސިޔާސަތަށް އައި ބަދަލާއި ގުޅިގެން މިހާރު މިއިމާރާތް ހުންނަނީ ތައުލީމީ މަރުކަޒުގެ ގޯތި ތެރޭގައެވެ.
އަންނަ އަހަރު މިޔުނިޓު އުވާލުމުން ސްކޫލު ތަކުން ދެން މަސައްކަތްތައް ކުރާނީ ސީދާ މިނިސްޓްރީ އާއި ގުޅައިގެންނެވެ. މިހާރުވެސް ށ އަތޮޅުގެ ބައެއް ސްކޫލު ތަކުން މަސައްކަތް ކުރަނީ ސިދާ މިނިސްޓްރީއާއި ގުޅައިގެންކަން ޔުނިޓްގައި މަސައްކަތް ކުރައްވާ ފަރާތެއް ވިދާޅުވި އެވެ.
ހއ. ހދ އަދި ށ އަތޮޅުގެ 44 ސްކޫލުގެ ކަންތައްތައް ބަލަހައްޓަމުން އަންނަ މި ޔުނިޓުގައި ޖުމްލަ 5 މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ.