ދަނޑުވެރިން ހައްދާ ތަރުކާރީއަށް މާކެޓް ހޯދައިދިނުމުގެ ގޮތުން އުފައްދާފައިވާ އެސްޓީއޯ އައިލް ފްރެޝް އިން ތަކެތި ގަންނަ އަގުތަކާމެދު ދަނޑުވެރިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
އުތުރުގެ ސަރަހައްދުގެ ރަށްރަށުގައި ދަނޑުވެރިކަން ކޮށްގެން ހައްދާ ތަކެތި އައިލް ފްރެޝް އަށް ވިއްކުމުން ރަނގަޅު އަގެއް ނުލިބޭ ކަމަށާއި އޭގެ ބަދަލުގައި އަމިއްލަ އަށް ކުޅުދުއްފުށީގެ ބާޒާރަށް ތަކެތި ވިއްކުމުން ބޮޑު ފައިދާއެއް ލިބޭކަމަށް ކުޅުދުއްފުށި އޮންލައިން އާ ވާހަކަ ދެއްކި ދަނޑުވެރިން ބުނެއެވެ.
“އެތަނަށް (އައިލް ފްރެޝް އަށް) ކިއުކަމްބާ ކިލޯއެއް ވިއްކަން ޖެހެނީ އެންމެ 8 ރުފިޔާއަށް. މިތަނުގަ (ހޮނިހިރު ބާޒާރު) 25 އަށް އަދި 30 އަށް ކިއުކަމްބާ ކިލޯއެއް އަހަރެމެންނަށް ވިއްކޭ. އެތަނަށް މިހާރަކު ނުދަން. އެތަނަށް ވިއްކަން ދަނީ ނުވިކިގެން އުކާލަން ޖެހެންޏާ.” ކުޅުދުއްފުއްޓަށް ތަރުކާރީ ވިއްކާތާ 10 އަހަރުވެފައިވާ ފީވަކުގެ ދަނޑުވެރިޔަކު ހިތްހަމަނުޖެހިހުރެ ބުންޏެވެ.
އައިލް ފްރެޝް އަށް ތަރުކާރީ ވިއްކައިގެން ރަނގަޅު ފައިދާއެއް ނުލިބޭ މައްސަލައިގައި ވައިކަރަދޫގެ ދަނޑުވެރިއެއް ބުނީ އެތަނުގެ ބޭނުން މިހާރު ނުހިފާ ކަމަށާއި އެއީ ބޭކާރު ތަނެއް ކަމަށެވެ. އަދި އެތަނުން އެއްވެސް ފައިދާއެއްނުވާ ކަމަށްވެސް މި ދަނޑުވެރިޔާ ވެސް ބުންޏެވެ.
ގިނަ ދަނޑުވެރިން ފާހަގަ ކުރާ ގޮތުގައި އައިލް ފްރެޝް އަށް ތަކެތި ވިއްކަން ޖެހެނީ އެފަރާތުން އެދޭ އަގަށެވެ. އަދި ދަނޑުވެރިން ބޮޑު ހަރަދު ކޮށްގެން ހައްދާ ތަކެއްޗަށް މިހެން ވުމުގެ ސަބަބުން ފައިދާ ނުވާ ކަމަށްވެސް ދަނޑުވެރިން ފާހަގަ ކުރިއެވެ.
މިކަމާ ގުޅިގެން އެސްޓީއޯގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
އެސްޓީއޯއިން ދަނޑުވެރިންގެ އަތުން ދަނޑުވެރިކަމުގެ ބާވަތްތައް ގަނެ “އައިލް ފްރެޝް” ބްރޭންޑްގެ ނަމުގައި މާކެޓް ކުރުމަށް ތަނެއް އުފައްދާ ތަކެތި ގަންނަން ފަށާފައިވަނީ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.