މިއީ ކުޅުދުއްފުށީގައި ހިތްދަތި ދިރިއުޅުމެއް އުޅެމުން އަންނަ މަންމައެއްގެ ދިރިއުޅުން ވޭތުވެގެން ދިޔަ ގޮތެވެ. މިއީ ހަގީގީ ހާދިސާއެކެވެ. މިލިޔުމުގައި މިވަނީ އެ މަންމަ މިވާހަކަ ކިޔާދިން ގޮތަށެވެ. ނަމަވެސް ބޭނުންކޮށްފައި އެވަނީ އަސްލު ނަންތަކެއް ނޫނެވެ.
***
އަހަރެންނަކީ ކުޑައިރުއްސުރެ އާއިލާގެ ލޯބި ނުލިބި ބޮޑުވި އަންހެން ކުއްޖެކެވެ. ގޭތެރެއިން އަބަދުވެސް އިވޭނީ މަންމަ އާއި ބައްޕަ ހުތުރު ބަހުން މުއާމަލާތްކޮށް ޒުވާބުކުރާ އަޑެވެ. މިކަމާހެދި ގޭގައި މަޑުކުރާ ހިތެއް ނުވެއެވެ. އުމުރުން ހަގެއް ކަމަކު އަހަރެން ގިނަ ވަގުތު ހޭދަކުރަމުންދިޔައީ ގެއިން ބޭރުގައެވެ.
އާދައިގެ މަތިން ސްކޫލުގެ ސެޝަން ނިމުމުން އަހަރެން ގެއަށް އައީމެވެ. އޭރު މަންމަ އިނީ ރޯށެވެ. ދައްތަ އާއި ކޮއްކޮ މަންމަ ކައިރީގައި ހުރެގެން މަންމަ އަށް ވުރެ ބާރަށް ރޮމުން ގެންދެއެވެ. އަހަރެން ސުވާލު ކުރީމެވެ.
“މަންމާ! ކިހިނެއްވީ؟ ކީއްވެ އެންމެން ތިރޮނީ؟” ކަންބޮޑުވެ ހާސްވެފައި ހުރެ މަންމަގެ އަތުގައި ހިފާލަމުން އަހަރެން އަހާލީމެވެ.
“ދަރިފުޅާ. ބައްޕަ، މަންމަ ވަރިކޮށްފި.” ތަކުރާރުކޮށް އަހަރެން އެސުވާލުތައް ކުރުމުން އެތައް އިރެއް ފަހުން މަންމަ ގިސްލަމުން ޖަވާބު ދިނެވެ.
އެއަޑު އިވުމާއެކު އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. މަންމަ އާއި ބައްޕަގެ ޒުވާބުގެ އަޑު އިވުނެއް ކަމަކު އެމީހުން ވަކިވާކަށް އަހަރެން ކުޑަކޮށްވެސް ބޭނުމެއް ނުވެއެވެ. އެހެން ކަމުން އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެކަން ޤަބޫލުކުރަން ބޭނުން ނުވެފައެވެ.
އަހަރެމެން ދެން ބަދަލުވީ މަންމަގެ ރަށް ކުޅުދުއްފުއްޓަށެވެ. އެއީ އެހެން ގޮތެއް ނެތިގެން މަޖުބޫރު ވެގެންނެވެ. މިކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ އަހަރެންނަށެވެ. ކިޔެވޭނެ ގޮތެއް ނެތީމައެވެ. ރަށަށް ބަދަލުވުމުން ޚަރަދުތައް ބަލަހައްޓާނެ މީހެއް ނެތީމައެވެ. އަހަރެންގެ އުމުރުން އެންމެ 13 އަހަރުގައި ތައުލީމީ ހަޔާތް ނިންމާލަން ޖެހުނީ މަންމަ އާއި ބައްޕަގެ ޒަވާޖީހަޔާތުގެ ގޮށްމޮހައިލުމުގެ ސަބަބުންނެވެ. އަހަރެން އެކަމާ ވަރަށް ހިތާމަކޮށް ރޮއި ހެދީމެވެ.
ދުވަސްތައް މާޒީއާއި އެކުވެ ގޮސް މިއަދަކީ އަހަރެންގެ ކައިވެނި ކުރެވުނު ދުވަހެވެ. އަހަރެންގެ ހަޔާތަށް އައު ދިރުމެއް ގެނެސްދިން އުފާވެރި ދުވަހެކެވެ. މެދުރާއްޖެ ތެރޭގެ އާބާދީ ކުޑަ ރަށަކަށް ނިސްބަތްވާ އަހަރެންގެ ފިރިމީހާ ހަސަން ރަޝީދަކީ (އަސްލު ނަމެއްނޫން) އަހަރެންދެކެ ނިހާޔަތަށް ލޯބިވާ ފިރިއެކެވެ. އެކަމަށްޓަކައި އަހަރެން ﷲ އަށް އަބަދުވެސް ޝުކުރުވެރިވަމެވެ.
އަހަރެންނާއި އަހަރެންގެ ފިރިމީހާގެ ފެންވަރުން ރަނގަޅު ދިރިއުޅުމެއް އުޅެވޭތޯ މަސައްކަތް ކުރީމެވެ. ދެމީހުން މަސައްކަތް ކޮށްގެން ލިބޭ ފައިސާއިން ދިރިއުޅުމުގެ ޚަރަދުތައް ފުއްދާލެވޭކަމަށްޓަކައި އަހަރެން ޝުކުރު ކުރަމެވެ. އެއީ ކުޑައިރު އަހަރެން އުންމީދު ކުރި ވަރުގެ ދިރިއުޅުމެއް ނޫންކަމުގައި ވިޔަސް އަހަރެމެންގެ ދިރިއުޅުން އުފާވެރިއެވެ.
އަހަރެމެންގެ އުފާވެރި ހަޔާތަށް ބަހާރު މޫސުން ގެނުވީ ކައިވެނީގެ 4 ވަނަ އަހަރު އަލަތު ދަރިފުޅަށް ބަލިވެއިންކަން އެނގުމުންނެވެ. އަހަރެންގެ ފިރިމީހާއަށް މި ޚަބަރުވެގެން ދިޔައީ ބަޔާންކުރަންދަތި އުފާވެރިކަމެއް ގެނުވި ކަމަކަށެވެ. ފިރިމީހާގެ ލޯތްބާއި އަޅާލުން އޭގެ އިންތިހާއަށް އަހަރެންނަށް ލިބެމުން ދިޔައެވެ. ލިބެން އުޅޭ ދަރިފުޅަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވަމުން ދިޔައީ ފޫހިކަމެއް ނެތިއެވެ. ފޮނި އުއްމީދުތައް ކުރަމުން ދިޔަ ދަރިފުޅަކީ އަހަރެމެންގެ ދިރިއުޅުމަށް ޚަރީފު މޫސުން ގެނެސްދޭނެ ދަރިއަކަށް ވާނޭކަމަށް އޭރު އެއްގޮތަކަށްވެސް ޤަބޫލު ކުރެވިފައެއް ނުވެއެވެ.
ނުވަމަހާއި ނުވަދުވަސް ފުރާ ދުޅަހެޔޮ ސިއްހަތެއްގެ ފިރިހެން ކުއްޖަކު ލިބުނު އެދުވަހަކީ އަހަރެންގެ ހިތް އުފަލުން ފޮޅުނު ދުވަހެކެވެ. އަހަރެންގެ އާއިލާއަށް މިކަންވެގެން ދިޔައީ ބޮޑު އީދަކަށެވެ. ދަރިފުޅަށް ނަންކިޔުމުގެ ބޮދު ހަފްލާއަށްފަހު ފިރިމީހާ މަސައްކަތްކުރާ ރަށަށް އެނބުރި ދިޔައެވެ. އަހަރަކަށް ފަހު އަހަރެއް ވޭތުވަމުން ދެއެވެ. އަހަރެންގެ ދަރިފުޅުވެސް ބޮޑުވަމުންދެއެވެ. އޭނާ ބުނާ ކޮންމެ އެއްޗެއް ފިރިމީހާ ގަނެދެއެވެ. އަގަކަށް ބެލުމެއްނެތި ކިތަންމެ އަގުބޮޑު އެއްޗެއް ކަމަށްވިޔަސް ހެވެވެ. އާދައިގެ މަތިން އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. އަހަރެން އުޅުނީ ދަރިފުޅު ސުކޫލުން އަންނަން ވާއިރަށް ކެއުން ތައްޔާރު ކުރުމުގައެވެ.
“އައްސަލާމް އަލައިކުމް.” ބޭރުން އައި މީހަކު 2 ފަހަރަށް ގޮވާލި އަޑު އިވުނެވެ. ޖަވާބުދެމުން އަހަރެން ބޭރަށް ބޯދިއްކޮށްލީމެވެ. އޭރު ސްކޫލުގެ ޕިޔޯނު އައިސް ހުއްޓެވެ.
ކިހިނެއްވީތޯ އަހަރެން ސުވާލުކުރުމުން ޖަވާބުދިނުމެއް ނެތި ދިއްކޮށްލީ ޗިޓް ކޮޅެކެވެ. އެ ގަނޑުކޮޅުގައި ސްކޫލަށް ދާންކިޔާފައި އޮތެވެ.
“ކިހިނެއްބާ މިވީ؟” އަހަރެން ހިތާ ހިތާ ސުވާލުކޮށްލީމެވެ. ހާސްވެފައި ހުރިވަރުން ކައްކަން އުޅުނު އެއްޗެއް ކެއްކޭ ގޮތެއްވެސް ނުވިއެވެ.
ސުކޫލަށް ހާޒިރުވުމަށް ބުނެފައިވާ ގަޑި ޖެހެންވާއިރަށް އަހަރެން ގޮސް ހުރީ ސްކޫލު އޮފީހުގައެވެ. އޭރު އަހަރެންގެ ދަރިފުޅު ޝަފާޒް (އަސްލު ނަމެއް ނޫން) އޮފީހުގެ ގޮނޑިއެއްގައި ބައިންދާފައި އިނެވެ. ޕްރިންސިޕަލް ވާހަކަދައްކަން ފެށިއެވެ.
“މިއަދު ޝަފާޒުގެ މަންމަ ގެންނަން މިޖެހުނީ މީނާއަށް ނަސޭހަތް ދީދީ އިސްލާހު ނުވީމަ. ކޮންމެ ދުވަހަކުވެސް ޝަފާޒު މުދައްރިސް ކިޔަވައިދެއްވާ ގަޑީގަ އަޑުގަދަކޮށް ދުވެ ސަކަރާތްޖަހާ. މިކަމާހުރެ އެހެން ކުދިންނަށް ވަރަށް އުނދަގޫވޭ.” ޕްރިންސިޕަލް ޝަފާޒް ސްކޫލުގައި ބަސް ގަބޫލު ނުކުރާ ވާހަކަ ކިޔައިދެއްވީ ހިތްހަމަނުޖެހިފައި ހުރެގެންނެވެ. އަހަރެން އިނީ ގަތް ލަދުން ޕްރިންސިޕަލްއާ ހަތަރުކަޅި ހަމަކުރަން ވެސް ނުކެރިފައެވެ.
ޕްރިންސިޕަލް ދެއްކެވި ވާހަކަ އަޑުއެހުމަށްފަހު ގެއަށް އައި މަގުމަތީގައި އަހަރެން ދަރިފުޅާ ދިމާލަށް ބުނީމެވެ.
“ދަރިފުޅާ ދެން އެގޮތަށް ނޫޅޭތި. އަދި ތިއުޅެނީ ގެރޭޑް 5 ގަ.” އަހަރެން ނަސޭހަތްތެރި ވާންފެށުމުން އާއެކޭ ބުނުމުގެ ގޮތުން ޝަފާޒް ބޯޖަހާލިއެވެ.
ދުވަސްތައް އެގޮތަށް ތަކުރާރުވަމުން ދިޔައެވެ. “އީ” ރިޕޯޓަކާއެކު ފާސްވުމެއްނެތި ދަރިފުޅު 6 ވަނަ ގްރޭޑަށް ބަދަލުވިއެވެ. މައްސަލަތަކުގައި ސްކޫލު އޮފީހަށް އަހަރެން ގެންދާ ދުވަސްތައް އިތުރުވަމުން ދިޔައެވެ. އަހަރުގެ 2ވަނަ ޓާރމުގައި ދަރިފުޅު ސްކޫލަށްދިޔުން ހުއްޓާލިއެވެ. އެހެން ނަމަވެސް މިކަން އަހަރެންގެ ފިރިމީހާއަކަށް ނާންގަމެވެ. ފިރިމީހާއަށް ދަރިފުޅު ސްކޫލަށް ނުދާކަން އެނގުނީ އަހަރީ ޗުއްޓީގައި ރަށަށް އައުމުން ނެވެ.
އާދައިގެ މަތިން އެދުވަހުވެސް އަހަރެންގެ ފިރިމީހާ އައީ ބޭރުންނެވެ. އެއައީ ހޮޅުއަށިންކަން އަހަރެންނަށް އެނގުނެވެ. އެކަމަކު މޫނުގެ ކުލަވަރު ބަދަލުވެފައިވުމުން އަހަރެން ސުވާލު ކުރީމެވެ. ޖަވާބުގައި އޭނާގެ ދަރިފުޅު މަސްތުވާ ތަކެތި ބޭނުން ކުރާ ވާހަކަ ދެއްކި ކަމާއި އެވާހަކަ ދަރިފުޅަށް އަންގަން ބޭނުން ނުވާކަމަށް ބުންޏެވެ. އަހަރެންވެސް އެވާހަކައަށް ތާއީދު ކުރީ ދަރިފުޅުދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.
އެދުވަސްވަރުގެ އެ މައްސަލަގަނޑުގެ ތެރޭގައި އުޅެނިކޮށް އަހަރެން 2 ވަނަ ދަރިފުޅަށް ބަލިވެ އިންކަންވެސް އެނގުނެވެ. ފިރިމީހާ ބޭނުންވީ މަސްތުވާ ތަކެތީގެ ޝިކާރަ އަކަށްވެފައިވާ ދަރިފުޅުގެ މައްސަލަ ފުލުހަށް ރިޕޯޓް ކުރާށެވެ. ދަރިފުޅު ފަޟީހަތްވީ ބައްޕަގެ ސަބަބުންކަން އެދަރިފުޅަށް އެނގެއެވެ. އަދިވެސް އެހަސަދަ ދަރިފުޅުގެ ހިތުގައި އޮވެއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަހަރެންގެ ހަޔާތުގެ އަނދިރިކަން ދިޔައީ އިތުރުވަމުންނެވެ. މިހާރު އަހަރެންނަށް ވަނީ 5 ކުދިން ލިބިފައިވެއެވެ. އޭގެ ތެރެއިން 2 ކުދިންނަކީ މަސްތުވާތަކެތި ބޭނުންކުރާ 2 ކުދިންނެވެ. މަސްތުވާތަކެތި ބޭނުންކުރާ އަހަރެންގެ ދަރިން ރަށުގެ އެންމެންވެސް ދަނެއެވެ. އެމީހުންގެ އުނދަގޫ ނުފޯރާ މީހަކު ރަށުގައި މަދުވާނެއެވެ. މަސްތުވާތަކެތި ބޭނުންކުރުމުގެ އިތުރުން ވައްކަންކުރުމާއި ފޭރުމަކީ ވެސް އެކުދިން ކުރާ ކަންތަކެވެ. ނަމަވެސް އަހަރެން މިއަދު މިވަނީ އެކުދިންނަށް ބަހެއް ބުނެލަންވެސް ނުކުޅެދިފައެވެ. އަހަރެންގެ ދަރިން ފައިސާ ދޭންބުނުމުން ނުދީ ހުންނާކަށް ނުކެރެއެވެ. ނުދީފިނަމަ ވާނޭ ގޮތް އަހަރެންނަށް އެނގޭތީއެވެ. ފިރިމީހާގެ ހުރިހާ ފައިސާއެއް އަހަރެންނަށް ފޮނުވާތީވެސް މެއެވެ. އަހަރެންގެ ހަގު ދަރިފުޅަކީ އޯޓިޒަމްގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކެވެ.
ހަގު ދަރިފުޅު ޑޮކްޓަރަށް ދައްކަން މާލެ ގޮސްފައި އެނބުރި ރަށަށް އައި ދުވަހެވެ. އަހަރެންނަށް ހައިރާންކަން ލިބުނެވެ. ހަރު މުދަލުގެ އެއްވެސް އެއްޗެއް ގޭތެރޭގައި ނެތެވެ. އަހަރެންގެ 2 ފިރިހެން ދަރިން ވަނީ ގޭގެ އޮނިގަނޑު ފިޔަވާ ހުރިހާ އެއްޗެއް ވިއްކާފައެވެ. އަހަރެން ހިތާމަ ކުރީމެވެ. މިހާރު ކައިވެންޏެއް ކޮށް ދިރިއުޅުން ފަށާފައިވާ އަނެއް ފިރިހެން ދަރިފުޅާއި އަންހެން ދަރިފުޅު އަހަރެންނަށް އެހީވުމަށް ރަށަށް އަންނާކަށް ބޭނުމެއް ނުވެއެވެ. އެއީ އެކުދިންގެ ބޭބެ އާއި ކޮއްކޮގެ އަމަލުތައް ހުރި ގޮތުން ރައްކާތެރިކަމެއް ނުލިބޭނެކަން އެނގޭތީއެވެ.
ދަރިންގެ ކަންތަކާމެދު އިހުމާލުވެވުނުކަން އަހަރެންނަށް މިއަދު އިހްސާސް ކުރެވެން ފަށައިފިއެވެ. އެކަންތައްތައް އަހަރެންނަށް ވަރަށް ރަނގަޅަށް ތަޖުރިބާވެސް މިވަނީ ކުރެވިފައެވެ. އަދި މިދަނީ ކުރަމުންނެވެ. އަހަރެން ކުޑައިރު އަހަރެންގެ މައިން ބަފައިން އަހަންނާމެދު ފަރުވާ ކުޑަކުރިއެވެ. ޒުވާން އުމުރު ދިޔައީ އެގޮތުގައެވެ. ތަސައްރަފު ފުދި މީހަކަށްވެ، ދަރިން ލިބުމުން އެކުދިންނާ މެދު އަހަރެންނަށް އިހުމާލު ވެވުނެވެ. އެކަމުގެ ވޭން އަހަރެންނަށް މިހާރު މިދަނީ ލިބެމުންނެވެ. ތެދެކެވެ. އަހަރެންގެ ދަރިންގެ ދިރިއުޅުން ހަލާކުވީ އަހަރެންގެ ސަބަބުންނެވެ. އެކުދިން ހެޔޮމަގަށް ނޭޅުވުނީ އަހަރެންގެ ޒިންމާ ރަނގަޅަށް އަދާ ނުކުރެވުނީމައެވެ. އަހަރެންގެ މައިންބަފައިން އަހަރެންނަށް އިހުމާލުވީ ފަދައިން އަހަރެންނަށް ވެސް އިހުމާލު ވެވުމުނެވެ.
ކޮންމެ އިހުމާލަކީ އަނިޔާއެކެވެ.