ކުޅުދުއްފުށީ ކައުންސިލްގެ ފަރާތުން ރަށުގެ މަސްވެރިންނާ ބައްދަލުކޮށްފި އެވެ.
ރޭ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮތް މި ބައްދަލުވުމަށް 25 މަސްވެރިއަކަށް ވަނީ ދައުވަތު ދީފައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާފައިވަނީ، ކުޅުދުއްފުށީގެ މަސްވެރިންނަށް ދިމާވާ ދަތިތަކާއި އެކަން ހައްލު ކުރާނެ ގޮތްތަކުގެ މައްޗަށެވެ. އަދި ސަރުކާރުން މަސްވެރިންނަށް ދޫކުރާ ސަބްސިޑީ ނެގުމަށް އިރުޝާދު ދީފައިވެއެވެ.
ރޭގެ ބައްދަލުވުމުގައި މަސްވެރިނަށް މާލީ ގޮތުން ދިމާވެފައިވާ ދަތިތަކާ ގުޅިގެން އެކަން ހައްލުކުރާނެ ގޮތްތަކާއި ބޭންކުން ދެވިދާނެ ފުރުޞަތުތަކާއި ބެހޭގޮތުން ބޭންކު އޮފް މޯލްޑިވްސްގެ ކުޅުދުއްފުށީ ބުރާންޗުގެ މެނޭޖަރ ކަމަށް އަލަށް ހަވާލުވެލެއްވި އަހުމަދު ޝަމްއޫން ވަނީ މަސްވެރިންނަށް މައުލޫމާތު ހިއްސާކޮށްފައެވެ.
ފިޝަރީޒް މިނިސްޓްރީ އާއި އިފާޑް ގެ އެހީގައި އަންނަ މަހު ކަންނެލީގެ މަސްވެރިކަން ކުރާނެގޮތް ދަސްކޮށްދޭ ކޯހެއް ފެށުމަށް ހަމަޖެހިފައިވާތީ އެކަމުގެ މައުލޫމާތުވެސް ވަނީ ރޭގެ ބައްދަލުވުމުގައި ދީފައެވެ. ވީހާވެސް ގިނަ މަސްވެރިން މިކޯހުގައި ބައިވެރިވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމަށް ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒު ވިދާޅުވި އެވެ.