ކުޅުދުއްފުށީގެ މަގުތަކުގައި ވިއްސާރަ މޫސުމުގައި ހެދޭ ފެންގަނޑުތައް ފަސޭހައިން ހިންދުމުގެ ނިޒާމެއް ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.
ކުޅުދުއްފުށި އޮންލައިނުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒު ވިދާޅުވީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ރަށުގެ މަގުތަކުގައި ފެންހެދި ފެން ބޭރު ކުރާނެ ގޮތެއް ނެތުން ކަމަށާއި ކައުންސިލުގެ ފަރާތުން ގާއިމުކުރަން ނިންމާފައިވާ މި ނިޒާމުގެ ސަބަބުން އެކަމަށް ލުޔެއް ލިބިގެން ދާނެ ކަމަށެވެ.
ކުޅުދުއްފުށީގެ މަގުތަކަކީ ފެންހެދޭ މަގުތަކެއް ކަމަށާއި ޚާއްސަކޮށް ރަށުގެ މެދު ތެރޭގައި ހެދޭ ފެންގަނޑުތައް ބޮޑުކަމަށް ރަމީޒް ވިދާޅުވި އެވެ. އަދި މިކަމުގެ މާހިރެއް މިދިޔަ މަހުގެ ތެރޭގައި ރަށަށް ޒިޔާރަތްކޮށް މަގުތައް ބަލާފައިވާ ކަމަށް ރަމީޒު ވިދާޅުވި އެވެ.
އަންނަ މަހުގެ ތެރޭގައި މި ޕްރޮޖެކްޓް ބިޑަށް ލުމަށް މަސައްކަތް ކުރައްވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
5 މިލިއަނެއްހާ ރުފިޔާ ޚަރަދު ކޮށްގެން ޔޫއެންޑީޕީ ގެ އެހީގެ ދަށުން ޤާއިމްކުރެވޭ މި ނިޒާމަކީ ޕައިލޮޓް ޕްރޮޖެކްޓެކެވެ.
ކުޅުދުއްފުށީގެ މަގުތަކުގައި ފެންހެދި މަގުތައް ޗަކަވުމުގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ ދަތިތަކަކާއި ދަނީ ކުރިމަތި ވަމުންނެވެ.