ކުޅުދުއްފުށީ އިރުމަތި އަވަށު ޕްރީ ސްކޫލް (އައިޕީއެސް)ގައި އަލަށް އިމާރާތް ކުރާ 3 ކްލާސްރޫމްގެ މަސައްކަތް ފަށައިފި އެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒު ވިދާޅުވީ މިއީ އައިޕީއެސް އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން އަޅާ 3 ކްލާސްރޫމް ކަމަށެވެ. އަދި މި އަހަރު ގެ ކިޔެވުން ފެށުމުގެ ކުރިން މި ކްލާސްރޫމުތަކުގެ މަސައްކަތް ނިންމާ ސްކޫލާއި ހަވާލުކުރެވޭތޯ މަސައްކަތް ކުރައްވާ ކަމަށްވެސް ރަމީޒު ވިދާޅުވި އެވެ.
“މިއީ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް އެޅޭ 3 ކްލާސްރޫމް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މި އަހަރުގެ ކިޔެވުން ފެށެންވާއިރަށް މަސައްކަތް ނިންމާ ލެވޭތޯ.” ރަމީޒު ވިދާޅުވި އެވެ.
ރަމީޒު އިތުރަށް ވިދާޅުވީ މިކަމުގައި ހިލޭ ސާބަހަށް އެހީ ތެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ.
ކުޅުދުއްފުށީ ކައުންސިލާއި އައިލެންޑް އެކްސްޕާޓްގެ ފަރާތުން އިމާރާތްކުރާ މި 3 ކްލާހަކީ 1 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ މަޝްރޫއެކެވެ.
ކުޅުދުއްފުށީ ކައުންސިލުން ވަނީ މިދިޔަ އަހަރު އަފީފުއްދީން ސްކޫލުގައި ވެސް 2 ކްލާސް ރޫމް އިމާރާތް ކޮށްދީފައެވެ.
އައިޕީއެސްގެ އިތުރުން ކުޅުދުއްފުށީގައި ހުންނަ އެންމެ ދުވަސްވީ ޕްރީ ސްކޫލުކަމަށްވާ އަމީރު އަމީން ސްކޫލަކީވެސް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ސްކޫލެކެވެ.