ކުޅުދުއްފުށިން ގޯތި ދޫކުރުން ލަސްވާކަމަށް ބުނެ މިއަދު ހެނދުނު ކުރި މުޒާހަރާ، ދިހަ މީހުންގެ ކޮމިޓީއެއް ނެގުމަށްފަހު ނިންމާލައިފި އެވެ.
މިއަދު ކައުންސިލް އިދާރާ ކުުރިމަތީގައި ފެށި އިހުތިޖާޖްގެ ބައިވެރިން ކައުންސިލްއާ ބައްދަލުކޮށް އެމީހުންގެ ޝަކުވާތައް ވަނީ އިއްވާފައެވެ. އެއްވެތިބި މީހުންނަށް ކައުންސިލްގެ ފަރާތުން މައިގަނޑު ގޮތެއްގައި ޖަވާބު ދެއްވީ ކައުންސިލްގެ ނައިބު ރައީސް ފާރޫގު މުޙައްމަދެވެ.
ކުޅުދުއްފުށިން ބިން ދޫކުރެވެން އަންނަނީ އަތޮޅު ކައުންސިލުން ހުއްދަ ދިނުމުން ކަމަށް މުޒާހަރާގެ ބައިވެރިންނަށް ކައުންސިލުން އަންގާފައި ވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެހާތަނަށް އެފަދަ ހުއްދައެއް ނެގުމަށް ރަށު ކައުންސިލުން އަތޮޅު ކައުންސިލްގައި އެދިފައެއް ނުވެއެވެ.
މުޒާހަރާގެ ބައިވެރިން އަތޮޅު ކައުންސިލް އިދާރާއަށް މިސްރާބު ޖެހުމުން ރަށު ކައުންސިލް އިން ވަނީ އެ ހުއްދަ ހޯދުމަށް އަތޮޅު ކައުންސިލް އަށް ފެކްސް އެއް ފޮނުވާފައެވެ. އަދި ވަގުތުން އަތޮޅު ކައުންސިލުން ވަނީ ހުއްދަ ދީފައެވެ.
އޭގެ ފަހުން މުޒާހަރާގެ ބައިވެރިން އަނެއްކާވެސް ވަނީ ރަށު ކައުންސިލް އާ ބައްދަލުކޮށްފަ އެވެ. އަދި އެބައްދަލުވުމުގައި ވަނީ 10 މީހުންގެ ކޮމިޓީއެއް ނަގާފައެވެ. މި ކޮމިޓީއަކީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓް ކުރާއިރު އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ކޮމިޓީއެއް ކަމަށް އެކޮމިޓީގައި ހިމެނޭ މެމްބަރެއް މަޢުލޫމާތު ދީފައިވެއެވެ. އަދި އޭގެ އިތުރުންވެސް ގޯތި ދޫކުރުމުގެ ކަންތައްތަކުގައި ކައުންސިލަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމަށް އޭނާ ބުންޏެވެ.
މިނޫހަށް އެނގިފައިވާ ގޮތުގައި ފޯމުތައް އިވޭލުއޭޓް ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު އެވެ.
ގޯތި ދޫކުރުމާއި ބެހޭގޮތުން 2011 ވަނަ އަހަރުގެ ފަހުކޮޅު މިނޫހަށް ދިން އިންޓަވިއުއެއްގައި ކައުންސިލް އިން ބުނެފައިވަނީ ކުޅުދުއްފުށިން ގޯތި ދޫކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އަދި ގޯތި ދޫކުރުމުގެ މަސައްކަތް ލަސްވެފައިވަނީ ތިން ފަހަރެއްގެ މަތިން އިއުލާނު ކޮށްގެންވެސް ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ފޯމްތައް އިވެލުއޭޓް ކުރުމަށް ރައްޔިތުންގެ ތެރެއިން ބަޔަކު ހޯދުމަށް ކުރި މަސައްކަތަށް އެކަށީގެންވާ އެއްބާރުލުމެއް ލިބިފައި ނުވުމުގެ ސަބަބުން ކަމަށެވެ.