twitterviber whatsapp telegramfacebookyoutube instagram
24th April 2024

ގޯތި ގެދޮރު ހޯދާ ދިނުމުގައި ކުޅުދުއްފުށީ ކައުންސިލުން ވަނީ އިހުމާލުވެފައި: އަތޮޅު ކައުންސިލް މެމްބަރު ނަޞްރުﷲ

Jan 6, 2013

ގޯތި ގެދޮރު ހޯދާ ދިނުމުގައި ކުޅުދުއްފުށީ ކައުންސިލުން އިހުމާލުތަކެއް ވެފައިވާ ކަމަށް ހދ އަތޮޅު ކައުންސިލުގައި ކުޅުދުއްފުށީ އުތުރު ދާއިރާ ތަމްސީލުކުރައްވާ މެމްބަރު ނަޞްރުﷲ އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ނަޞްރުﷲ މިހެން ވިދާޅުވެފައިވަނީ ކުޅުދުއްފުށިން ގޯތި ދޫކުރުން ލަސްވާކަމަށް ބުނެ މިއަދު ރައްޔިތުންގެ ތެރެއިން ބަޔަކު އިހުތިޖާޖު ކުރުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި އެވެ.

ގޯތި ދޫކުރުމުގެ މައްސަލައިގައި ހދ އަތޮޅު ކައުންސިލް މެމްބަރ ނަސްރުﷲ އިސްމާއީލް މިއަދު ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ ކުޅުދުއްފުށީގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަކީ ކުޅުދުއްފުށީ ކައުންސިލްގެ އެންމެ އިސްވާޖިބު ކަމުގައި ދެކޭ ކަމަށާއި އެހެން ނަމަވެސް ފެންނަން އޮތް ހަޤީޤަތަކީ، ގޯތި ގެދޮރުގެ ހޯދާ ދިނުމުގައި ކުޅުއްފުށީ ކައުންސިލުން އިހުމާލުތަކެއް ވެފައިވާ ކަމަށެވެ.

އެގޮތުން ލާމަރުކަޒީ ގާނޫނުގެ 23 ވަނަ މާއްދާގެ ބ ގައި ބުނެފައިވާ ސިޔާސަތުތައް ރަށު ކައުންސިލުން ކަނޑައަޅާފައިނުވާ ކަމަށް ނަސްރުﷲ ވިދާޅުވެފައި ވެއެވެ. އަދި ބިމާ ގުޅޭ ގޮތުން ކައުންސިލުގެ ވިސްނުން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

“މިރަށުގެ (ކުޅުދުއްފުށީގެ) ރައްޔިތުންނަށް ލޮބުވެތި ރައްޔިތުންނަށް، މިރަށަށް ހެދިފައިވާ ލޭންޑް ޔޫސް ޕްލޭނާއި ބޭހޭ ފުރި ހަމަ މަޢުލޫމާތު ލިބެން ޖެހޭނެ ކަމުގައި އަޅުގަނޑު ދެކެވެ. ގޯތި ދެވޭނެ އަދަދާއި، ކަންކަން ހިންގަމުންދާނޭ އުސޫލުތައް ރައްޔިތުންނަށް އަންގައި ދެވެވެން ވާނެއެވެ. އެކަން އެހެން ކުރެވެމުން ނުދާނަމަ، ކޮންމެ ރަށެއްގެ ކޮންމެ ބަޔަކު ތިބި ކައުންސިލެއް ކަމުގައިވީ ނަމަވެސް، އެ ކައުންސިލެއް އެވަނީ ނުހަނު ބޮޑު އިހުމާލަކުން އިހުމާލު ވެފައި ކަމުގައި ނޫނީ ނުވާނެ” ނަސްރުﷲ އިސްމާއީލް މިއަދު ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ނަޞްރުﷲ ގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ އެންމެ ފަހުން ކުޅުދުއްފުށިން ބަންޑާރަ ގޯތި ދޫކުރުމަށް އިއުލާން ކުރި ފަހުން އަހަރުވެގެން ދިޔައިރު އެކަމާއި ބެހޭ އެއްވެސް މަޢުލޫމާތެއް ރައްޔިތުންނާއި ހިއްސާކޮށްފައި ނުވުމީ ނުހަނު ނާއުންމީދީ ކަމެއް ކަމަށެވެ.

” އަހަރު ދުވަސް ވާންދެން ރައްޔިތުން ބިކަ ހާލުގައި ބޭތިއްބުމީ ހަމަ އެއްގޮތަކަށްވެސް ޤަބޫލު ކުރެވޭނޭ ކަމެއްނޫނެވެ. ގެދޮރު ނުލިބިގެން އާއިލާއެއް ބިނާ ނުކުރެވި ތިބީ ކިތައް ދެމަފިރިންބާއެވެ؟ ކުޑަތަންކޮޅެއްގައި އުޅެން ޖެހުމުގެ ސަބަބުން އާއިލާ ރޫޅީ ބިޔަވީ ކިތައް ޅަ ދަރިން ބާއެވެ؟ ބިމާއި، ގެދޮރާއި ގުޅިގެން ދިމާވެފައިވާ ހިތި ނަތީޖާތަކުގެ ޒިންމާގެ ބައެއް ކުޅުދުއްފުށީ ކައުންސިލުން ނަންގަވަން ޖެހޭނެކަމަށް އަޅުގަނޑު ދެކެމެވެ.” އެ ބަޔާނުގައި ވެއެވެ.

ބަޔާން ނިންމަވާލައްވަމުން، ވީ އެންމެ އަވަހަކަށް ކުޅުދުއްފުށިން ބޯހިޔާވަހި ކަމަށް ބޭނުން ޖެހިފައިވާ ފަރާތް ތަކަށް ގޯތި ދޫކޮށް، ބޯހިޔާވަހިކަން މިހާރުން މިހާރަށް ފޯރުކޮށް ދިނުމަށް ރަށު ކައުންސިލަށް ގޮވާލާފައި ވެއެވެ. އަދި އެކަމުގައި އަތޮޅު ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން ރަށު ކައުންސިލަށް ވެދެއްވެން އޮތް ކޮންމެ ގުރުބާނީ އެއް ވުމަށް ތައްޔާރަށް ހުރި ކަމަށް ވިދާޅުވެފައި ވެއެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355