އެހެން ސްކޫލުތަކެކޭވެސް އެއްފަދައިން އަފީފުއްދީން ސްކޫލުގައިވެސް މިމަހުގެ 14 ވަނަ ދުވަހު ކިޔެވުން ފެށޭތޯ މަސައްކަތް ކުރަމުންދާކަމަށް ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ދިރާސީ އާއަހަރު ފެށޭދުވަހު އަފީފުއްދީން ސްކޫލުގައި ކިޔެވުން ނުފެށޭނެކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން މިނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އާދަމް މޫސާ ވިދާޅުވީ އެވާހަކަ އެގޮތަށް ދައްކާ ބަޔަކު އެދައްކަނީ ސްކޫލުގެ ބައެއް ކުލާސްތަކުގައި ފަރުނީޗަރު ފެންނަން ނެތުމުން ކަމަށެވެ.
ޕްރިންސިޕަލް ވިދާޅުވީ މިއަހަރުގެ ކިޔެވުން ފެށެން އަންނަނީ 6 ކްލާސް ރޫމަށް ބޭނުންވާ ފަރުނީޗަރު ލިބިގެން ކަމަށާއި ކިޔެވުން ފެށެންވާއިރަށް އެތަކެތި ހަމަޖެހޭނެ ކަމަށް މިނިސްޓްރީ އިން ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް ކުރިން ރޭވިފައި އޮތްގޮތަށް މިއަހަރު އެއް ދަންފަޅިއަށް ސްކޫލުގެ ކިޔެވުން ބަދަލު ނުވާނެކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.
އެސްކޫލުގެ ޕީޓީއޭގެ ނައިބު ރައީސް ޢަލީ އާދަމް ވިދާޅުވީ ފަރުނީޗަރު ހޯދުމަށް ސްކޫލުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ދާކަމަށާއި އެޑިއުކޭޝަނުން އެދުވަހު ކިޔެވުން ފެށޭނެކަމަށް ބުނަމުން ދާކަމަށެވެ. އަދި މިއީ ސީދާ ބަޖެޓުގެ ތާއްޓެއްކަމަށް ދަންނަވަން ދަތި ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.
“ކުރިން ވެސް މިނިސްޓްރީ އިން ވިދާޅުވީ މިސްކޫލަށާއި އެހެން ސްކޫލަކަށް ތަކެތި ފޮނުވާނެ ވާހަކަ. އެކަމަކު މިހާރު ސްކޫލު ފެށެން ކުޑަ ދުވަސްކޮޅަކަށް މިވީ.” އަލީ ފާހަގަ ކުރެއްވިއެވެ.
އަފީފުއްދީން ސްކޫލަކީ ސެކަންޑްރީ ފެންވަރަށް ކިޔަވައިދޭ ސްކޫލެކެވެ. އަދި މިދިޔަ އަހަރުން ފެށިގެން އެއްދަންފަޅިއަށް ސްކޫލު ބަދަލުކުރެވޭތޯވެސް އެސްކޫލުން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.