ހދ އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) ގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހޯލްގެ ބިންގާ އަޅާފައިވަނީ 2011 ވަނަ އަހަރުގެ ޖެނުއަރީ މަހު 26 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިއަދާހަމައަށް 2 އަހަރު ފާއިތު ވެގެން ދިޔައިރު ވެސް އެ އިމާރާތުގެ އެއްވެސް މަސައްކަތެއް ވަނީ ނުފެށިއެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒުގައި އަލަށް އިމާރާތްކުރުމަށް ނިންމި ހޯލުގެ ބިންގާ އަޅުއްވައިދެއްވީ، ކުޅުދުއްފުށީގައި 2011 ވަނަ އަހަރު ބޭއްވި ކެބިނެޓް ބައްދަލުވުމަކަށް ވަޑައިގެން އޭރުގެ އެޑިޔުކޭޝަން މިނިސްޓަރ ޝިފާ މުހައްމަދާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރ އަބްދުލް ގަފޫރު މޫސާއެވެ.
2011 ވަނަ އަހަރު ބިންގާ އެޅުނު އެ ހޯލަކީ، އެ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ބުނެފައިވާ އިމާރާތެކެވެ. އެހެންނަމަވެސް ހޯލުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވަނީ، ބިންގާ އެޅިތާ އަހަރެއް ފަހުން 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ. އެ މަސައްކަތް ޔުމާން ކޮންސްޓްރަކްޝަނާ ހަވާލުކުރީ 8 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.
ދިގުމިނުގައި 136 ފޫޓު އަދި ފުޅާ މިނުގައި 70 ފޫޓު ހުންނަ ގޮތަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އޭއީސީގެ ހޯލަކީ 500 މީހުންގެ ޖާގައިގެ ހޯލެކެވެ. މިހޯލުގައި ސްޓޭޖަކާއި ގުދަނެއްގެ އިތުރުން ވުޟޫ ކުރާ ބަޔަކާއެކު ނަމާދު ކުރާ ކޮޓަރިއެއް އަދި ދެ ޖިންސްގެ ކުދިންނަށް ވަކިން 2 ޗޭންޖިންގ ރޫމެއް ހިމެނުމަށް ޕްލޭން ކުރެވިފައި ވެއެވެ. 4.1 މިލިޔަން ރުފިޔާގެ ކޮންޓްރެކްޓްގައި ސޮއި ކުރުމަށްފަހު އެ ދުވަހު ޔުމާން ކޮންސްޓްރަކްޝަންގެ ޑިރެކްޓަރ މުޙައްމަދު ނަސީރު ވިދާޅުވެފައި ވަނީ އޭގެ 5 ދުވަސް ފަހުން މަސައްކަތް ފެށުމަށް ހަމަޖެހިފައި ވާކަމަށެވެ.
އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ އެދުވަހު ވިދާޅުވީ ބޮޑު މައްސަލައެއް ދިމާނުވެ ހުއްޓުމެއް ނެތި މަސައްކަތް ކުރިއަށް ގެންދެވިއްޖެނަމަ ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމާ ހޯލު ސްކޫލާ ހަވާލު ކުރެވޭނެ ކަމަށެވެ.
އެހެންނަމަވެސް ބިންގާ އެޅިތާ 2 އަހަރު އަދި ބަޔަކާ އެމަސައްކަތް ހަވާލުކުރިތާ އަހަރެއް ވެގެންދިޔައިރު އެ ހޯލްގެ މަސައްކަތް ވަނީ ނުފެށިއެވެ. އަދި މިހާރު ހޯލްގެ އިމާރާތުގެ މަސައްކަތް އަނެއްކާވެސް އޮތީ ޓެންޑަރ ބޯޑުގައި ކަމަށް މައުލޫމާތު ލިބެއެވެ.
ޔުމާން ކޮންސްޓްރަކްޝަން އަށް ހަވާލުކުރި މަސައްކަތް އެކުންފުނިން ނެގުމަށްފަހު އެހެން ބަޔަކާ ހަވާލުކުރުމަށް ޓެންޑަރ ކުރާ ސަބަބެއް އެނގިފައެއް ނުވެއެވެ. ތަކުރާރުކޮށް އެޑިޔުކޭޝަން މިނިސްޓްރީއަށް ގުޅައިގެން ވެސް އެމައުލޫމާތު ވަނީ ސާފުވާގޮތް ނުވެފައެވެ. އަދި ފިނޭންސް މިނިސްޓްރީގެ ފަރާތުންވެސް ޖަވާބެއް ލިބޭގޮތްވަނީ ނުވެފައެވެ. އޭއީސީގެ ހޯލުގެ މަސައްކަތް މިހާރު އަލުން ފެށުމަށް ޓެންޑަރ ބޯޑަށް ލާފައިވާއިރު، ސްކޫލުގެ ދަރިވަރުންނާއި މެނޭޖްމަންޓުން އިންތިޒާރުކުރަމުންދަނީ އެއިމާރާތުގެ ބޭނުން ހިފޭނެ ދުވަހަކަށެވެ.