މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ 6 ރަބަރު ޕެކެޓާއި އެކު ކުޅުދުއްފުށިން 21 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފި އެވެ.
މި މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނި ގޮތުގައި 21 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައިވަނީ ރޭ 11:30 ހާއިރު ކުޅުދުއްފުށީގައި އަލަށް މީހުން އާބާދުވާ ސަރަހައްދުގައި ހުއްޓައެވެ.
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 ރަބަރު ޕެކެޓް ފެނިފައިވަނީ ފުލުހުން ފެނުމާއެކު އެ މީހާ އެސަރަހައްދަށް އެއްލާލި ރަބަރު ޕެކެޓެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ.
ހައްޔަރުކުރި މީހައާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ގެންދަނީ މިހާރު މި މައްސަލަ ތަހުގީގު ކުރަމުންނެވެ.