ނިމުނު 2012 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރި އަމީނީމަގުގެ މަސައްކަތް އަނެއްކާވެސް މަޑުޖެހިއްޖެ އެވެ.
އަމީނީމަގު ހެދުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފެއް ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ އަމީނީމަގުގެ މަސައްކަތް ހުއްޓިފައިވަނީ ހުސްވި މަހުގެ 20 އިން ފެށިގެން ކަމަށެވެ. މަގުތަކުގައި ފަހުންވެސް ޖަހާފައިވަނީ ކުރިން ގެނެސްފައިވާ ޑިވައިޑަރުތައް ކަމަށާއި މިހާރު މަސައްކަތް ހުއްޓިފައި ވަނީ ފައިސާ އާއި ތަކެތި ނެތުމުން ކަމަށެވެ. އަދި މިދިޔަ މަހުގެ މުސާރައިގެ ދެބައިކުޅަ އެއްބައި އަދިވެސް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
“5000 ރުފިޔާ މުސާރައަކީ. އެކަމަކު އަދި ލިބުނީ 2000. މަސައްކަތް ނެތީމަ ސޮއިކޮށްލާފަ އައިސް ގޭގަ މިތިބެނީ. ގުޅާލީމަ ދަނީ.” އޭނާ ބުންޏެވެ.
މިކަމާގުޅިގެން އެމްއާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ މިހާރު މަސައްކަތް މަޑުޖެހިފައި އެއޮތީ މަގުގައި އަތުރާ ގަލުގެ ފަހު ޝިޕްމަންޓް އަންނަންދެން ކަމަށާއި މިމަހުގެ ތޭވީސްހާތަނުގައި އެ ޝިޕްމެންޓް ލިބޭނޭ ކަމަށެވެ.
މަގުމަތީގައި މަސައްކަތް ކުރާތަން ނުފެނުނު ކަމުގައި ވިޔަސް އެމްއާރުޑީސީގެ ސައިޓު ތެރޭގައި މަސައްކަތް ކުރާ ކަމަށް ނަޒީމް ވިދާޅުވިއެވެ. މިގޮތުން މަގުގެ ލެވެލް އެއްވަރުކުރުމަށް ބޭނުންވާ ވެލި ފުރޭނުން ފަދަ މަސައްކަތް ސައިޓުގައި ކުރިއަށްދާކަމަށް ނަޒީމް ވިދާޅުވިއެވެ. ޑިވައިޑަރުތައް ޖެހުމުގެ ތިންބައިކުޅަ އެއްބައި މަސައްކަތް މިހާރު ނިމިފައިވާކަންވެސް ނަޒީމް ފާހަގަ ކުރެއްވިއެވެ.
ކުޅުދުއްފުށީ އަމީނީމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއަކީ 2011 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. މިމަޝްރޫއު އެމްއާރުޑީސީއާ ހަވާލުކޮށްފައިވަނީ ހަމައެކަނި އަމީނީމަގުގެ މަސައްކަތް ކަމަށް އެކުންފުނިން މީގެ ކުރިން ވަނީ ބުނެފައި އެވެ. އެކިއެކި ސަބަބު ތަކާއިހުރެ މި މަގުގެ މަސައްކަތް ވަނީ ގިނަ ފަހަރުތަކެއްގެ މަތިން ހުއްޓިފައެވެ.