twitterviber whatsapp telegramfacebookyoutube instagram
13th May 2025

ފެބްރުއަރީގެ ކުރިން ހަނިމާދޫ އެއަރޕޯޓް އިންޓަނޭޝަނަލް ކުރެވޭނެ: ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް

Jan 15, 2013

ފެބްރުއަރީ ފެށެންވާއިރަށް ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރެވޭނެ ކަމަށް ރީޖަނަލް އެއާޕޯޓްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލް ވިދާޅުވެއްޖެ އެވެ.

މިނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސާމީ އަގީލް ވިދާޅުވީ އަމާޒަކީ މިމަހުގެ 20 ގެ ނިޔަލަށް ހުރިހާ މަަސައްކަތްތަކެއް ނިންމާލުން ކަމަށާއި މިހާރު ކުރިއަށްދަނީ ސެކިއުރިޓީ ފެންސްތައް ޖެހުމުގެ މަސައްކަތް ކަމަށެވެ. އަދި އެއާޕޯޓުގެ ޓާމިނަލްގެ އެތެރޭގެ ޖާގަ ބޮޑުކުރެވިފައިވާ ކަމަށާއި މިހާރު ކުރަންޖެހޭ ގިނަ ކަންކަން ނިމިފައިވާކަމަށް ވެސް ސާމީ ވިދާޅުވި އެވެ.

” އެތެރޭގެ ޖާގަ ވެސް ބޮޑުކުރެވިއްޖެ. ނަރުދާވެސް ޖެހިއްޖެ. މިހާރު ނުނިމެނީ ހަމައެކަނި ސެކިއުރިޓީ ފެންސް ތަކުގެ މަސައްކަތް.” ސާމީ ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ހަލުވި ކުރުމުގެ ގޮތުން މިދިޔަ ހަފްތާގައި އެމްއެންޑީއެފް އިން ވެސް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

އެގޮތުން އެއަރޕޯޓްގެ ރަންވޭ ވަށާ ފެންސްޖެހުމުގެ މަސައްކަތާއި، ފެންސް ޖަހަންޖެހޭ ސަރަޙައްދުގެ ވަލުތެރޭގެ ގަސްތައްކޮށައި އެ ސަރަޙައްދު ސާފުކޮށް ރަންވޭ އިން ފެށިގެން ކްލިއަރެންސް ބޭނުންވާ 500 މީޓަރު އޭރިއާއެއް ވަނީ އެމްއެންޑީއެފް އިން ސާފުކޮށްފަ އެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދޭގޮތުގައި ހަނިމާދޫގެ އެއަރޕޯޓްގެ ރަންވޭގައި 1500 މީޓަރ ދިގުމިނުގެ ބޮޑު ސަރަޙައްދެއްގައި ފެންސް ޖެހުމުގެ މަސައްކަތް ކުރަމުންދާއިރު، ފެންސް ދަގަނޑުތައް ވެލްޑިންގ ކުރުމާއި ފެންސްގެ ބުޑު ހެދުމަށްޓަކައި ދެ ފޫޓްގެ އުސްމިނުގައި 500 މީޓަރުގެ ކޮންކްރީޓް ފާރުބުރިއެއް ރޭނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

އެއާޕޯޓްގެ މަސައްކަތް ހުލުވިކޮށް ގެންދިއުމަށްޓަކައި އެމްއެންޑީއެފް ހަރަކާތްތެރި ވާއިރު އަމިއްލަ ކުންފުންޏެއް ކަމުގައިވާ އައިލެންޑް އެކްސްޕާޓް އިން ވެސް ދަނީ ބައެއް މަސައްކަތްތައް ކުރަމުންނެވެ.

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355