ކުޅުދުއްފުށީގެ އެންމެ ދުވަސްވީ ސްކޫލު ކަމަށްވާ އަމީރު އަމީން ސްކޫލުގެ އާ ދިދައެއް ތައާރަފް ކޮށްފި އެވެ.
މި ދިދަ ތައާރަފް ކޮށްފައިވަނީ ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ބެލެނިވެރިންނާ ބައްދަލުކުރުމަށް ރޭ އަފީފުއްދީން ސްކޫލުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ދިދަ ތައާރަފު ކޮށްދީފައިވަނީ ބައްދަލުވުމުގެ ޝަރަފުވެރި މެހެމާން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒެވެ.
އަމީރު އަމީން ސްކޫލުން ތައާރަފު ކޮށްފައިވާ އާ ދިދައިގައި ހިމެނެނީ ނޫކުލަ އާއި ހުދުކުލައެވެ. ދިދައިގައި ސްކޫލުގެ ރަމްޒުއަކުރުތައް ވަށްބުރެއްގެ ތެރޭގައި ލިޔެފައިވާއިރު އަރިމަތީ ދެ ރޮނގު ދަމާފައިހުރެއެވެ.
އެ ސްކޫލުން މައުލޫމާތު ދިންގޮތުގައި، އާ ދިދައިގެ އެއްފަރާތުގައިވާ ދެ ރޮނގު ރަމްޒުކޮށްދެނީ އަމީރު އަމީން ސްކޫލަކީ ދިވެހިރާއްޖެއާމެދު ފަޚްރުވެރިވާ އަދި ދިވެހިރާއްޖޭގެ އާދަކާދަ އާއި ސަގާފަތަށް ލޯބިކޮށް ރައްކާތެރިކޮށް ދަމަހައްޓާނެ ދަރިންތަކެއް އުފައްދާނެ ސްކޫލެއްކަމެވެ.
ދިދައިގައިވާ ހުދުކުލައިގެ ފުރިހަމަ ހަނދެއްފަދަ ވަށްބުރު ރަމްޒުކޮށްދެނީ އަމީރު އަމީން ސްކޫލްވަނީ ދިވެހިރާއްޖޭގެ އިސްލާމްދީނާއި އިސްތިޤްލާލް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ސާބިތު ކަމާއެކު ތިބޭނެ ދަރިންތަކެއް އުފެއްދުމުގެ ބިންގަލުގެ މަތީގައިކަމެވެ.
އަދި ދިވެހިރާއްޖޭގެ ވަށައިގެންވާ ނޫ ކަނޑުފަދައިން ދިދައިގެ ވަށައިގެންވާ ނޫކުލަ ރަމްޒުކޮށްދެނީ އަމީރު އަމީން ސްކޫލުންދޭ ފަށާ ތަޢުލީމުގެ ސަބަބުން އިތުބާރުހިފޭ ތަޢުލީމީ ގޮތުންނާއި ސުލޫކީ ގޮތުން ކުރިއަރާ މުޅިރާއްޖެއަށް އެދަރިވަރުންގެ ފަރާތުން ލާބަޔާއި މަންފާ ލިބޭނެ ދަރިވަރުންތަކެއްކަމުގައި އެ ސްކޫލުގެ ދަރިވަރުންވެގެންދާނެ ކަމެވެ.
އާ ދިދަ ތައާރަފުކުރުމުގެ އިތުރުން ރޭގެ ބައްދަލުވުމުގައި އާ އަހަރު އެސްކޫލުގެ ކިޔެވުމާ ބެހޭގޮތުން ސްކޫލުގެ އިސްބޭފުޅުން ވާހަކަދައްކަވާފައި ވެއެވެ.