މުވާސަލާތީ ކުންފުނި ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރުގެ ސްޓާފް ޕާޓީ 2012/13 ބާއްވައިފި އެވެ.
ހުކުރު ދުވަހުގެ ރޭ ޖަލާލުއްދީން ސްކޫލުގައި އޮތް މި ޕާޓީއަކީ ވަޒީފާގެ މާހައުލުގެ ބޭރުން މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހިކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވަމުންދާ ޕްރޮގްރާމްގެ ތެރެއިން މިދިޔައަހަރާއި މިއަހަރު ތަމްސީލް ކުރާ ޕާޓީއެވެ.
ކުޅުދުއްފުށި އޮޕަރޭޝަންސް ސެންޓަރ ނުވަތަ “ކޭއޯސީ ސްޓާފް ޕާޓީ” ގައި މެނޭޖަރު މުހައްމަދު ފާހިރު ދެއްކެވި ވާހަކައިގައި އެކުންފުނީގެ އެކިއެކި އޮޕަރޭޝަންތަކުގެ ޑިޕާޓްމަންޓްތައް ކުރިއަރައިގެންދާ ދިޔުމަށް އަލިއަޅުވާލާފައިވެއެވެ. މިއަހަރުގެ މި ޕާޓީގައި ދިރާގު ކޭއޯސީ ގެ ކަންތައްތައް ދައްކުވައިދޭ ވީޑިޔޯ ރިޕޯޓެއް ވަނީ ދައްކާފައެވެ. އަދި ދިރާގުގެ މުއައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވުނު ތަފާތު ކުޅިވަރު މުބާރާތް ތަކަށާއި އިޖްތިމާއީ މުބާރާތްތަކުގެ ވަނަވަނައަށް ދިޔަ މުވައްޒަފުންނަށް އެވޯޑްވެސް ވަނީ ދީފައެވެ.
ދިރާގުން މައުލޫމާތުދޭ ގޮތުގައި މި ޕާޓީ މިހާ ގުލަގަދަގޮތެއްގައި ބޭއްވިފައި މިވަނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެކުގައެވެ. މިގޮތުން ސްޓެއަރިންގ ކޮމިޓީ އާއި ކޭއޯސީގެ މުވައްޒަފުންގެ އިތުރުން ޖަލާލުއްދީން ސްކޫލް އަދި ކުޅުދުއްފުށީގެ ޖަމިއްޔާއެއްކަމުގައި ވާ ޒިގްޒެގް ފޯރ އޯލް ޔޫތު ލިންކޭޖުގެ ޒުވާނުންގެ ފަރާތުން ލިބުނު އެހީތެރިކަން ދިރާގުން ފާހަގަ ކުރެއެވެ.