މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓުން ހިންގަމުން ގެންދާ ޕްރައިވެޓް ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީގައި، ތަކެތި ބަންދުކޮށް ލޭބަލް ކުރާނެ ފެސިލިޓީއެއް ގާއިމުކުރުމަށް ނިންމާފައިވަނީ 2011 ވަނަ އަހަރު އެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގައި ކުރިއަށްގެންދާ މި ޕުރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީގައި ގާއިމުކުރާ ޕެކިން ފެސިލިޓީގެ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ބަޔަކު ހޯދަން އެ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި އިއުލާނުކޮށްފައި ވެއެވެ. އެހެންނަމަވެސް އެ ފަހަރު އެކަމަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ.
ކުރިން ނިންމާފައިވާ ގޮތުންނަމަ ހުސްވި 2012 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ހުންނަންޖެހޭނީ ޕެކިން ފެސިލިޓީގެ މަސައްކަތް ނިމި ހިދުމަތްދެވެން ފަށާފައެވެ. އެހެންނަމަވެސް ފުރަތަމަ އިއުލާނުކުރިތާ އަހަރެއް ވެގެން ދިޔައިރުވެސް އެތަނުގެ މާބޮޑު މަސައްކަތްތަކެއް ފެށިފައެއް ނުވެއެވެ.
ކުޅުދުއްފުށީގައި ހުންނަ އިކޮނިމިކް މިނިސްޓްރީގެ ބިޒްނަސް ޑިވެލޮޕްމަންޓް ސާރވިސަސް ސެންޓަރުގެ ފަރާތުން ވާހަކަ ދެއްކެވި އަހުމަދު ޔާސިމް ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ކުރަންޖެހޭ ކަންތައްތަކެއް ނިމުނުހާ އަވަހަށް މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމަށެވެ. މިގޮތުން މެނޭޖްމެންޓާއި ގުޅުންހުރި މަސައްކަތްތަކާއި ފަންޑިން އަދި ކަމާގުޅޭ ދާއިރާގެ މަސައްކަތް ކުރެވޭނެ ބަޔަކުވެސް ބޭނުންވާނެ ކަމަށް ޔާސިމް ވިދާޅުވިއެވެ. މިހާރު މަސައްކަތް ކުރާނެ އިމާރާތް ލިބި، ޕެކިން އިކުއިޕްމެންޓްސް ލިބިފައިވާކަންވެސް އެބޭފުޅާ ފާހަގަ ކުރެއްވިއެވެ.
ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ރަޝީދު ވިދާޅުވީ މަސައްކަތްކުރާނެ އިމާރާތެއްގެ ގޮތުގައި ‘އަތޮޅުގެ’ ހަމަޖެހިފައިވާ ކަމަށާއި، އެތަން ހަވާލުކޮށް ތަނުގެ ކުލި ކަނޑައެޅުމުގެ ކަންތައް އަންނަ ހަފްތާގައި ކުރެވޭވަރު ވާނެ ކަމަށެވެ. އެހެންނަމަވެސް އެމަސައްކަތްތައް ނިންމާލެވޭނެ ވަކި ތާރީހެއް ދީފައެއް ނުވެއެވެ.
މި ޕްރޮޖެކްޓް ލަސްވުމާގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ހދ އަތޮޅު ކައުންސިލުގެ މެމްބަރެއްކަމަށްވާ މުހައްމަދު ޝުކޫރު ވިދާޅުވީ އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށަށް ޕެކިން މެޝިން އައިސްފައިވާތާ 4 މަސް ވެފާވާ ކަމަށެވެ. އަދި ކުރިން ޕްރޮވިންސް އޮފީހާއި މެރަޓައިމް އެކަޑަމީއާއި ހދ އަތޮޅު ކައުންސިލާއި އުފެދުނު ދެބަސްވުން ތަކެއްގައި މި މެޝިން ށ. އަތޮޅަށް ބަދަލުކުރުމަށް ބަޔަކު ނުފޫޒު ފޯރުވާފައިވާ ކަމަށް ޝުކޫރު ވިދާޅުވި އެވެ.