ކުޅުދުއްފުށިން ގޯތި ދޫކުރުމަށް ހދ އަތޮޅު ކައުންސިލުން ކުޅުދުއްފުށީ ކައުންސިލަށް ހުއްދަ ދީފާވަނީ ޤަވާއިދާ ޚިލާފަށް ކަމަށް ހދ އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝުކޫރު ވިދާޅުވެއްޖެ އެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން ޝުކޫރު ވިދާޅުވީ މިމަހުގެ 6 ވަނަ ދުވަހު ރަށު ކައުންސިލުން ގޯތި ދޫކުރުމަށް އަތޮޅު ކައުންސިލުން ހުއްދަ ދީފައިވަނީ ކައުންސިލްގެ މެމްބަރުންނާ މަޝްވަރާކުރުމެއް ނެތި ކަމަށެވެ. އެގޮތުން އެމައްސަލަ ކައުންސިލުގެ އެއްވެސް ޖަލްސާއަކަށް އެޖެންޑާކޮށްފައި ނުވާކަމަށް ޝުކޫރު ވިދާޅުވި އެވެ.
ޝުކޫރު ވިދާޅުވީ ރަށު ކައުންސިލުތަކުން ބޭނުންވާ ކަންކަން އެކައުންސިލްތަކަށް ކޮށްދެމުން އަންނަ ކަމަށާއި އަދި އެ ބޭފުޅުންގެ އަމާޒަކީ ކޮންމެ ރަށަކުންވެސް ބޭނުންވާ ކަންކަން އެ ކަމަށް އޮންނަ ގަވައިދުތަކުގެ ތެރެއިން ކޮށްދިނުން ކަމަށެވެ.
މިކަމާއިގުޅިގެން ކައުންސިލްގެ ރައީސް ހުސައިން ރަޝީދު ވިދާޅުވީ އަތޮޅު ކައުންސިލުން އެދުވަހު ދީފައިވާ ހުއްދައަކީ ގޯތިދިނުމަށް ދީފައިވާ ހުއްދައެއް ނޫންކަމަށާއި އެ ހުއްދަ އަކީ ލޭންޑްޔޫސް ޕްލޭނާއި ބަޖެޓް ހެދުމަށް ފަހު ދެން ކުރަންޖެހޭ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ދީފައިވާ ހުއްދައެއް ކަމަށެވެ. އަދި އެދުވަހު ރަށު ކައުންސިލުން އެކަމަށް އެދުމުން ހުއްދަދީފައިވަނީ އިދާރާގެ ބޭފުޅުންނާއި މަޝްވަރާކޮށް އަދި ކައުންސިލް މެމްބަރު ނަޞްރުﷲ އިސްމާއިލްގެ ވެސް ހާޒިރުގައި ކަމަށެވެ. .
އެދުވަހު އަތޮޅު ކައުންސިލުން ރަށު ކައުންސިލަށް ދީފައިވާ ހުއްދާގައި ވަނީ “ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭނާއި ބިމާބެހޭ ޤާނޫނާއި ގަވާއިދާއި އެއްގޮތަށް ލޭންޑް ޔޫސް ޕްލޭނާއި ބިމުގެ ބަޖެޓް ހެދުމަށްފަހު އެކަމަށް ހައުސިން މިނިސްޓްރީން ހުއްދަ ލިބުމަށްފަހު ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުން އެދި ދެންނެވީމެވެ. ” މިހެންނެވެ.
ކުޅުދުއްފުށިން ގޯތި ދޫކުރުން ލަސްވަމުންދާ މައްސަލާގައި މިމަހުގެ 6 ވަނަ ދުވަހު ރަށުގެ ޒުވާނުން ނުކުމެ ކައުންސިލް އިދާރާގެ ކުރިމަތީގައި މުޒާހަރާއެއް ކޮށްފައިވެއެވެ.
ކުޅުދުއްފުށިން ބިން ދޫކުރެވެން އަންނަނީ އަތޮޅު ކައުންސިލުން ހުއްދަ ދިނުމުން ކަމަށްއެ ދުވަހުގެ މުޒާހަރާގެ ބައިވެރިންނަށް ރަށު ކައުންސިލުން އަންގާފައި ވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެހާތަނަށް އެފަދަ ހުއްދައެއް ނެގުމަށް ރަށު ކައުންސިލުން އަތޮޅު ކައުންސިލްގައި އެދިފައެއް ނުވެއެވެ.
މުޒާހަރާގެ ބައިވެރިން އަތޮޅު ކައުންސިލް އިދާރާއަށް މިސްރާބު ޖެހުމުން ރަށު ކައުންސިލް އިން ވަނީ އެ ހުއްދަ ހޯދުމަށް އަތޮޅު ކައުންސިލް އަށް ފެކްސް އެއް ފޮނުވާފައެވެ. އަދި ވަގުތުން އަތޮޅު ކައުންސިލުން ވަނީ ހުއްދަ ދީފައެވެ.