ކުޅުދުއްފުށީގައި ޑްރައިވިން ލައިސަންސް ކާޑު ހެދޭނެ އިންތިޒާމު ހަމަޖެހިގެން އަންނައިރު، ޑްރައިވިން ޓެސްޓް ހަދާނެ ރަނގަޅު ޓްރެކެއް އޮތުން މުހިއްމު ކަމަށް ހދ އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ އޮންލައިނުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަތޮޅު ކައުންސިލުގެ ރައީސް ހުސައިން ރަޝީދު ވިދާޅުވީ ރައްޔިތުންނަށް ފަސޭހައިން ލައިސެންސް ކާޑު ހެދުމަށް ޓެސްޓުކުރެވި އަވަސް މުއްދަތެއްގެ ތެރޭގައި ކާޑު ލިބުމަކީ ކައުންސިލުގެ އަމާޒެއް ކަމަށެވެ. އަދި މިހާރު ލައިސެންސް ޓެސްޓް ހަދަމުން އަންނަ ސްޓޭޑިއަމްގެ ގޯތިތެރޭގެ ބަދަލުގައި އެކަމަށް ޚާއްސަ ޓްރެކެއް ކުޅުދުއްފުށިން ބެނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން އަތޮޅު ކައުންސިލަށް ލިބިފައިވާ ލައިސަންސް ކާޑު މެޝިންގެ ބޭނުން ނުކުރެވި ލަސްވަނީ މެޝިން އިންސްޓޯލް ކުރާނެ ޓެކްނިކަލް ފަރާތްތަކަށް ކުޅުދުއްފުއްޓަށް ވަޑައިނުގެންނެވިގެން ކަންވެސް ހުސައިން ރަޝީދު ފާހަގަ ކުރެއްވިއެވެ.
އެ މެޝިނުގެ ބޭނުން ކުރެވެން އަންނަނީ އަތޮޅު ކައުންސިލުގެ މުވައްޒަފެއް ތަމްރީން ކޮށްގެން ކަމަށާއި އެ ހުރިހާ ކަމެއް ހަމަޖެހުމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ނެޓްވޯކާ ގުޅާލުމުން، ކުޅުދުއްފުށިން ކާޑު ހެދިގެން ދާނެކަމަށް ހުސައިން ރަޝީދު ވިދާޅުވިއެވެ.
“އަޅުގަނޑުމެންނަށް (ލައިސަންސް ކާޑު ހަދާ) މެޝިން ލިބިފަހުންނަތާ މިހާރު 2 މަސްވީ. އެކަމަކު މާލެއިން ޓެކްނިކަލް ބޭފުޅުން ވަޑައިގެން މެޝިން އިންސްޓޯލް ކޮށް އަޅުގަނޑުމެންގެ މުވައްޒަފަކު ތަމްރީން ކުރަންވެސް ޖެހޭނެ.” ހުސައިން ރަޝީދު ވިދާޅުވި އެވެ.
މިހާރު ލައިސަންސް ކާޑު ހައްދަމުންދަނީ ހދ.އަތޮޅު ކައުންސިލް މެދުވެރިކޮށް ހުރިހާ މަޢުލޫމާތެއް ޓްރާންސްޕޯޓް އޮތޯރިޓީއަށް ފޮނުވައިގެން އެ އޮތޯރިޓީންނެވެ.