މިއަދު ފެށޭ ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސްގައި ކުޅުދުއްފުށީ އަސުރުމާ ގޮފިން ވެސް ބައިވެރިވާނެ ކަމަށް އެ ގޮފިން ބުނެފިއެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން ޕީޕީއެމް އަސުރުމާ ގޮފީގެ ރައީސް މުހައްމަދު އަލީ ވިދާޅުވީ މިއަދު ފެށޭ ކޮންގްރެސްގައި އަސުރުމާ ގޮފީގެ 10 މެމްބަރުން ކޮންގްރެސްގައި ބައިވެރިވާނެ އެވެ.
ޕީޕީއެމްގެ ކޮންގްރެސްއަށް މިހާރު މާލެ ގޮސްފައިވާ މެމްބަރުން، ޕާޓީގެ އިސް ސަފުގެ ހުރިހާ ފަރާތްތަކާ ބައްދަލުކޮށް ކޮންގްރެސްގެ ކަންތައްތައް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން މަޝްވަރާ ކުރި ކަމަށް މުހައްމަދު އަލީ ވިދާޅުވި އެވެ.
“އަޅުގަނޑުމެން ޓީމުން މިހާރު ވާނީ ޕާޓީގެ އިސް ސަފުގެ ހުރިހާ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކޮށްފަ. އެހެން ކަމަކާ ގުޅޭ ގޮތަކުން ނޫން. ހަމައެކަނި ކޮންގްރެސް ކުރިއަށް ދާނެ ގޮތާ ބެހޭ ގޮތުން.” މުހައްމަދު ވިދާޅުވި އެވެ.
ކުޅުދުއްފުށީ އަސުރުމާގޮފީގެ ކުރީގެ ބައެއް މެމްބަރުން އިސްވެ ތިބެ އުފެއްދި ޕީޕީއެމް ރިޔާސީ ގޮފިން މި ކޮންގެރެސްގައި ބައިވެރި ނުވާނެ ކަމަށް އެގޮފި ރަޖިސްޓްރީ ކުރުމުގައި އިސްކޮށް އުޅުއްވާ އަލީ ހުސައިން ވަނީ ވިދާޅުވެފަ އެވެ. އެ ގޮފިން މިއަދުގެ ކޮންގްރެސްގައި ބައިވެރި ނުވަނީ އަދި އެގޮފި ރަޖިސްޓްރީ ކުރުމުގެ ކަންތައްތައް ނުނިމޭތީކަމަށް އޭނާ ވިދާޅުވި އެވެ.
އަސުރުމާ ގޮފީގެ ކޮންގްރެސްގެ ބައިވެރިން އެ ކޮންގްރެސް ނިންމާ މިމަހުގެ 21 ވަނަ ދުވަހު އެނބުރި ކުޅުދުއްފުއްޓަށް އައުމަށް ވަނީ ހަމަޖެހިފައެވެ. ޕީޕީއެމްގެ ކޮންގްރެސް މިއަދު 10:00 ގައި ދަރުބާރުގޭގައި ފެށޭނެއެވެ.