ކޮންމެ ރައްޔިތަކީ ވެސް މުހިއްމު މީހެއްކަމަށް ދެކި ހަމަހަމަ ކަމާއެކު ހިދުމަތް ދިނުމަށް އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުހުﷲ ވަހީދު އިލްތިމާސް ކުރައްވައިފި އެވެ.
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުހުﷲ ވަހީދު މިގޮތަށް އިލްތިމާސްކުރައްވާފައިވަނީ ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއިއެކު އިއްޔެ ހަވީރު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. ފުލުހުންގެ މީޑިޔާއިން މައުލޫމާތު ދޭ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ފަތްހުﷲ ވަހީދު ވިދާޅުވީ މިއަހަރަކީ ސިޔާސީ ގޮތުންނާއި އެހެންވެސް ކަންކަމުން ފުލުހުންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެގެން ދާނެ އަހަރެއް ކަމަށެވެ.
އިއްޔެގެ ބައްދަލުވުމުގައި ފުލުހުން މިއަހަރަށް ކަނޑައަޅާފައިވާ އޮޕަރޭޝަނަލް ޕްރިއޮރިޓީސްތައް ހާސިލް ކުރުމަށް ހުރިހާ ފުލުހުންވެސް ގުޅިގެން މަސައްކަތްކުރުމަށް ފުލުހުންގެ ކިބައިން އެދިލެއްވި އެވެ. އަދި ހަނިމާދޫއަކީ އަމާން ވެއްޓެއް ގާއިމުވެފައިވާ ރަށަކަށް ހެދުމަށް މަސައްކަތްކޮށް ދިނުމަށް ފުލުހުންގެ ކިބައިން އެދިލެއްވި ކަމަށް ޕޮލިސް މީޑިޔާއިން މައުލޫމާތުދެއެވެ. އަދި އަޕަރ ނޯތް ޑިވިޒަންގައި އަލަށް ހަދާ ޕޮލިސް ސްޓޭޝަންތަކާބެހޭ ގޮތުން އެބައްދަލުވުމުގައި ވާހަކަ ދައްކަވާފައި ވެއެވެ.
ފުލުހުންގެ ޗީފް އިންސްޕެކްޓަރ ފަތުހުﷲ ވަހީދު، ހަނިމާދޫގައި ތިއްބަވާ ފުލުހުންނާ ބައްދަލުކުރެއްވުމަށްފަހު، ހަނިމާދޫ ކައުންސިލުގެ ރައީސް ޢަބްދުލް ސަލާމް އާއި ބައްދަލުކުރައްވާ އެރަށާބެހޭ ބައެއް ކަންކަމުގައި މަޝްވަރާކުރައްވާފައި ވެއެވެ. އެގޮތުން ހަނިމާދޫގައި ކުނިތައް ގިނަވެ ކުނި ނައްތާލުމަށް ކުރެވިދާނެ މަސައްކަތާއި ހަނިމާދޫގައި އިންޓަރނޭޝަނަލް އެއަރ ޕޯރޓެއް ގާއިމުވެގެން ދާއިރު އެއަރޕޯރޓުގައި ސެކިއުރިޓީ ބަލަހައްޓާނެ ގޮތްތަކާބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ހަނިމާދޫގައި އަލަށް ގާއިމުކުރާ ޕޮލިސް ސްޓޭޝަނާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައި ވެއެވެ.