އަހަރެމެން ރައްކާކުރަން ބޭނުންވާ ހުރިހާ އެއްޗެއް އެއް އިރެއްގައި އެންމެ 1.44 މެގަބައިޓްސްގެ ފްލޮޕީ ޑިސްކެއްގައި ސޭވް ކޮށްލައިގެން ފުއްދާލީމެވެ. ނަމަވެސް ގެންގުޅޭ ލަވަތަކާއި ފިލްމުތައް އަދި ސީރީޒްތައް ގިނަވެ އެތަކެތި ސޭވް ކުރުމަށްޓަކައި ހާޑްޑިސްކް ވެސް މިހާރު އޮންނަނީ ނުފުދިފައެވެ. ސްޓޯރޭޖް ޑިވައިސްތަކަށް ބޭނުންވެފައި ތިބި ހުރިހާ މީހުންނަށް މިފަހަރު މިވަނީ ހިތްހަމަޖެހޭ ފަދަ ސަޅި ހަބަރެއް ލިބިފައެވެ. 1024 ޖީބީ ނުވަތަ 1 ޓެރަބައިޓް (ޓީބީ) ގެ ޑޭޓާ ރައްކާ ކުރެވޭ ވަރުގެ ޕެންޑްރައިވްއެއް ވަރަށް އަވަހަށް އަހަރެމެންނާ ހަމައަށް އަންނާނެއެވެ.
މީގެ ކުޑަދުވަސް ކޮޅެއް ކުރިން އެމެރިކާގެ ލަސްވެގާސްގައި އޮތް ކޮންސިއުމަރ އިލެކްޓްރޯނިކް ޝޯގައިި ޕެންޑްރައިވް އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ ކިންގްސްޓަން ކުންފުނިން ވަނީ 1 ޓީބީގެ ޕެންޑްރައިވް ދައްކާލާފައެވެ. ހައިޕާއެކްސް ޕްރެޑޭޓަރގެ ނަން ދެވިފައިވާ މި ޕެންޑްރައިވް އަކީ ޔޫއެސްބީ 3.0 ސަޕޯޓްކުރާ ހަލުވި ސްޕީޑެއް ލިބިފައިވާ ޕެންޑްރައިވް އެކެވެ. އެހެން ޕެންޑްރައިވް ތަކެކޭ ސައިޒުން އެއްވަރު ނަމަވެސް ސިކުންތަކު 240 އެމްބީ ރީޑް ކުރާ މި ޕެންޑްރައިވް އަށް ރައިޓްކުރުމުގެ ސްޕީޑަކީ ސިކުންތަކު 160 އެމްބީ އެވެ.
“އަހަރެމެންގެ މި އާ ޕެންޑްރައިވްގެ ސަބަބުން ކަސްޓަމަރުންނަށް އެމީހުން ގެންގުޅޭ ހުރިހާ ސާމާނެއް ސޭވް ކޮށްލެވޭނެ. ނޫނީ ކޮމްޕިއުޓަރު ބެކަޕް ނަގާލެވޭ. އަދި މިއީ ސްޕީޑް އަވަސް ޕެންޑްރައިވްއެއް.” ކިންގްސްޓަންގެ ފްލޭޝް މެމަރީ ބިޒްނަސް މެނޭޖަރ އެންޑްރޫ އެވިންގ ބުންޏެވެ.
މި ޕެންޑްރައިވްގެ އަގު ކިންގްސްޓަންއިން އަދި ހާމަކޮށްފައި ނުވި ނަމަވެސް ކުޑައަގެއްގައި މާކެޓަށް ނުކުންނާނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް އެހެން ކުންފުނިތަކަށް މިހިސާބާ އަރާހަމަކުރެވޭ އިރަށް އަގުވެއްޓޭނެކަމަށް އިންޑަސްޓްރީ ޕަންޑިތުން ލަފާކުރެއެވެ.