twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނިދަން އުނދަގޫވާނަމަ ކުރެވިދާނެ 7 ކަމެއް

Jan 22, 2013

ސީމާ ޙަސަން

ނިދަން އުނދަގޫ ހެއްޔެވެ؟ ނިދަން އޮށޯތުމަށްފަހު އެއްފުށުން އަނެއްފުށަށް ޖެހިޖެހި ގަޑި ދެގަޑިއިރު ވާދެން އޮވެވޭ ހެއްޔެވެ؟ އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ތަނެއްގައި ބުރަކަށި ޖެހޭއިރަށް ނިދޭ މީހުންނެވެ. އެހެން ނަމަވެސް އަނެއްބައި މީހުންނަކީ އެނދުމަތީގައި ކިތަންމެ އިރަކު އޮތްކަމުގައި ވިޔަސް، ނިދަން އުނދަގޫ ބަޔަކެވެ. ލޮލުފިޔައެއް ޖަހައިނުލެވެޔޭ ކިޔާ އަބަދުވެސް ޝަކުވާ ކުރުމަކީ މިމީހުންގެ އާދައެވެ. މިތަނުގައި މި ހިއްސާ ކޮށްލަނީ ފަސޭހައިން ނިދުމަށް މަގުފަހިވާ ހަތް ކަމެވެ. ނިދަން އުނދަގޫނަމަ އެކަމަށް ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރަމެވެ.

ތިމާ ކެއިންބުއިމަށް ބޭނުންކުރާ ތަކެއްޗަށް ޚާއްސަ ސަމާލުކަމެއް ދެއްވާށެވެ.

މާބޮޑަށް ބަނޑުފުރިފައި ހުރެގެން ނުވަތަ ބަނޑު ހައިވެ ހުރެގެން ނިދަން ނުދާށެވެ. އެއީ މީގެ ސަބަބުން ހަމަޖެހިލައިގެން އޮންނަން ހުރަސް އަޅާތީ އެވެ. އަދި ނިދުމުގެ ކުރިން ކެފެއިން އަދި ނިކޮޓިން ހިމެނޭ ތަކެތި ބޭނުން ކުރުން ބުއްދިވެރިއެއް ނޫނެވެ. އެއީ އެތަކެތީގެ އަސަރު ފިލައިދިއުމަށް ގިނަ ވަގުތުތަކެއް ނަގާތީއެވެ.

ދުވާލު ނިދާމިންވަރު މަދުކުރާށެވެ.

މާގިނައިން ދުވާލު ނިދާކަމަށް ވާނަމަ، ރޭގަނޑު ނިދުމަށް ބުރޫއަރާނެ އެވެ. ޚާއްސަކޮށް އެމީހަކީ ނިދަން އުނދަގޫވާ މީހެއް ކަމުގައި ވާނަމަ (އިންސޮމްނިޔާގެ ޕޭޝަންޓެއް ނަމަ) އެންމެ ގިނަވެގެން 30 މިނެޓް މެންދުރު ގަޑީގައި ނިދަން ހޭދަކުރުން ބުއްދިވެރި އެވެ.

އެހެންނަމަވެސް ތިމާއަކީ ރޭގަނޑު ޑިއުޓީ އަދާކުރާ ފަރާތެއްނަމަ، ދުވާލު އެކަށީގެންވާ ވަރަށް ނިދަންވާނެއެވެ. އަދި ނިދުމުގައި އިރުގެ އަލި ނުވަންނަ ގޮތަށް ދޮރުފޮތި ގަނޑު ދަމާލުން މުހިއްމެވެ.

ހެލިފެލިވެ އުޅުން ނުވަތަ ކަސްރަތު ކުރުން

ނިދާގަޑިއާ މާކައިރި ވެފައިވަނިކޮށް ކަސްރަތު ނުކުރާށެވެ. ސަބަބަކީ އެގަޑީގައި މާބޮޑަށް އެނާޖައިޒް ވެފާ ހުންނާނެތީއެވެ. އެހެންކަމުން ތަންކޮޅެއް ކުރިން ކަސްރަތުކޮށް ނިންމާލާށެވެ. އާދަކޮށް ހެލިފެލިވެ އުޅުމުގެ ސަބަބުން، އޮށޯންނަ އިރަށް އަވަހަށް ނިދުމަށް އެހީވެދެއެވެ. އަދިހަމަ އެހެންމެ، ހިތްހަމަޖެހިގެން ފުން ނިންޖަކުން ނިދާލެވެއެވެ.

އަރާމު މާހައުލެއް ބިނާކުރުން

އަނދިރި، މަޑުމައިތިރި، އަދި މާ ހޫނު ނޫން މާހައުލެއް ބިނާކުރުމަށްޓަކައި ރޫމް ޑާކަނިންގްސް ޝޭޑް، އިއާ ޕުލަގްސް، އަދި ފަންކާ ބޭނުން ކުރެވިދާނެ އެވެ. މީގެ އިތުރުން ތިމާއަށް އެންމެ އަރާމްވާނެ ފަދަ ގޮދަޑިއަކާއި ބާލީސް ހިޔާރުކުރުން އެދެވިގެންވެއެވެ. އެހެންމީހަކާއެކީ އެނދު ހިއްސާކުރާނަމަ، ދެމީހުނަށްވެސް ތަން ކުޑަ ނުވާފަދަ ގޮތަކަށް އެނދު ބޭނުންކުރާށެވެ.

މާބޮޑަށް ކަންބޮޑުވެ ހާސްނުވުން

ކުރަން ވިސްނާފައިހުންނަ ކަންތައްތައް ނުވެދާނެތީވެ ހާސްވެ ކަންބޮޑުވާނަމަ ތިމާ ކުރަންޖެހޭ ކަންތައް ރާވާލާށެވެ. ދޭތެރެ ދޭތެރެއިން ވަރުބަލި ފިލުވާލުމަށް ވަގުތު ހުސްކޮށްލާ ރައްޓެއްސަކާއެކު ވާހަކަ ދައްކާލާށެވެ. މާގިނަ ކަންތައް ކުރަން ހުރުމާއި، މާގިނަ ކަންތަކާ ވިސްނަން ޖެހުމަކީ ނިދަން އުނދަގޫ ވާނެ ކަންކަމެވެ. އެހެންކަމުން، މާދަމާ އަށް ކުރަން ހުރި ކަންތައްތައް ހިތުގައި ރާވާލައިފައި ހަމަޖެހިގެން ނިދަން ދާށެވެ.

އާދަކޮށް ނިދާ ހޭލާ ވަގުތެއް ކަނޑައަޅާ އެވަގުތުތަކަށް ފަރުވާތެރި ވާށެވެ.

ހަފްތާގެ މަސައްކަތްކުރާ ދުވަސް ދުވަހާއި، ޗުއްޓީ ދުވަސް ދުވަހުވެސް އެއްގަޑިއެއްގައި ނިދުމަށާއި ހޭލުމަށް އާދަކުރާށެވެ. މިގޮތަށް އަމަލުކުރުމުން އޮޓަމެޓިކުން ނިދުމަށާއި ހޭލުމަށް ދަސްވެ ހަމަ ނިދި ލިބުމަށް މަގުފަހި ވެއެވެ. ފަނަރަ ވަރަކަށް މިނެޓް ވަންދެން ނުނިދި އޮތްކަމުގައި ވާނަމަ، ތެދުވެ، ހިތްހަމަ ޖެހޭފަދަ ލުއި ކަސްރަތެއް ކޮށްލާށެވެ. ދެން ވަރުބަލިވުމުން، އަނބުރާ ނިދަން ދާށެވެ. ނިދިއަންނަ ވަގުތު ނުނިދަ ފަސްކުރުމުން ފަހުން ނިދަން އުނދަގޫވާނެއެވެ.

ނިދާގަޑި ގާތްވެއްޖެކަން ހަށިގަނޑަށް އަންގައިދޭށެވެ.

ނިދާގަޑި ގާތްވެއްޖެކަން އެންގުމަށްޓަކައި ކޮންމެ ރެއަކުވެސް އެއްކަންތައްތަކެއް އާދަކުރާށެވެ. މިސާލަކަށް، ނިދުމުގެ ކުރިން ފެންވަރާލުން، ވާހަކަފޮތެއް ކިޔާލުން، ނުވަތަ ގުރުއާން ކިޔަވާލުން ކަހަލަ ކަމެއް ކުރެވިދާނެއެވެ. އެހެންނަމަވެސް، މިވަގުތު ކޮޅުގައި ޓީވީބެލުންފަދަ އިލެކްޓުރޯނިކް ޑިވައިސް ބޭނުންކުރުން އެހާރަގަޅު ނޫންކަމަށް ރިސާޗުތަކުން ދައްކައެވެ.

ކޮންމެ މީހަކުވެސް ދޭތެރެދޭރެއިން ނުނިދި އުނދަގޫތަކާ ކުރިމަތިލާނެ މީހެކެވެ. އެހެންނަމަވެސް، އާދަކޮށް މިގޮތަށް ތަކުރާރު ވާނަމަ ޑޮކްޓަރެއްގެ އެހީހޯދާލުން ބުއްދިވެރިއެވެ. މި ބަޔާންކުރެވުނު ހަތް ކަންތަކުގެ އިތުރުން އަދި އިތުރަށް ކުރެވޭނެ ވަރަށް ފަސޭހަކަމެއް އެބައޮތެވެ. އެއީ، ނިދަން އުނދަގޫ ވެއްޖެނަމަ ކިޔަން އޮންނަ ދުޢާ ކިޔުމެވެ. އަހަރެމެންނަކީ މުސްލިމުން ކަމަށް ވުމާއެކު މިއީ ކުރަން އެހާ އުނދަގޫކަމެއް ނޫންތޯއެވެ.

ނޯޓް: މިލިޔުމުގައި ހިމެނޭ މަޢުލޫމާތަކީ އެމެރިކާގައި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމުގައިވާ މަޔޯކްލިނިކްގެ ޑޮކްޓަރުން ލިޔެފައިވާ ލިޔުމަކުން ނަގާފައިވާ މަޢުލޫމާތު ތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355