ވާދަވެރި ރިޔާސީ އިންތިހާބެއް ބޭއްވުމުގެ ފުރުޞަތު ހޯދާދިނުމުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ރައްޔިތުންނަށް އެހީތެރިވެދިނުމަށް، އެމްޑީޕީގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ނައިބު ރައީސް އަލީ މުހައްމަދު ގޮވާލައްވައިފި އެވެ.
އަލީ މުހައްމަދު މިކަމަށް ގޮވާލެއްވީ ކުޅުދުއްފުށީގައި އެމްޑީޕީގެ ފަރާތުން ހިންގާ ހަރަކާތްތައް މެދުކެނޑިފައި އޮތުމަށްފަހު އިއްޔެ ހަވީރު ބަންޑާރަ މައިދާނުގައި މަދު ބަޔަކާއިއެކު އެޕާޓީން ބޭއްވި ސުލްހަވެރި އެއްވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
“އަޅުގަނޑު ގޮވާލަން ޕީޕީއެމްގެ ހުރިހާ އަޚުންނާއި އުޚުތުންނަށް މި ބަޣާވާތް ކުށްވެރިކޮށް މިޤައުމު އަމާން ތަނަކަށް ގެނެސް ސުލްހަވެރި ވާދަވެރި އިންތިޚާބެއް މިޤައުމުގައި ބާއްވައިދިނުމަށްޓަކައި ޕީޕީއެމްގެ ބޭފުޅުންވެސް އަޅުގަނޑުމެންނާއި އެކީ މަސައްކަތް ކުރަމާ ހިންގަވާށޭ.” އަލީ ވިދާޅުވި އެވެ.
އަލީ އިތުރަށް ވިދާޅުވީ ވާދަވެރި ސިޔާސީ ހަރަކާތްތަކެއް ކުރިއަށްގެންގޮސް، ވާދަވެރި ރިޔާސީ އިންތިޚާބެއް ބާއްވައިގެން ދިވެހި ރައްޔިތުން އިންތިޚާބު ކުރާ ވެރިއަކަށް މެނުވީ މިޤައުމުގައި ޖާގަދެވިގެން ނުވާނެކަމަށެވެ. އަދި މިހާރު އޮތް ސަރުކާރަކީ ސީދާ ބަޣާވާތް ކޮށްގެން އައިސްފައިވާ ބަޣާވާތުގެ ސަރުކާރެއް ކަމަަށް އަލީ މުހައްމަދު ވިދާޅުވި އެވެ.
25 ވަރަކަށް މީހުން ބައިވެރިވި މި އެއްވުމުގައި ދާދިފަހުން އެޕާޓީއާއި ގުޅުނު ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސް ޒަކަރިއްޔާ ހަސަންވެސް ވަނީ ވާހަކަ ދައްކަވާފައެވެ.
“ބަޣާވާތް މަ ކުށްވެރިކުރަން” ގެ ނަމުގައި އިއްޔެ މާލޭގައި ވަނީ ހިނގާލުމެއް ބާއްވާފައެވެ. އެ ހިނގާލުމުގައި ގިނައަދަދެއްގެ ބަޔަކު ބައިވެރިވެފައި ވެއެވެ.