އެޕަލް އައިފޯނު، އައިޕެޑް އަދި އެންޑްރޮއިޑް ފޯނުތައް ގެންގުޅޭ ފަރާތްތަކުގެ މެދުގައި މަގުބޫލުކަން ހޯދި ގޭމް “ޓެމްޕަލްރަން” ގެ ވާޝަން 2 ރިލީސްކުރިތާ މިދިޔަ ބުރާސްފަތި ދުވަހަށް ހަފްތާއެއް ވީއިރު 20 މިލިޔަން ފަހަރު ޑައުންލޯޑް ކޮށްފައިވާ ކަމަށް އެ ގޭމް ތައްޔާރު ކުރި އިމާންޖީ ސްޓޫޑިއޯ އިން ބުނެފި އެވެ.
ޓެމްޕަލްރަން 2 އެޕަލްގެ އެޕްސްޓޯރަށް އައިތާ ބަރާބަރު 6 ގަޑިއިރު ތެރޭގައި ވަނީ ހިލޭ ޑައުންލޯޑް ކުރެވޭ އެޕްސްތަކުގެ ތެރެއިން އެއްވަނަ އަށް އަރާފައެވެ. އަދި އެޕަލްގެ ގްރޮސިންގ އެޕްސްތަކުގެ ތެރެއިން 3 ވަނަ އަށް މިހާރު އެންމެ ގިނަ ލާރި ހޯދަމުންދާ އެޕްލިކޭޝަން އަކީ ޓެމްޕަލްރަން 2 އެވެ.
“ފޭނުންގެ ފަރާތުން ލިބުނީ ހީވެސް ނުކުރާވަރުގެ ބޮޑު ތަރުހީބެއް.” އިމާންޖީ ސްޓޫޑިއޯގެ ކޯ-ފައުންޑަރ ކީތު ޝެފާޑް ބުންޏެވެ. “ޓެމްޕަލްރަން ކާއިނާތުގެ އިތުރު ކަންތައްތަކަށް ސަޕޯޓަރުން ބޭނުންވެފައި ތިބުމަކީ އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މިގޭމް އިތުރަށް ތަރައްގީ ކުރާނަން.”
2011 ވަނަ އަހަރު ނެރުނު ޓެމްޕަލްރަން ގޭމް ވަނީ 170 މިލިޔަން ފަހަރު ޑައުންލޯޑް ކޮށްފައެވެ. އަދި ގިނަ ބައެއްގެ މަގުބޫލުކަން އޭރު ހޯދި އެންގްރީބާޑްސްގެ ބައެއް ރިކޯޑްތައް ވެސް ޓެމްޕަލްރަން އިން ވަނީ މުގުރާފައެވެ. ޓެމްޕަލްރަން އުފެއްދި އިމާންޖީ ސްޓޫޑިއޯއަކީ ޕްރޮގްރާމިން ކިޔަވައިގެން އާދައިގެ ދިރިއުޅުމެއް އުޅެމުންދިޔަ ޒުވާން ދެމަފިރިއަކު ޓެމްޕަލްރަން އާއެކު އުފެއްދި ކުޑަކުޑަ ސްޓޫޑިއޯއެކެވެ. ނަމަވެސް ޓެމްޕަލްރަން އަށް ލިބުނު މަގުބޫލުކަމުގެ ސަބަބުން އެމީހުން މިހާރު ވަނީ މުއްސަނދިންނަށް ވެފައެވެ.