ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް ގެ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން ޤައުމީ އިއްތިހާދު ޕާޓީއަށް ސޮއި ކުރުވަމުން ދާކަމަށް އެކުންފުނީގެ މުވައްޒަފުން ބުނެފި އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ސަރަހައްދީ ބަނދަރުގައި މަސައްކަތް ކުރާ މުވައްޒަފެއް ބުނީ ޤައުމީ އިއްތިހާދު ޕާޓީ އަށް ސޮއި ނުކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނެ ކަމަށް ބުނެ އެމްޕީއެލްގެ ޗެއާމަން މަހުދީ އިމާދު ބިރު ދައްކާފައިވާ ކަމަށެވެ. އެގޮތުން ރޭ އެޕާޓީން ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވުމަށް ބަނދަރުގެ މުވައްޒަފުންނަށް މަޖުބޫރު ކޮށްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
އެ މުވައްޒަފު ފާހަގަ ކުރި ގޮތުގައި އެގޮތަށް ބިރުދެއްކުމުގެ ސަބަބުން ބަނދަރުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން ރޭގެ ބައްދަލުވުމުގައި ބައިވެރިވި އެވެ.
މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުޅުދުއްފުށީ ޕޯޓް ލިމިޓެޑްގައި މިއަދު ވަނީ ސޮއި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައެވެ. އަދި އެތަނުގައި މަސައްކަތް ކުރާ ޕީޕީއެމްގެ ހުރިހާ މުވައްޒަފުން ޤައުމީ އިއްތިހާދާ މިހާރު ގުޅިފައިވާ ކަމަށް މުވައްޒަފުން ބުނެއެވެ. އެހެން ނަމަވެސް އެތަނުގައި މަސައްކަތް ކުރާ އެމްޑީޕީއަށް ތާއީދު ކުރާ މުވައްޒަފުން އަދި ޕާޓީ ބަދަލުކޮށްފައި ނުވާކަމަށް މަޢުލޫމާތު ވަނީ ލިބިފަ އެވެ.
ގައުމީ އިއްތިހާދު ޕާޓީއަށް ސޮއި ކުރި މީހުންގެ ފޯމުތަކެއް ސަރަހައްދީ ބަނދަރުގެ މުވައްޒަފެއް ރައީސްގެ ހިއުމަން ރައިޓްސް އެމްބެސެޑަރ ސަންދާނު އަހަންމައިދީ އަށް ކުޅުދުއްފުށީ ވަފާ ފިހާރަ ކުރިމަތިން ހަވާލުކުރިތަން މިނޫހުގެ ރިޕޯޓަރަކަށް ވަނީ ފެނިފައެވެ.