ލުއި އެކްސްޕްރެސްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް އިން މިއަދު އައު ލޯން ސްކީމެއް ތަޢާރަފް ކޮށްފި އެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ މަސީ ބިލްޑް އެކްސްޕޯ ގައި މިއަދު އޮތް ނޫސް ކޮންފަރެންސެއްގައި ލުއި އެކްސްޕްރެސް ލޯންޗް ކުރުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ބުނީ މިި ލޯނަށް އެދި ހުށަހެޅުމަށް ރަހުނެއް، ކޯޓޭޝަނެއް އަދި ގެރަންޓަރ އެއްވެސް ބޭނުމެއް ނުވާނެ ކަމަށެވެ. އަދި ލޯނުގެ އަދަދާއި ލޯނަށް އަނބުރާ ފައިސާ ދެއްކުމުގެ މުއްދަތު ކަނޑައެޅިގެން ދާނީ އެ މުވައްޒަފަކަށް ލިބޭ އެވްރެޖް މުސާރައަށް ބިނާކުރެވިގެން ކަމަށް ބޭންކުން މައުލޫމާތު ދިނެވެ.
ކޮންމެ މަހެއްގެ މުސާރައިން ލޯން ރިޕޭމަންޓްގެ އަދަދު ކެނޑިގެންދާގޮތަށް ހަމަޖެހިފައިވާ މި ލޯން ސްކީމްގެ ދަށުން 20,000 ރުފިޔާއިން ފެށިގެން 50,000 ރުފިޔާ އާއި ހަމައަށް ލޯން ދޫކުރެވޭނެއެވެ.
ބޭންކުން މަޢުލޫމާތު ދޭ ގޮތުގައި ލުއި އެކްސްޕްރެސް ލޯނު ބެހިގެންވަނީ 4 ކެޓެގަރީ އަށެވެ. އޭގެ ތެރެއިން 20،000 ރުފިޔާ ގެ ލޯނެއް ނަގާ ފަރާތެއް ނަމަ އެ މީހަކަށް މަހަކު 4،000 ރުފިޔާގެ މުސާރައެއް ލިބެން ޖެހެ އެވެ. އަދި މި ލޯނު ދައްކާއިރު މަހަކު ދައްކަން ޖެހެނީ 600 ރުފިޔާ އެވެ. އަދި 30،000 ރުފިޔާ ގެ ލޯނު ލިބެނީ 6،000 ރުފިޔާ ގެ މުސާރައެއް ލިބޭ ފަރާތްތަކަށެވެ. މި ލޯނަށް ދައްކަން ޖެހެނީ މަހަކު 900ރ. އެވެ.
40،000 ރުފިޔާ ގެ ލޯނު ލިބެނީ 8،000 ރުފިޔާ ގެ މުސާރައެއް ލިބޭ ފަރާތްތަކަށެވެ. މި ލޯނު ދައްކާއިރު ދައްކަން ޖެހެނީ 1،200 ރުފިޔާ އެވެ. އަދި މީގެތެރެއިން އެންމެ ބޮޑު ލޯނު ކަމަށްވާ 50،000 ރުފިޔާ ލޯނު ލިބެނީ މަހަކު 10،000 ރުފިޔާ ގެ މުސާރައެއް ލިބޭ ފަރާތްތަކަށެވެ. މި ލޯނުގައި ދައްކަން ޖެހެނީ މަހަކު 1،500 ރުފިޔާ އެވެ.
އަދި ލުއި އެކްސްޕްރެސް ލޯނަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން ބޭންކް ބަންދުނޫން 5 ދުވަހުގެތެރޭގައި، މައުލޫމާތާއި ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ލޯނު ހަމަޖެހިގެންދާނެ ކަމަށް ވެސް ބޭންކުން ބުނެއެވެ.
ފަސޭހައިން އަދި އަވަހަށް މާލީ އެހީއެެއް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަޢާރަފްކުރެވުނު މި ލޯނަށް އެދި ހުށަހެޅޭނީ ވަޒީފާ އަދާކުރާ ދިވެހި އަމިއްލަ ފަރުދުންނަށެވެ. ލޯނު ނެގުމުގެ ފުރުސަތު މުވައްޒަފުންނަށް ހޯދައި ދިނުމަށް މި ސްކީމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އެންމެހާ އޮފީސް، ކުންފުނި އަދި މުއައްސަސާތަކަށް ހުޅުވިފައި ވާކަމަށް ބޭންކުން ބުނެއެވެ.
މި މަހުގެ 29 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މާލެ އާއި ހުޅުމާލެއިން ފްލެޓާއި އެޕާޓްމަންޓް ގަތުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ހޯމް ލޯންގެ ނަމުގައި ލޯން ސްކީމެއް ތައާރަފްކޮށްފައެވެ.