twitterviber whatsapp telegramfacebookyoutube instagram
22nd May 2024

އެޑިޔުކޭޝަން ޔުނިޓުތައް އުވާލުމުން ދަތިތަކެއް ކުރިމަތިވަމުން ދާކަމަށް ކުޅުދުއްފުށީގެ ސްކޫލުތަކުން ބުނެފި

Feb 2, 2013

އެޑިޔުކޭޝަން ޔުނިޓުތައް އުވާލުމާއި ގުޅިގެން ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ކުޅުދުއްފުށީގެ ސްކޫލު ތަކުން ބުނެފި އެވެ.

ކުރީ ސަރުކާރުން ރާއްޖޭގެ ހަތް ސަރަހައްދެއްގައި އުފެއްދި އެޑިޔުކޭޝަން ޔުނިޓުތައް އުވާލާފައިވަނީ ހުސްވި ޑިސެމްބަރު މަހު ފަހުކޮޅު އެވެ. އެޑިޔުކޭޝަން ޔުނިޓުތައް އުވާލުމުގެ ކުރިން އެސަރަހައްދެއްގެ ސްކޫލުތަކުން ސީދާ މުއާމަލާތު ކުރަނީ އެޑިޔުކޭޝަން ޔުނިޓުތަކާއެވެ.

ކުޅުދުއްފުށީގައި ހުރި ހަޔަރ ސެކަންޑްރީއަށް ކިޔަވައިދޭ ޖަލާލުއްދީން ސްކޫލާއި، ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދެމުން އަންނަ ހދ އަތޮޅު ތައުލީމީ މަރުކަޒާއި ސެކަންޑްރީ ފެންވަރަށް ކިޔަވައިދެމުން އަންނަ އަފީފުއްދީން ސްކޫލުންވެސް ބުނެފައިވާ ގޮތުގައި، އެޑިޔުކޭޝަން ޔުނިޓުތައް އުވާލުމާ ގުޅިގެން ސްކޫލުތަކުން އެޑިޔުކޭޝަން މިނިސްޓްރީއާއެކު ކުރަންޖެހޭ މުއާމަލާތްތަކަށް ދަތިތަކެއް އަންނަނީ ފޯރަމުންނެވެ.

އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ މިކަމާއި ގުޅޭ ގޮތުން ވިދާޅުވީ އަފީފުއްދީނަކީ ބަޖެޓް ވަކިކުރި ސްކޫލުތަކުގެ ތެރެއިން ސްކޫލެއް ކަމަށާއި، އެޑިއުކޭޝަން މެދުވެރިކޮށް ކުރިން ކުރަމުން ދިޔަ މަސައްކަތްތައް މިހާރު ކުރުމުގައި ލަސްތަކެއް ފާހަގަ ކުރެވެމުންދާ ކަމަށެވެ. އަދި ކުރިން އެޑިއުކޭޝަން ޔުނިޓުތައް ހުރި އިރު މިނިސްޓްރީއާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ވަރަށް ފަސޭހަ ކަމަށާއި އެއީ ވަރަށް ހަރުދަނާ ނިޒާމެއް ކަމަށް ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ވިދާޅުވީ މިވީ މުއްދަތުގެ ތެރޭގައި މުއާމަލާތްތައް ހިންގުމުގައި ދަތިތަކެއް ފާހަގަ ކުރެވިފައިވާ ކަމަށާއި، އެހެން ނަމަވެސް އެއީ ސީދާ އެޑިޔުކޭޝަން ޔުނިޓު ނެތުމުން ލިބުނު ދައްޗެއް ކަމަށް ދަންނަވަން ދަތި ކަމަށެވެ. އަދި ހުރިހާ ސްކޫލުތަކެއްގެ މަސައްކަތްތައް ބަލަހައްޓާނެ މިފަދަ ހަރުދަނާ  ސިޔާސަތެއް އެކަށައެޅިފައި އޮތުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ދެކެލައްވާ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

ހަޔަރ ސެކަންޑްރީ ލެވެލްއަށް ކިޔަވައިދެމުން އަންނަ ޖަލާލުއްދީން ސްކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލް ޢަލީ އިސްމާއީލް ވިދާޅުވި ގޮތުގައި، އެޑިޔުކޭޝަން ޔުނިޓުތައް ހުރުމުން، ކަންކަން ކުރަން ފަސޭހަވެ މިނިސްޓްރީއާ ގުޅައިގެން ނިންމަންޖެހޭ ކަންކަމުގައި ވަގުތު ސަލާމަތްކުރެވެއެވެ. އަދި، ކުޅުދުއްފުށީގައި އެޑިޔުކޭޝަން މިނިސްޓްރީގެ ތަނެއް ހުރުމުން، ކައިރި ހިސާބުތަކުގެ ރަށްރަށުގެ ސްކޫލުތަކުގެ ވެރިންވެސް ކުޅުދުއްފުއްޓަށް އައިސް ކަންކަން ފަސޭހައިން ކުރެވެއެވެ. އަދި ބެލެނިވެރިންނަށްވެސް ސްކޫލުތަކުގެ ޝަކުވާއާ އެނޫންވެސް މުހިއްމު ކަންކަމުގައި ކުޅުދުއްފުށީގައި ހުންނަ އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލާ ބައްދަލުކޮށް ވާހަކަދެވޭކަން އަލީ އިސްމާއީލް ފާހަގަ ކުރެއްވި އެވެ.

އަލީ އިސްމާއީލް ވިދާޅުވީ އެޑިޔުކޭޝަން ޔުނިޓު އުވާލިނަމަވެސް، އެޑިޔުކޭޝަން މިނިސްޓްރީއާއެކު މުއާމަލާތު ކުރެވޭނެ ފަސޭހަ ނިޒާމެއް އޮތުން މުހިއްމު ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355