twitterviber whatsapp telegramfacebookyoutube instagram
21st May 2024

އުތުރު ސަރަހައްދުގެ އިގްތިޞާދީ ތަރައްޤީގެ މައި ހަބަކަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓް ވެގެންދާނެ: ރައީސް ޑރ. ވަހީދު

Feb 2, 2013

ހދ ހަނިމާދޫ އެއާރޕޯޓު އިންޓަނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރުމުން އުތުރު ސަރަހައްދުގެ އިގްތިޞާދީ ތަރައްޤީގެ މައި ހަބަކަށް އެ އެއަރޕޯޓް ވެގެން ދާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މިހެން ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓް އިންޓަނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރުމަށް މިއަދު ހަވީރު ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުންނެވެ. ރައީސް ވިދާޅުވީ އިންޓަނޭޝަލް އެއަރޕޯޓުގެ ސަބަބުން ވަޒީފާގެ ފުރުޞަތުތައް އިތުރުވެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީ ކުރުމުގެ ފުރުޞަތު އެއަރޕޯޓުގެ ސަބަބުން ގާއިމުވެގެންދާނެ ކަމަށެވެ.

“މިސަރަހައްދުގެ އިގްތިޞާދީ ތަރައްޤީގެ މައި ހަބަކަށް ކުރިއަށް އޮތް ތަނުގައި މި އެއަރޕޯޓް ވެގެން ދާނެ ކަމުގައި އަޅުގަނޑު ޔަގީން ކުރަން.” ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވި އެވެ. “އިތުރުވެގެންދާ ވަޒީފާގެ ފުރުޞަތުތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމުގެ ފުރުޞަތު އެއަރޕޯޓުގެ ސަބަބުން ފުޅާވެގެންދާނެ ކަމަށް އަޅުގަނޑު ދެކެން.”

ރައީސް ވިދާޅުވީ ހަނިމާދޫ އެއަރޕޯޓު އިންޓަނޭޝަނަލް ކުރުމާ ގުޅިގެން އުތުރުގެ ސަރަހައްދަށް ވަރަށް އަވަހަށް ބޭރުގެ ބޮޑު އިންވެސްޓްމެންޓެއް އަންނާނެ ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި އިގްތިޞާދީ ދުވެލި ހަލުވިވެ ފަތުރުވެރިކަން ރަނގަޅުވެ އިތުރު ރިސޯޓުތައް ވެސް މި ސަރަހައްދުގައި ހުޅުވިގެންދާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި، ހަނިމާދޫއިން ކުރުމުއްދަތެއްގެ ތެރޭގައި އިންޑިޔާއަށް ދިއުމުގެ ވިސާ ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވި ކަމަށްޓަކައި އިންޑިޔާގެ ސަފީރަށް ޝުކުރު ދެންނެވި އެވެ. އަދި، އެއަރޕޯޓް ތަރައްޤީކުރުމަށް ކުރީގެ ރައީސް މައުމޫނާއި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އިލްޔާސް އިބްރާހީމަށް ޝުކުރު ދެންނެވި އެވެ.

ރާއްޖޭގައި ހުރި ޑޮމެސްޓިކް އެއާޕޯޓްތައް އަމިއްލަ ފަރާތްތަކާއި ހަވާލުކޮށްގެން ހިންގުން އެއީ ސަރުކާރުގެ ވިސްނުންކަން ރައީސް ހާމަކުރެއްވި އެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގެ ރަށްތަކަށް ސީޕްލޭން ގެ ދަތުރުތައް ފެށުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި މީގެ އިތުރުން އދ. މާމިގިލީ އެއަރޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ވިދާޅުވި އެވެ.

ރައީސްގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރުކަމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އާއި ހދ އަތޮޅު ކައުންސިލުގެ ރައީސް ވާހަކަ ދައްކަވާފައި ވެއެވެ. އަދި އިންޑިޔާގެ ސަފީރާ އައިލެންޑް އެވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވެސް މިރަސްމިއްޔާތުގައި ވާހަކަ ދެއްކެވި އެވެ.

ހަނިމާދޫން ޓުރެވަންޑުރަމަށް ކުރާ ދަތުރުތަކުގެ ޓިކެޓް ފުރަތަމަ ތިން މަސް ދުވަހު ވިއްކުމަށް ހަމަޖައްސާފައި ވަނީ ދެކޮޅަށް 199 ޑޮލަރަށެވެ.

[yass cats=7]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355