ޖަލާލުއްދީން ސްކޫލުގެ ޕްރިފެކްޓް ބޯޑާ މިއަހަރު އަލަށް ގުޅުނު ދަރިވަރުން މިއަދު ހުވާ ކޮށްފިއެވެ.
އައު ޕްރިފެކްޓުން ހުވާ ކޮށްފައިވަނީ މިއަދު ހެނދުނުގެ އެސެމްބްލީގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ސްކޫލުގެ އިސްމަޤާމްތަކާ ހަވާލުވި ދަރިވަރުންނަށް ސެޓްފިކެޓާއި ޝޭޝް ހަވާލުކޮށްދެއްވީ ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށީ ކެމްޕަސްގެ ލެކްޗަރަރ އިބްރާހިމް މުހައްމަދެެވެ. އަދި ދަރިވަރުންނަށް ހުވާ ލައިދެއްވީ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިސްމާއީލެވެ.
މިއަހަރު ޖަލާލުއްދީން ސްކޫލުގެ ކެޕްޓަނަކަށް ހޮވިފައިވަނީ މުހައްމަދު އަލީ އެވެ. ޑެޕިއުޓީ ކެޕްޓަނަކަށް ހުދާ އާދަމާއި މުހައްމަދު ޖުނޫދު ހޮވިފައިވާއިރު މިދަރިވަރުން ރަސްމީކޮށް މަޤާމާއި ހަވާލުވާނީ ގްރޭޑް 12 ގެ ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާގައެވެ. މިއަހަރު ސްކޫލުގެ ސްޕޯޓްސް ކެޕްޓަނަކަށް ހޮވިފައިވަނީ ސަހުމާ އަހުމަދެވެ. އަދި ސްޕޯޓްސް ޑެޕިއުޓީ ކެޕްޓަނަކަށް ހޮވިފައިވަނީ ރަހީމާ މޫސާއެވެ.
ސްކޫލުގެ ހައުސް ތަކުގެ ކެޕްޓަނުންނަށް ވެސް މިއަދު ވަނީ މަޤާމް ހަވާލުކޮށްފައެެވެ. މިގޮތުން އެމަރަލްޑް ހައުސްގެ ކެޕްޓަނަކަށް އީމާން މުހައްމަދު ހޮވިފައިވާއިރު ރޫބީ ހައުސްގެ ކެޕްޓަނަކަށް ހޮވިފައިވަނީ އައިޝަތު ޖަޒީލާ ހުސައިންއެވެ. އުލްފާ އަބްދުލް ލަތީފް ޓޮޕާޒް ހައުސް ކެޕްޓަނަކަށް ހޮވުނު އިރު ސަފާޔާ ހައުސް ކެޕްޓަނަކީ ހަސަން ހުސައިން އެވެ.
މިއަދުގެ މިރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނު ދެއްކެވި ވާހަކައިގާ ޕްރިފެކްޓުންނަކީ އެންމެ އިސް ދަރިވަރުންނަށް ވީއިރު އެހެން ދަރިވަރުންނަށް ނަމޫނާ އަކަށް ވުމަށް ގޮވާލެއްވިއެވެ.
ޖަލާލުއްދީން ސްކޫލުގެ ޕްރިފެކްޓް ބޯޑާ އަލަށް ގުޅުނު 14 ދަރިވަރުންނާއި މިހާރު ޕްރިފެކްޓުންގެ ޖުމްލަ އަދަދަކީ 56 އެވެ.