twitterviber whatsapp telegramfacebookyoutube instagram
22nd May 2024

ކުޅުދުއްފުށީގައި ތާރު އެޅުމަށް ހަމަޖެހިފައިވާ 17 މަގުގެ އަމަލީ މަސައްކަތްތައް މާރޗް މަހު ފެށޭނެ: އެމްއާރުޑީސީ

Feb 5, 2013

ކުޅުދުއްފުށީގައި ތާރު އެޅުމަށް ހަމަޖެހިފައިވާ މަގުތަކުގެ އަމަލީ މަސައްކަތްތައް މާރޗް މަހު ފެށޭނެ ކަމަށް އެމަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ އޮންލައިނުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޒީމް ވިދާޅުވީ މަގުތަކުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ބަލަންޖެހޭ ކަންތައްތައް ނިންމުމަށްފަހު އަންނަ މަހުގައި މަސައްކަތް ފެށޭނެ ކަމަށެވެ. މިގޮތުން މަގުތަކުގައިވާ ނަރުދަމާ އާއި، އެކި އެކި ކޭބަލް ތަކާއި ފެން ހޮޅިތައްހުރި ނެތް ގޮތް ވެސް ބަލަންޖެހޭ ކަމަށާއި އަންނަ އަންގާރަ ދުވަހު ދިރާގާއި އެމްޑަބްލިއުއެސްސީ އާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓު އެކުލަވާލަންވެސް ޖެހޭނެ ކަމަށާއި މިކަން ކުރާނެ ބަޔަކު ހޯދުމަށް ބުރާސްފަތި ދުވަހުގެ ގެޒެޓު ކުރުމަށް ހުށަހަޅާނެ ކަމަށެވެ.

17 މަގެެއްގައި ތާރު އެޅުމުގެ މަސައްކަތް އެމްއާރްޑީސީ އާއި ވަނީ ހަވާލުކޮށްފައެވެ. އެއީ މާލިމީހިނގުމާއި، މަރުކަޒުމަގާއި، ކަނބާ ރަނިހިނގުމާއި، މަގާމްމަގާއި، ނިކަގަސްމަގާއި ، ބަންޑާރަމަގާއި، މިސްކިތްމަގުގެ އިތުރުން ކަސީދާ ގޯޅިއާއި މުރަކަމަގެވެ. އަދި އޭގެ އިތުރުން އަފީފުއްދީންމަގާއި ފަނޑިޔާރުމަގާއި، ސޯފިޔާހިނގުމާއި، މަދަރުސާމަގާއި، ދަނބުމަގާއި، އޯކިޑްމަގު ވެސް އެ 17 މަގުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ޖަލާލުއްދީން ސްކޫލުގެ އުތުރަށް އޮތް މަގާއި، އުތުރު ބަނދަރު ސަރަހައްދުވެސް ހިމެނޭ ކަމަށް ނަޒީމް ވިދާޅުވިއެވެ.

އެމްއާރުޑީސީން މިހާރު ހަދަމުންދަނީ ކުޅުދުއްފުށީ އަމީނީމަގެވެ. އެމަގުގައި މިހާރު ކުރިއަށްދަނީ ފައިނަލް ލެވެލިންގެ މަސައްކަތް ކަމަށާއި، އެމަސައްކަތް ނިމެމުންދާ ވަރަކަށް ގައު އަތުރަމުން ގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ކުޅުދުއްފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އިފްތިތާހުކޮށްފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. ވަހީދު މިދިޔަ ހަފުތާގައި ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355