– އަތޮޅު ކައުންސިލުގެ ޒިންމާދާރު ވެރިޔާގެ މަގާމުން ދުރުކުރަން ނިންމީ ޒާތީ ހަސަދައެއް ފިލުވާލުމުގެ ގޮތުން: އިމާދު
ހދ އަތޮޅު ކައުންސިލުގެ ޒިންމާދާރު ވެރިޔާގެ މަގާމުގައި ހުރި އަހުމަދު އިމާދު އެމަގާމުން ދުރުކުރަން ކައުންސިލުން ފާސްކޮށްފި އެވެ.
އަހުމަދު އިމާދު ޒިންމާދާރު ވެރިޔާގެ މަޤާމުން ދުރުކުރުމަށް ނިންމާފައިވަނީ އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި 8 މެމްބަރުންގެ ތެރެއިން 6 މެމްބަރުން ވޯޓް ދެއްވައިގެންނެވެ. އިއްޔެގެ މި ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެމްބަރު މުޞްޠަފާ ސަލީމް ވޯޓުދެއްވާފައި ނުވާއިރު ނޮޅިވަރަމް ދާއިރާގެ މެމްބަރ ޢަލީ ހުސައިންއާއި، ހަނިމާދޫ ދާއިރާގެ މެމްބަރ މުހައްމަދު ޤާސިމް ބައިވެރިވެލައްވާފައެއް ނުވެއެވެ.
މިކަމާއި ގުޅިގެން އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ރަޝީދު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިދާރީ ގޮތުންނާއި ތަންފީޒީ ގޮތުންވެސް ކުރަން ޖެހޭ މަސައްކަތް އިމާދުއަށް ނުކުރެވޭ ކަމުގެ ޝަކުވާ ބައެއް މެމްބަރުން ކޮށްފައިވާ ކަމަށާއި ކައުންސިލުން އެގޮތަށް ފާސްކުރިނަމަވެސް އެކަމަށް ގޮތެއް ނިންމާނީ ސިވިލްސާރވިސް ކޮމިޝަނުން ކަމަށެވެ. އަދި ހދ އަތޮޅު ކައުންސިލަކީ ބޮޑު ކައުންސިލެއް ކަމަށާއި ސީނިއާ ލެވެލްތައް ގިނަ ނަމަވެސް ބަޖެޓްގެ ތާށިކަމުން އަދާއި ހަމައަށްވެސް އެމަޤާމްތައް ހުސްވާނެ ކަމަށެވެ.
އަހުމަދު އިމާދު ހދ އަތޮޅު ކައުންސިލުގެ ޒިންމާދާރު ވެރިޔާގެ މަޤާމުން ދުރުކުރުމަށް އިއްޔެ ބޭއްވި އެ ކައުންސިލް ބައްދަލުވުމުގައި ނިންމެވުމާ ގުޅިގެން ކުޅުދުއްފުށީ އޮންލައިނުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިމާދު ވިދާޅުވީ ކުރިން އަތޮޅު ކައުންސިލްގެ ރައީސަކަށް ހުންނެވި މުހައްމަދު ޝުކޫރަކީ އެބޭފުޅާއާ ޒާތީ ގޮތުން ޖައްސާލާފައިވާ ފަރާތެއް ކަމަށާއި، އެބޭފުޅާގެ ރިޔާސަތުގައި މަސައްކަތް ކުރަން ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މިގޮތުން ޝުކޫރުގެ އަމަލުތައް ހުންނަ ގޮތުން ޒިންމާދާރު ވެރޔާގެ މަސައްކަތްތައް ކުރުމަށް އުޒުރުވެރިވާކަަމަށް 2012 ވަނަ އަހަރުގެ މެދު ތެރޭގައި ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށްވެސް އިމާދު ވިދާޅުވި އެވެ.
އެހެން ނަމަވެސް އެބޭފުޅާގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިފައި ނުވާނޭ ކަމަށާއި މީޑިޔާ ތަކުގައި ކައުންސިލްގެ ނައިބު ރައީސް ޒަކަރިއްޔާ ޙަސަން ހަޤީގަތާއި ޚިލާފު ވާހަކަތަކެއް ދައްކާފައިވާ ކަމަށްވެސް އިމާދު ވިދާޅުވި އެވެ. އަދި ޒަކަރިއްޔާ ޕާޓީ ބަދަލު ކުރުމާއި ހަމައިން އެބޭފުޅާއާއި ބެހޭގޮތުން އެކިއެކި ވާހަކަ ދައްކާފައިވާކަން އެހެނިހެން އަތޮޅު ކައުންސިލަރުންގެ ފަރާތުން އެނގިފާވާކަންވެސް އިމާދު ވިދާޅުވި އެވެ.
އިމާދު އިތުރަށް ވިދާޅުވީ މަސައްކަތްތައް ދިގުލައިގެން ދިޔުމަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކަން ހިނގާ ގޮތް ކަމަށާއި އެއީ ހަމައެކަނި ހދ އަތޮޅުކައުންސިލުގައި ވާގޮތެއް ނޫން ކަމަށެވެ.